ފަޅުވެރިންނާއެކު މަޑަވެލި މަސްދޯންޏެއް ކަރަންޓީނުކޮށްފި

މަޑަވެލި ސީ ވޯލްޑު ދޯނި -- ފޮޓޯ: މޯލްޑިވްސް ފިޝަމެން

މާލެ ސަރަހައްދަށް މަސްކިރުވާފައި ދިޔަ ގދ. މަޑަވެލީ މަސްދޯންޏެއް ކަރަންޓީނުކޮށްފި އެވެ.

މަޑަވެލީ "ސީ ވޯލްޑް" ނަމަކަށް ކިޔާ މަސްދޯނި މިއަދު ރަށަށް ދިޔުމުން ކަރަންޓީނުކޮށްފައިވަކަން އެރަށު ކައުުންސިލްގެ ރައީސް ހަމީޒް އަހުމަދު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެ ދޯނި ހުޅުމާލެއަށް މަސް ކިރުވީ މި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު ދޯނި ފުރާފައިވާ ކަމަށް ދޯނީގެ ވެރިޔާ އާއި ހަވާލާދީ ހަމީޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިވިފައި އޮތީ މަސްކިރުވަސް ހުޅުމާލޭގައި އޮތްއިރު އެ ދޯނީގެ ބައެއް ފަޅުވެރިން މާލެ/ހުޅުމާލެ ފޭބިކަމަށް. އަދި މާލެ ހުޅުމާލެ އިން މީހުން އެ ދޯންޏަށް އެރިކަމަށްވެސް. ދޯނީގެ ވެރިޔާ ކައިރިން އެކަން ސާފުކުރަން އެހީމާ ބުނީ ޔަގީންކަމެއް ނުދެވޭނެޔޭ މީހުން ނުފައިބާ ކަމަކަށްވެސް އަދި ދޯންޏަށް މީހުން ނާރާ ކަމަކަށްވެސް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"އެހެންވެ ދޯނީގެ ވެރިޔާ އާއި ރަށު ޓާސްކުފޯހާ ވެސް މަޝްވަރާކޮށްފަ، މިވަގުތު އެންމެ ރައްްކާތެރި ގޮތަކީ އެއީކަމަށްވާތީ ދޯނި ރަށަށް އައުމުން ކަރަންޓީނުކުރީ،"

މަޑަވެލީ މަސްދޯނި ކަރަންޓީނުކޮށްފައިވަނީ މާލެ އިން ފުރި ދުވަހުން ފެށިގެން 14 ދުވަހަށެވެ. އެ ދޯނީގައި 24 މީހުން ތިބިކަމަށް ދޯނީގެ ވެރިޔާ އާއި ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"ދޯނީގައި ތިބި މީހުންނަށް ކާބޯތަކެއްޗާއި ޒަރޫރީ ބޭނުމަށް ސާމާނު ފޯރުކޮށްދޭނެ ދޯނީގެ ވެރިފަރާތުން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މަޑަވެލި ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މަޑަވެއްޔާ ގުޅިފައިވާ ހޯނޑެއްދޫ އިން ކޮވިޑް19ގެ ކޭސްތަކެއް ފެނުމާ ގުޅިގެން މަޑަވެކިންވެސް ބަލި ފެނިދާނެ ކަމަށްބަލައި ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. ހޯނޑެއްދޫ އިން މިހާތަނަށް 38 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް