ޕޮޒިޓިވް ވެގެން ނަތީޖާ ދޭން ބެލިއިރު ހުރީ ގެއިން ބޭރުގައި، މަނަދޫ މޮނީޓަރިންނަށް

މަނަދޫ---

ނ. މަނަދޫގައި ފުރަބަންދު ކަރަންޓީންގައި ހުރި މީހަކަށް ނަތީޖާ ދޭން ބެލި އިރު، އޭނާ ހުރީ ގެއިން ބޭރުގައި ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އޭނާ ޓެސްޓްކޮށްފައިވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް މުއްދަތު ހަމަވެގެންނެވެ. އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، އެ މިހާ ކަރަންޓީންގެ އުސޫލާ ހިލާފުވުމުން އެ ރަށް މިހާރު ވަގުތީ ގޮތުން އަރާ ފޭބުން މަނާކޮށް، މޮނީޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މަނަދޫ ފުރަބަންދުގައި ހުރި މީހާ ސާމްޕަލް ނަގާފައި ނަތީޖާ ދޭން ބެލިއިރު އެ މީހާ ހުރީ ބޭރުގައި. އެހެންވެ ރަށް މިހާރުވަނީ މޮނީޓަރިން ހާލަތައް ގެނެސްފައި،" އެޗްޕީއޭ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު އެ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެ މީހާއާ މީހަކު ބައްދަލުވި ކަމެއް އަދި އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން މަނަދޫ ކައުންސިލް މެމްބަރު އަހްމަދު ރިޝާދު "ސަން"އަށް ވިދާޅުވީ، އެމީހާގެ ކަންކަން ޕަބްލިކް ހެލްތުން ބަލަމުންދާ ކަމަށެވެ. އަދި އޭނާއާ އެއްވެސް މީހަކާ ކޮންޓެކްޓްވިތޯވެސް ބަލަމުންދާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

"އެކަންކަން ބަލަމުން އެ ދަނީ. އޭނާ [ގެއިން ބޭރަށް] ނުކުމެ އުޅެނިކޮށް މީހަކާ ކޮންޓެކްޓްވިތޯވެސް ޕަބްލިކް ހެލްތުން ދަނީ ބަލަމުން،" ރިޝާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް އެ މީހާއާ އެއްވެސް މީހަކާ ކޮންޓެކްޓްވި ކަމަށް އެނގިފައި ނުވާ ކަމަށެވެ.

އެ މީހާ މިއަދު ހުކުރަށް ދިޔަ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ތެދު ވާހަކައެއްތޯ ސުވާލު ކުރުމުން ރިޝާދު ވިދާޅުވީ، އެކަން އޭނާއަށް އެނގިފައި ނުވާ ކަމަށެވެ.

ކަރަންޓީނުގައި ތިބޭ މީހުން ދޫކޮށްލަނީ، ފުރަބަންދުުގެ 14 ދުވަހުގެ މުއްދަތު ހަމަވެގެން އެ މީހެއްގެ ސާމްޕަލް ނަގައި، ނަތީޖާ ނެގަޓިވްވުމުންނެވެ. އެ މީހަކު އެ މުއްދަތު ތެރޭ ބޭރަށް ނުކުތުން އަދި އެހެން މީހަކާ ބައްދަލުކުރުމަކީ މަނާ ކަމެކެވެ.

މިއަދު ރާއްޖެއިން 90 މީހަކު ޕޮޒިޓިވްވިއިރު، 12 މީހަކު ޕޮޮޒިޓިވްވީ އަތޮޅު ތެރެއިންނެވެ. ޖުމްލަ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8،990 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 287 އެވެ. ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 6،846 އެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،107 އެވެ. އޭގެ ތެރެއިން 120 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 951 މީހުންނެވެ.

comment ކޮމެންޓް