އެއްވަުންތައް ބާއްވާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

ޕީޕީއެމްއިން ދާދި ފަހުން ބޭއްވި ސައިކަލްބުރުގެ ތެރެއިން ފޮޓޯ/ ޕީޕީއެމް

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ބެލުމެއްނެތި އެއްވުންތައް ބާއްވާނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާންމުތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްވެ ނޫޅުމަށް ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގުމާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންވެ، މި ހާލަތުގައި އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވެ ނޫޅުމަށާއި އެންމެހާ ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ ހުރިހާ އެންމެންވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ" ފުލުހުންގެ މެސެޖުގައިވެ އެވެ.

މީގެ ކުރިން އިދިކޮޅު ޕީޕީއެމްއިން ސަރުކާރާ ދެކޮޅަށް ސައިކަލް ބުރުގެ އެއްވުމެއް ބޭއްވުމުން އެ ޕާޓީ ވަނީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އެ އެއްވުމުގައި ބައެއް ފަރާތްތަކުން ތިބީ ގައިދުރުނުވެ މާސްކުވެސް ނާޅަ އެވެ.

ޕާޓީގެ އިތުރުން ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވެސް ޖޫރިމަނާކުރި އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ހިމެނެ އެވެ.

އެއްވުމާ ގުޅޭގޮތުން ފުލުހުން އިންޒާރު ދިންއިރު އަނެއްކާވެސް މިއަދު މާލޭގައި ސައިކަލްބުރެއް ބާއްވަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ނަމަވެސް ޕީޕީއެމްއިން ބުނީ އެއީ އެ ޕާޓީން އިންތިޒާމްކުރާ އެއްވުމެއް ނޫން ކަމަށެވެ.

comment ކޮމެންޓް