ވިންދޭ ތިއީ ...

އެއް ނޭވާއިން ފެންތަށި ބޮއެ ހުސްކޮށްލި އައިވަން ސޯފާއަށް ވެއްޓިގަތެވެ. ބެދެން އުޅޭ މަޅިން މިންޖުވެވޭނޭ ގޮތެއް ނެތި، އެ މަޅިއަށް ފެތެން އޭނަގެ ޒަމީރު ދެކޮޅު ހަދަމުން ދަނީ އެވެ. އިރުކޮޅަކު އައިވަންއަށް ބަލަން ހުރެފައި ނުހާ ކުއްލިއަކަށް އައިވަންގެ ކައިރީގައި އިށީނދެއްޖެ އެވެ.

"ވަގު މީހާ!... ކޮން އިރަކު މެރީ ކުރީ؟..." ނުހާ ސުވާލު ކުރި އެވެ.

********

އައިވަން ބަލައިލީ ނޫމާން އަށެވެ. އޭނަ އިނީ ހިތްހަމަނުޖެހިފައި ކަން ދެނެގަންނަން ނޫމާނަށް އިތުރު ހެއްކެއް ބޭނުމެއް ނުވި އެވެ.

"ނުހާ!.. ތިވާހަކަ ދައްކާނީ ފަހުންނޭ... ދެން އޭނަ ރެސްޓް ކުރަން ފޮނުވާލާ... އެހާ ދުވަސްކޮށްފަ ފެންނަ ތަނުން ތިހާ ސުވާލު ގިނަ ވާކަށް ނުވާނެއޭ..." ނޫމާން އަވަސް އަވަހަށް ބުންޏެވެ.

"އޯކޭ... އޯކޭ... އަވަހަށް ވަޑައިގަންނަވާ..." ކޮޓަރި އާއި ދިމާއަށް އިޝާރާތް ކުރަމުން ނުހާ ބުނީ ލާނެތް ރާގަކަށެވެ.

އައިވަން ނުތެދުވުމުން، ނުހާ އޭނަގެ އަތުގައި ހިފައި ނެގި އެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރީގެ ދޮރުމަތީގައި ބަހައްޓާފައި ދޮރު ކުޑަކުޑަކޮށް ހުޅުވައިލި އެވެ.

"ވަދޭ ވަދޭ... އަލަށް ކައިވެނި ކޮށްގެން އުޅުނަސް، މިގޭގަ ކުޑަ ކުއްޖަކު އުޅޭކަން ހަނދާން ކުރައްޗޭ..." ލާނެތް ރާގަކަށް އެހެން ބުނެފައި ނުހާ ހީގަތެވެ.

އައިވަން ކޮޓަރި ތެރެއަށް ދެމިގަތީ، އޭނަގެ މޫނުމަތީގެ ކުލަވަރު ނުހާއަށް ސިއްރު ކުރުމަށެވެ. ނޫމާން ކުރި ކަމަކުން އޭނަގެ މުޅި ތަބީއަތު ބަދަލުވެއްޖެ އެވެ. އެއްކޮޅުން ނޫމާނެވެ. އަނެއްކޮޅުން އޭނަ އާއި އެ އަންހެން ކުއްޖާގެ ޤަދަރެވެ.

އައިވަން އެތެރެއަށް ވަންހާ އަވަހަށް ނުހާ ދޮރު ލެއްޕުމުން އޭނަގެ ހިތް ރޫރޫ އަޅައިގަތެވެ. ކޮޓަރި ތެރޭގައި އަނަމް ނެތްކަން އެއީ ނަސީބެވެ. އޭނައަށް ބަލައިލެވުނީ ފާޚާނާގެ ދޮރާއި ދިމާއަށެވެ. ފެންމާގަނޑުން ފެންތައް އޮހެމުންދާ އަޑު އިވިއިވި ހުއްޓެވެ.

މާގަނޑުން އޮހެމުންދިޔަ ފެނުގެ އަޑު ކެނޑި ކޮޓަރިތެރެ ހިމޭން ވިއެވެ. އެ ހަމަހިމޭންކަންދެކެ އިންތިހާއަށް ޖެހިލުންވެފައި ހުރި އައިވަންގެ ނޭވާ ހާސްވާހެން ހީވާން ފެށި އެވެ. އެތަނުން ނުކުންނަށް އޭނަގެ ހިތް ތަކުރާރުކޮށް ގޮވަމުން ދިޔަ އެވެ. އެކަމަކު ދޮރު ހުޅުވައިލާ ތަނުން ނުހާ އާއި ކުރިމަތިލާން ޖެހިދާނެތީ، އޭނައަށް އެކަމާއި ވެސް ވިސްނުނެވެ. ހަދަންވީ ގޮތެއް ނޭނގި އޭނަ ވިސްނަން ހުއްޓައި، ފެނުނީ ފާޚާނާގެ ދޮރު ހުޅުވައިލި ތަނެވެ.

********

"ކީއްކުރަން މިތަނަށް ތިއައީ؟..." ދޮރުމަތީގައި ހުރި ސުހާ ފެނި، ފާރޫޤުގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އަސަރެވެ.

"އައިވަން އުޅޭތަ؟... އައިވަން އާ ބައްދަ..." ސުހާއަށް ބުނެވުނީ އެހިސާބަށެވެ.

ފާރޫޤު ބަންލާފައި ދޮރު ޖެހުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. ދޮރުގައި ޓަކި ޖަހައިލަން އުޅެފައިވެސް އޭނަ އަތް ތިރިކޮށްލި އެވެ.

"އަހަންނަކަށް ނޭނގެ އަހަންނަށް ކުރެވުނު ކުށެއް..." ސުހާ ވާހަކަ ދެއްކީ އޭނަގެ ކައިރީގައި ހުރި ނަޖުމާ އަށެވެ.

"ދެން ހިނގާ... އައިވަން ރުޅި އައިއްސަ ހުރީމައޭ ފޯނު ނިވާލައިގެން އެ އުޅެނީ... އޭނަ އަދި ފަހުން އަންނާނެ... ހާސްނުވޭ..." ނަޖުމާ މަސައްކަތް ކުރީ ސުހާގެ ހިތްހަމަޖައްސައިދެވޭތޯ އެވެ.

"މިފަހަރު އަހަރެންގެ ހިތެއް ނުބުނޭ އޭނަ އަންނާނެއެކޭ..." ސުހާ އިސްޖަހައިލި އެވެ.

"މާ އަވަަހަށޭ ތި ހާސްވަނީ... ހާސްނުވެބަލަ..." ނަޖުމާ ބުންޏެވެ.

"ނަޖޫ ބުނެބަލަ... އަހަރެން އެ ހުރިހާ ކަމެއް ކުރަނީ އަހަރެން އެގޮތް ބޭނުންވާތީތަ؟..." ސުހާ އޭނަގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާފައި ނަޖުމާއަށް ބަލައިލި އެވެ. ނަޖުމާ ދެފަރާތަށް ބޯ ހޫރާލި އެވެ.

"އަހަރެންގެ މަޖުބޫރީއެއް އެއްވެސް މީހަކަށް ނުވިސްނޭ... އެންމެންނަށްވެސް އަހަންނަކީ ޖެހޭ ބޭނުންތައް ފުއްދާލަން ބަހައްޓާފަ ހުންނަ ބުދެކޭ އެއްގޮތް..." ސުހާގެ އަޑު ކުރެހުނެވެ.

"އަހަރެން ހިތަށް އަރާ އަހަރެންގެ މި މަޖުބޫރީ އައިވަންއަށް ވިސްނޭނެނަމަ..." ސުހާ ދެރަވެލާފައި ބުންޏެވެ.

"ނުހާ!..." އަކުރުތަކަށް ދަމައިލަމުން ނަޖުމާ ގޮވައިލި އެވެ. "ތިވާހަކަ ދެއްކިޔަސް ވާނެ ފައިދާއެއް ނެތް... ކޮންމެ ގޮތެއް ވިޔަސް، ސުހާއަށް ހަޤީޤަތް ހާމަކުރެވޭކަށް ނެތެއްނު... ހަޤީޤަތް އެނގޭ ދުވަހަކުން އައިވަން ދެރަވާނެ ކަން އަހަންނަށް ހަމަ ސަތޭކަ ޕަސެންޓް ޔަޤީން..." ނަޖުމާ ޔަޤީންކަމާއި އެކުގައި ބުންޏެވެ.

********

އަނަމް ފެންވަރައިގެން ނުކުތީ މެޔާއި ހަމައިން ތުވާލި އޮޅާލައިގެންނެވެ. އަތުގައި އޮތް ކުޑަ ތުވާލިން އިސްތަށިގަނޑުން ފެން ހިއްކަމުން ދިޔައިރު، އަނގައިން މަޑު ރާގެއްގެ އަޑު ލައްވަމުން ދިޔަ އެވެ. ކޮޓަރީގައި އައިވަން ހުރި ކަމެއް އޭނައަކަށް ނޭނގެ އެވެ.

އަނަމް ފެނުމާއިއެކު، އައިވަންގެ ދެލޯ ބޮޑު ވިއެވެ. އަނަމްއަށް ފެނުމުގެ ކުރިން އޭނަ އުޅުނީ އަވަހަށް އެތަނުން ނުކުންނާށެވެ. ފަސްއެނބުރިފައި އޭނައަށް ހިފައިލެވުނީ ތަޅުގަ އެވެ. އަނަމް ހަޅޭއްލަވައިގަތް އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމާލައިފި އެވެ. އޭނަ އަވަހަށް ނުކުންނަން އުޅެގެން ބޯ ޖެހުނީ ދޮރުގަ އެވެ. ދޮރާއި ދުރަށް ޖެހިލަންވެސް ނޭނގި، އޭނަ ހުރީ ދެލޯ މަރައި ބާރުކޮށްލައިގެންނެވެ.

ކޮޓަރި ބޭރުގައި ހުރި ނުހާ އާއި ނޫމާން ވެސް ދިޔައީ ސިއްސައިގެންނެވެ. ނުހާ ބަލައިލުމުން، ނޫމާން އޭނަގެ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިފި އެވެ.

"އަލަށް މެރީކޮށްގެން އުޅޭއިރު ވާނެ އެކަހަލަ ކިތަންމެ ކަމެއް.." ނުހާއަށް ޝައްކު ވެދާނެތީ، ނޫމާން އަވަސް އަވަހަށް ބުންޏެވެ. ނުހާ ދެކޮނޑު އަރުވައިލާފައި ހެމުން ހެމުން ގޮސް ބަދިގެއަށް ވަނެވެ.

********

ކޮޓަރިން ނުކުތްއިރު، އައިވަން ހުރީ ދާހިއްލާ ފޯވެފަ އެވެ. އޭނައަށް ނުކުމެވުނީ ނުހާގެ ކުރިމައްޗަށެވެ. ނުހާ މާ ފާޑަކަށް ބަލައިލާފައި ސިއްރުން ހޭން ފެށުމުން އޭނަ ގޮސް ގެއިން ނުކުތެވެ. ނުހާ އެ ހެނީ ނުބައި މާނައެއް ވިސްނުމުން ކަން އެނގުމުން އޭނަގެ ހިތް ކުރިއަށްވުރެ ނުތަނަވަސް ވިއެވެ.

ގޯތި ތެރޭގައި ބަހައްޓާފައިވާ މޭޒު ކައިރީގައި ނޫމާން އިނީ ކޮފީއެއް ބޯށެވެ. އައިވަން އެދިޔަ ގޮތަށް ގޮސް، ނޫމާންގެ ފުރަގަހުން އޭނަގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލި އެވެ.

"އަހަރެން އަލިފާނަށް ވައްޓާލާފަ ކަލެއަށް ތިހާ އަރާމުގަ އިނދެވޭތަ؟..." އައިވަން ބުންޏެވެ.

ނޫމާން ފަސްއެނބުރި ބަލައިލާފައި އައިވަން ހުރިގޮތް ފެނުމުން ދިމާކޮށްފައި، ހޭން ފެށި އެވެ.

"ރޯފިލީމަ ދޯ ކާލެވޭނީ..." ނޫމާން ބޭނުންވީ އިތުރަށް ދިމާކޮށްލާށެވެ.

"މަޖާކަމެއް ނޫނޭ މީ... ކޮން ކަހަލަ މަޅިއަކަށްތަ ތި ފެއްތީ؟..." އައިވަން ހުރީ އޭނަގެ ދަތްތަކަށް ބާރުކޮށްލައިގެންނެވެ. "އަހަރެން މިދަނީ ކުލީ ކޮޓަރިއެއް ހޯދައިގެން ނިދާލަން..."

"އޭތް އޭތް!... މަޑުކޮށްބަލަ..." ނޫމާން ފުންމައިގެން ތެދުވި އެވެ. "މަ ހުއްޓާ، ކަލެއަށް ކުލީ ކޮޓަރީގަ ނިދާކަށް ނުޖެހޭނެ... އެބަޔަށް ގޮސް ނިދާލާ..."

ގެއާއި ވަކިން، މެހެމާނުންނަށް ޚާއްސަކޮށް ހަދާފައިވާ އިމާރާތް ދައްކައިލަމުން ނޫމާން ބުންޏެވެ. ތަޅުދަނޑި ޖަހައިގަނެގެން، އައިވަން އެދިމާއަށް ހިނގައިގަތުމުން އޭނަ އަވަހަށް ގޮސް ކުރިމައްޗަށް އަރައިފި އެވެ.

"ކީއްވެތަ އެ މަންޖެ ހަޅޭއްލެވީ؟... ކަލޭ ކަމެއް ކުރީތަ؟..." ޝައުޤުވެރިވެލާފައި ނޫމާން އަހައިލި އެވެ.

އައިވަން ދެފަރާތަށް ބޯ ހޫރާލާފައި އިމާރާތާއި ދިމާއަށް ދިޔައީ އެވެ. ނޫމާން ޖަހައިލީ ހިނިގަނޑެކެވެ.

********

ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ހުރި އަނަމްގެ ނޭވާ ވަނީ އަވަސްވެފަ އެވެ. ރުޅި އައިސްގެން ދަތްތަކަށް ބާރުކޮށްލައިގެން ހުރިއިރު، ކޮޓަރި ތަޅު ނުލައި ބެހެއްޓުނީތީ އަމިއްލަ ނަފުސު ކުށްވެރި ކުރަމުން ދިޔަ އެވެ. ހިނގަހިނގައި ވަރުބަލިވެގެން އޭނަ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.

ނަސްމާއަށް ގުޅަންވެގެން ފޯނު ނެގި އަނަމްއަށް ލިބުނީ މާޔޫސްކަމެވެ. އޭނަ ސިމެއް ނުނެގީ، އޭނަ އާއި ހަވާލުވާން އަންނަ ފަރާތުން ހުރިހާ ކަމެއް ހަމަޖައްސައިދޭނެ ކަމަށް ޝާކިރު ބުނެފައި އޮތުމުންނެވެ. އޭނަ ހީކުރީ ދިރިއުޅޭ ތަނުން އިންޓަނެޓުވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

"ވައިފައި ގަނޑެއްހާ ހިސާބުވެސް ނެތް ތަނެއް... ބައްޕަވެސް އަހަރެން ގެނެސް ލާން އެނގުނީ މިކަހަލަ ތަނަކަށްތަ؟..." އަނަމް ހިތާއިހިތުން ޝަކުވާ ކުރަމުން ދިޔަ އެވެ.

ދިރިއުޅެން ޖެހިފައިވާ މާހައުލާއިމެދު ހިތާއި ހިތުން ފާޑު ކިޔަމުންދިޔަ އަނަމްގެ ވިސްނުން މުޅީން އެހެން ދިމާއަކަށް ދަތުރު ކުރި އެވެ. ހިތުގެ އަޑިން އައިވަން އާއި ދިމާއަށް އެތައް އެއްޗެއް ގޮވަމުން ދިޔައިރު، އެ ހާދިސާ ސިފަވާ ކޮންމެ ފަހަރަކު އޭނައަށް މޫނުގައި ބާލީސް އަޅައި ލެވެއެވެ.

އަނަމް އޭނާގެ މުޅި ދުވަސް ހޭދަކުރީ ކޮޓަރި ތަޅުލައިގެން ކޮޓަރީގަ އެވެ. އެތައް އިރަކު ނިދާފައި އޭނައަށް ހޭލެވުނީ އިރު އޮއްސި އަނދިރިވީ ފަހުންނެވެ. އޭރު ބަނޑުހައިވެގެން އޭނަގެ ގައިގައި ތެދުވާނެހައި ހިއްވަރުވެސް ނެތެވެ.

އަނަމް ތެދުވެގެން އައިސް ކުޑަކުޑަކޮށް ދޮރު ހުޅުވައިލި އެވެ. ގޭތެރެއިން ފެންނަމުން ދިޔައީ ފަނޑު އަލިކަމެކެވެ. ދިރޭ ފުރާނައެއްގެ ޚިލަމެއްވެސް ނެތެވެ. މަޑުމަޑުން ދޮރު ހުޅުވައިލާފައި އޭނަ ނުކުތީ ދެފައިގެ ކޮޅު ޖައްސަމުންނެވެ. ފަހަރަކު ތަނެއް ބަލަމުން ގޮސް ކާގެ އާއި ހަމައިން އޭނަގެ ފިޔަވަޅުތައް ހުއްޓިއްޖެ އެވެ. މަޑުމަޑުން ކާގެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އަނަމްގެ ދެލޯ ބޮޑު ވިއެވެ.

ޖަގަށް ފެން އަޅައިގެން ކާގެއިން ނުކުންނަން އައި އައިވަންއަށް އަނަމް ފެނުމާއިއެކު ހުއްޓުނެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނަ އަވަހަށް އިސްޖަހާލައިފި އެވެ. އަނަމް އެތެރެއަށް ވަނުމުން އޭނަ ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ދިޔަ އެވެ.

"މޭޒުމަތީގަ ހުންނާނެ ކާއެއްޗެހި..." އަނަމް އާއި އަރައި ހަމަވެފައި އައިވަން ބުންޏެވެ.

އޭނަ މަޑުވެސް ކޮށްލުމެއްނެތި އެތަނުން ދިޔައީ އަނަމް އެއްޗެއް ބުނެފާނެތީ ޖެހިލުންވެފައި ހުރެ އެވެ. ކަންތައް ވެފައި އޮތް ގޮތުން އޭނައަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެނީ އެވެ. އެ އަންހެން ކުއްޖާ އާއިމެދު އޭނަގެ ހިތުގައި ހަމްދަރުދީ އުފެދިއްޖެ އެވެ. އެ ކުއްޖާ އާއި ދިމާއަށް ބަލައިލިޔަސް، ތުވާލި އޮޅާލައިގެން ހުރި މަންޒަރު އޭނައަށް ސިފަވަނީ އެވެ. ފެންފޮދެއް ފެނިލިޔަސް އޭނައަށް ސިފަވަނީ، އަނަމް ފެންވަރައިގެން ނުކުތްއިރު، ފެންތިކިތައް އެ ހަށިގަނޑުގައި ދަތުރުކުރި މަންޒަރެވެ. އެ ހުރިހާ ކަމެއް ވަނީ އޭނަގެ އިޚުތިޔާރުން ބޭރުގަ އެވެ. އެފަދަ ނުބައި ވިސްނުންތަކުން ދުރުވާން އޭނަ ކިތަންމެ މަސައްކަތެއް ކުރެ އެވެ. އެހެނަސް، އެ ހުރިހާ މަސައްކަތަކާއި އެކުވެސް، އެފަދަ ވިސްނުންތަކުން އޭނައަކަށް ދުރެއް ނުވެވުނެވެ.

އައިވަން ދިޔުމުން އަނަމްއަށް އޭނަގެ މޫނުގައި އަތް އެޅުނެވެ. ލަދުވެތިކަމުގެ މައްޗަށް ރުޅިވެރިކަން އިސްވި އެވެ. ކާން އިންއިރުވެސް، އޭނަގެ ޚިޔާލާއި ވިސްނުން ވަނީ އެ ހާދިސާއަށް ގޮސް ހުސްވެފަ އެވެ. ނުވެސް ހަފާ ދިރުވާލައިގެން އޭނަ އަނެއްކާވެސް ގޮސް ވަނީ ކޮޓަރި އަށެވެ.

********

ކޮޓަރި ކުޑަދޮރު ކައިރީގައި ހުރި ޝާކިރުގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. އޭނަ މަސައްކަތް ކުރަމުން ދިޔައީ ކޮންމެވެސް މީހަކާއި ގުޅޭތޯ އެވެ. ދޭތެރެއަކުން ފަސްއެނބުރި އެނދުގައި އޮތް ނަސްމާ އާއި ދިމާއަށް އޭނަ ބަލައިލަ އެވެ. ގުޅަން މަސައްކަތްކުރި މީހަކާއި ނުގުޅުމުން އޭނަ ކޮޓަރިން ނުކުތެވެ. ފަޅުވެފައިވާ ސިޓިންގްރޫމުގައި ބަހައްޓާފައިވާ ސޯފާގައި ހަށިގަނޑު ދަމާލި ތަނައި، ފޯނުގެ އަނެއްކޮޅުން ހަލޯއޭ ބުނި އަޑު އޭނައަށް އިވުނެވެ. އެމީހަކު ވާހަކަ ދެއްކި ގޮތުންވެސް، ކަންކަން ރަނގަޅު ނޫންކަން އޭނައަށް ވިސްނިއްޖެ އެވެ.

"ކީކޭ؟... ނުފެނުނޭ؟..." އިށީން ބާރުމިނުގައި ތެދުވަމުން ޝާކިރު ބުންޏެވެ.

"ކަލޭ އެތަނަށް ގަޑިއަށް ނުދަނީ ދޯ؟..." ޝާކިރު ހިތްހަމަނުޖެހިފައި ސުވާލު ކުރި އެވެ.

"ކޮން ނޫނެކޭ ކިޔާކަށް... މިހާ އިރު ވާއިރު ޚަބަރެއް ނުވާންވީ ކީއްވެ؟... ބަރާބަރު ގަޑިއަށް ފްލައިޓް ޖައްސާފަ އޮތްކަން އެބަ އެނގޭ... އޭނަ ތިކޮޅަށް ދިޔަކަން ރެކޯޑުތަކުން ފެންނަން އެބައޮތް... އެވަރުންވެސް ކަލޭ ތިބުނަނީ އޭނަ ނުދެއޭ..." ޝާކިރުގެ އަޑު ބާރު ވިއެވެ.

"ހޯދާ... ހުރި ތާކުން ހޯދާފަ ފަތިސްވުމުގެ ކުރިން އަހަންނަށް ޚަބަރުވާތި... އެހެންނޫނީ އަހަރެން މިކަން ފަސޭހަ ގޮތަކަށް ދުލެއް ނުކުރާނަން..." ޝާކިރު ފޯނު ކަނޑާލި އެވެ.

އޭނަ ފަސް އެނބުރުނުއިރު، ދާދި ކައިރީގައި ހުރި ނަސްމާ ފެނި، ސިހިއްޖެ އެވެ.

********

"ޝިޓް ޝިޓް ޝިޓް..." ފައިދަށުގައި އޮތް ދަޅު ފައިން ޖަހައި ހޫރައިލަމުން ޝުވޭބު ބުންޏެވެ.

"ލައްކައެއްހާ ރުފިޔާއޭ އަތުން ބީވެގެން އެދިޔައީ... އެ ހުރިހާއިރު އެއާޕޯޓުގަ އިންތިޒާރު ކުރީމަ ލިބުނު ލަނޑު މީ... މަށަށް ނިދުނު ދަނޑިވަޅު ބަލާފަ، އެ އަންހެން އެތި އެ ރައްކާވީ... ނުލާހިކު ފަސޭހައިން ނިންމާލެވެން އޮތް ކަމެކޭ މީ... މިހާރު މިވީ ބޮޑު މުސީބާތަކަށްނު... ހުވާ މިބުނީ އަތުޖެހޭ އިރަކުން އެ އަންހެން އެއްޗަށް ހޭ އަރުވާލާނަން..." ޝުވޭބު ރުޅި އައިސް ހަޅޭއްލަވަން ފެށި އެވެ.

(ނުނިމޭ)

comment ކޮމެންޓް