ރާއްޖޭގެ އަގު ވެއްޓި، ޓޫރިޒަމަށް ނުރައްކާ ބޮޑު އަހަރަކަށް!

އީޔޫގެ އިސްވެރިން އާ އަހަރުގެ ހިތާބުތަކުގައި "އިގްތިސޯދީ އަނދަ ވަޅެއްގެ" އިންޒާރު ދުނިޔެއަށް ދެއްވި އެވެ. އިންޒާރުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އިގްތިސޯދަކީ ރާއްޖޭގެ އިގްތިސޯދެވެ.

ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު، ޖީޑީޕީ ގެ 30 ޕަސެންޓު ޓޫރިޒަމުން ހިއްސާ ކުރާއިރު ރާއްޖެ އަންނަ ޓޫރިސްޓުންގެ 57 ޕަސެންޓަކީ ޔޫރަޕްގެ ޓޫރިސްޓުންނެވެ. ޔޫރަޕްގެ ބައްރަށް އަންނަ އިގްތިސޯދީ ހީނަރުކަން، ދިވެހި ޓޫރިޒަމަށް ބޮޑަށް ފޯރާނެ ކަމަށް އިގްތިސޯދީ ތަޖުރިބާ ކާރުން އެއްބަސްވެ ލައްވަ އެވެ. ޓޫރިޒަމް އިންޑަސްޓްރީ އަކީ ލަގްޒަރީ ނޫނީ މަތީ ފަންތީގެ ސިނާއަތަކަށް ވުމަކީ އޭގެ އަސްލު މައްސަލަ ކަމަށް އެބޭފުޅުން ދެކެ އެވެ.

"ރާއްޖެއަކީ އެއްވެސް ގޮތަކުން އަގު ހެޔޮ މަންޒިލެއް ނޫން އެއްވެސް ނިސްބަތަކުން. މީހުން ދަތުރު ކުރާނީ އެ މީހުންގެ އަސާސީ ބޭނުންތައް ފުދި މާދަމައަށް ކުރަން ހުރި ކަންތައްތައް ނިމި އޭގެ ފަހުން ދަތުރުކޮށްލާނީ. މީހުން ޗުއްޓީއެއް ނަގާނީ. އެ ޗުއްޓީ ނަގާ އިރުގައި ވެސް އަގު ބޮޑު މަންޒިލަކަށް ދާނީ ވަކި ފެންވަރެއްގެ މީހުން. އެ މީހުން އެކަނި އަންނަން އޮތް ތަނެއް އަހަރުމެންގެ ރާއްޖެއަކީ. މެދު ޓޫރިޒަމެއް ނެތް،" އިގްތިސޯދީ މާހިރެއް ކަމައްވާ އަދި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވި އެވެ. "ހީނަރުކަން އަންނަ އިރަށް މިސާލަކަށް؛ 2009 ގައި ދުނިޔެއަށް އައި ހީނަރުކަމުގައި ރާއްޖޭގެ ޓޫރިޒަމް ދަށްވީ ތިން ޕަސެންޓް. އެ ނިސްބަތުން ޖީޑީޕީ ދައްވީ. ޔޫރަޕް ރެޝަސަންއަކަށްދާނެ ކަމަށް މިހާރު ހުރިހާ އެންމެން ވެސް ގަބޫލުކުރޭ. ދާއިރަށް ރާއްޖެއަށް އަސަރުކުރާނެ،"

Athif Shakoor (mp3)

އިގްތިސޯދު ހީނަރުވެ ރާއްޖޭގެ ޓޫރިޒަމަށް އަސަރުކުރާނެކަން ޔަގީނާ ގާތްވެފައިވާއިރު އެ މައްސަލަ އިތުރަށް ނާޒުކުވެ ގެއްލުން ބޮޑުވާނެ ކަމުގެ ކޮޅުމަތި ވަނީ ލައިގެންފަ އެވެ. ޓޫރިޒަމްގެ އެންމެ ހައި ސީޒަން އަދި ޕީކް ސީޒަން، ފެށުނީ އެންމެ ރަނގަޅު ފެށުމަކުން ނޫނެވެ. ސިޔާސީ ހަލަބޮލިކަމުގައި ޖެހި ރިސޯޓް ސްޕާތައް ބަންދުކުރުމުން ބައިނަލް އަގްވާމީ މީޑިޔާގެ ލޯ ރާއްޖެއަށް އަމާޒުވި އެވެ.

ހޯދަން އަންނަ ހިދުމަތުގެ ރައްކާތެރިކަން ގެއްލޭ ހިސާބަށް ރާއްޖޭގެ ޓޫރިޒަމްގެ ނުރައްކާތެރިކަން ގޮސްފައިވާކަމަށް ޓުރެވަލް އެޖެންޓުން މިހާރު ސިފަ ކުރެ އެވެ. ދިވެހި ޓްއާ އޮޕަރޭޓަރުންގެ ގައުމީ ޖަމްއިއްޔާ، މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް ވިދާޅުވާ ގޮތުން އަސްލެއް ނެތް ތުހުމަތު ތަކުގެ ސަބަބުން ރާއްޖޭގެ އިމޭޖް ހަޑިވެ، ޓްއާ އޮޕަރޭޓަރުން ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވެ ކޮންފިޑެންސް މުޅިންހެން ވަނީ ގެއްލިފަ އެވެ.

"ރާއްޖެއަށް އަންނަ މީހުން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް އެއީ ސްޕާއަށް ދިޔުން، ޑައިވް ކުރުން. މި ފަދަ ކަންކަމާ ގުޅޭ އެފަދަ ވާހަކައެއް މީޑިޔާގައި ފެތުރުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. އެކަމުގެ އިމްޕެކްޓް ކުރާނެ. އަޅުގަނޑުމެންގެ އެޖެންޓުން އެބަވިދާޅުވޭ ބޭރުގެ ބައެއް އޮޕަރޭޓަރުން ކަމާބެހޭ ފަރާތުގެ ސިޓީއާއި ރިސޯޓްތަކުގެ ސިޓީއެއް މި ސްޕާ ހުންނާނީ ހުޅުވިފައި ކަމާއި އެ ސްޕާއިން ލިބޭ ހިދުމަތްތައް ލިބޭނެ ކަމުގެ ގެރެންޓީ ތިމަންނަމެންނަށް ދޭށޭ އޭރުންނޭ ރާއްޖެ އާދެވޭނީ. ހަގީގަތުގައި ރާއްޖޭގެ ސްޕާތަކުގެ ޓްރީޓްމަންޓް އެ މީހުން އައުމުގެ ކުރިން އަންނަނީ ބުކް ކޮށްގެން،" މަލީހު ވިދާޅުވި އެވެ.

Maleeh Jamal (mp3)

ޔޫރަޕުން އަންނަ ޓޫރިސްޓުން ދަށައްދާނެ ކަމަށް ލަފާކުރާއިރު މަލީހުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގެ ޓޫރިސްޓުންގެ އަތުން ރަނގަޅު ނަފާއެއް ހޯދޭނެ ގޮތަށް ޓޫރިޒަމްގެ މާކެޓް ބައްޓަން ނުކުރެވުމެވެ. އޭގެ ސަބަބުން ޓޫރިޒަމްގެ ނަފާ އެތައް ތަނަކުން މިއަހަރު ދަށަށް ދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ރާއްޖެ އަންނަ ޓޫރުސްޓުންގެ މިކްސް ބޮޑު ބައި މި އޮތީ ޔޫރަޕް. ދެން ބާކީ އޮތް 25 ވަރަކަށް ޕަސެންޓް މި އޮތީ ޗައިނާ ކޮރެއާ އަދި އެހެނިހެން ގައުމުތަށް. އެކަމަކު އެ ރޭޝިއޯ މި އަންނަނީ ބަދަލުވަމުން. އެ ބަދަލާއި އެއްކޮށް އެންމެ ބޮޑު ކަންބޮޑުވުމެއް ހުރީ ނިސްބަތުން ޔޫރަޕް މީހުން އަތުން ލިބޭ ފައިސާއަށް ވުރެ އެހެން ހިސާބުތަކުން އަންނަ ފައިސާ މަދުވުން. ރާއްޖޭގެ މާކެޓް ފެށުނީއްސުރެ ބައްޓަންވެފައި މި އޮތީ ޔޫރަޕްގެ މާކެޓަށް. އަޅުގަނޑުމެން ދެކޭ ގޮތުގައި މިފަދަ ކްރައިސިސްއެއްގެ ސަބަބުން ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ،" މަލީހު ވިދާޅުވި އެވެ.

Maleeh Jamal (mp3)

އެކަމަށް އޮތް ހައްލެއް ކަމަށް މަލީހު ވިދާޅުވަނީ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ބޮޑު ބަޖެޓެއް ކަނޑައަޅާ ރާއްޖެ ވަރުގަދައަށް ކެމްޕޭން ކުރުމެވެ. އަދި ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާ "އޯލްވޭސް ނެޗްރަލް" އަށް ރާއްޖެ ރިބްރޭނޑް ކުރުމަކީ މި ވަގުތަށް މިސްނުންތެރި ފިޔަވަޅެއް ނޫންކަމަށް ވެސް މަލީހު ގަބޫލުކުރައްވަ އެވެ. އޭނާގެ ނަޒަރުގައި އެ ޝިއާރު ޓޫރިސްޓުންގެ ހިތްތަކަށް ވެއްދުމަށް ދިވެހިންނަށް އެކަށީގެންވާ ވަގުތެއް އަދި މާލީ ތަނަވަސް ކަމެއް ނެތެވެ. އެއީ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ބަޖެޓް ކުޑަވުމާއި އަމިއްލަ އެއާލައިނެއް ނެތުމުގެ ގޮންޖެހުމެވެ.

"ކްރައިސިސް އަކީ އޮޕަޗްނިޓީއެއް. ފުރުސަތަކަށް ބަދަލުކޮށްލެވިދާނެ ގުޅުންތައް ބަދަހިކޮށްގެން. ހަގީގަތުގައި މި ވަގުތަކީ ބޭރުގެ އޮޕަރޭޓަރުންނާ ވެސް ހާއްސަކޮށް ޔޫރަޕުގެ ބޮޑަތި އޮޕަރޭޓަރުންނާއި ވާހަކަދައްކައިގެން ގުޅުންބަދަހި ކުރަންވީ ވަގުތު. ބޭރުގެ އޮޕަރޭޓަރުންގެ ކޮންފިޑެންސް ވަރުދަގަ ކުރެވިއްޖިއްޔާ އެ ކަށީގެންވާ މިނެއްގައި ހިފެހެއްޓޭނެ. ފެކްޓަކީ ރާއްޖެއަކީ މަގްބޫލް މަންޒިލެއްކަން. އެކަން އެގޮތަށް އޮތިއްޔާ ވަރަށް ފަސޭހައިން ބަދަލު ކޮށްލެވިދާނެ. ތައިލެންޑްގެ މީހުން މެލޭޝިޔާ މީހުން ވަރަށް ވަރުގަދަޔަށް އިޝްތިހާރުކުރޭ. އެމީހުން ބިލްބޯޑްސް ބަސް އަދި ޓްރެއިންގަ ވެސް ވަރަށް ވަރުގަދަ ކެމްޕޭންތައް ޖައްސަނީ. އަޅުގަނޑުމެންނާއި ވާދަވެރި ގައުމުތައް ވެސް،" މަލީހު ވިދާޅުވި އެވެ.

Maleeh Jamal (mp3)

ކްރައިސިސް އިން ފައިދާތަކެއް ނެގެން އޮންނައިރު ސަރުކާރުގެ ވިސްނުން ވެސް ހުރީ އެދިމާލަށެވެ. ޓޫރިޒަމް މިނިސްޓާ މަރިޔަމް ޒުލްފާ ވިދާޅުވާ ގޮތުން ސަރުކާރުން ރާއްޖެ އިޝްތިހާރު ކުރުމަށް އިތުރު މަސައްކަތްތައް ކުރާނެ އެވެ. އަދި އެ މިނިސްޓްރީން އަމާޒު ހިފާފައި ހުރީވެސް ހަމަ އެގޮތަށެވެ.

"އަޅުގަނޑުމެން ރާއްޖެ އިޝްތިހާރު ކުރުމަށް އިތުރަށް މަސައްކަތް ކުރާނަން. އެކަމަށް ހާއްސަ ސަމާލުކަމެއް ދޭނަން. އަޅުގަނޑުމެންނަށް ވެސް އިނގޭ މިއަހަރު ގޮންޖެހުންތައް ބޮޑުވާނެ ކަން. އެކަންކަމަށް ވިސްނަގައިގެން މަސައްކަތް ކުރާނީ،" ޒުލްފާ ވިދާޅުވި އެވެ.

އެކުވެގެން މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ ރާއްޖޭގެ ޓޫރިޒަމަށް މި އަހަރަކީ ބަނަ އަހަރަކަށް ވުން ގާތެވެ. އެއީ އިންވެސްޓަރުންގެ އިތުބާރު ނުހިފެހެއްޓޭ ކަންތައްތަކެއް އަމިއްލަޔަށްވެސް ކުރުމެވެ. އަނެއްކަމަކީ ދުނިޔެއަށް އިގްތިސޯދީ ހީނަރުކަމެވެ. މިކަންކަން ޕޮޒިޓޮވް ދިމާލަކަށް އަބުރާ ނުލެވިއްޖެނަމަ ދުނިޔެ މަތީ ސުވަރުގޭގެ މަންޒަރު ރީއްޗެއް ނުވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް