ޖޫރިމަނާތަކާ ގުޅިގެން އިދިކޮޅުން ފަންޑުފޮށި ހުޅުވައިފި

މިއަދު އިދިކޮޅު ކޯލިޝަނުން "ހައްގު ފޮށި" ފަންޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް ޕީއެންސީ

އިދިކޮޅުން ހިންގާ ބައެއް ސިޔާސީ ހަރަކާތްތަކާއި ގުޅިގެން ޖޫރިމަނާކޮށްފައިވާތީ އެ ޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ހާއްސަ ފަންޑު ފޮށްޓެއް ހުޅުވައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ހައްގު ފޮށި"ގެ ނަމުގައި ފަންޑުފޮށި ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒާކަން ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ގައިޑްލައިނާ ހިލާފަށް އިދިކޮޅުން ވަނީ އެކި ފަހަރުގެ މަތީން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދާދި ފަހުން ބޭއްވި ސައިކަލު ބުރު މުޒާހަރާއެއްގައި ގައިޑްލައިނާ ހިލާފަށް އަމަލުކޮށްފައިވާތީ ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުންގެ އިތުރުން ޕާޓީވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އެ ފަންޑު ފޮށި މިއަދު ހުޅުވާފައިވާއިރު އެ ފަންޑަށް ފައިސާ ޓްރާންސްފާކުރެވޭނެ ގޮތްތައްވެސް އޮންނާނެ ކަމަށެވެ. އެގޮތުން މިހާރުން ފެށިގެން ބޭންކްް އޮފް ސިލޯން އެކައުންޓަށް ފައިސާ ފޮނުވޭއިރު އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލްގެ އެކައުންޓަށް ފައިސާ ފޮނުވޭނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެ ފަންޑުގެ އެހީގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތްތަކަށް އެހީއެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖެ މިހާރު ދަނީ ދުވަހެއް ދުވަހަކަށް އަޑިއަށް ކަމަށާއި ރާއްޖެ އަޑިއަށް ދިޔުން ހުއްޓުވުން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތްކުރުމަށްޓަކައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތްތައް ދަނީ އިތުރުވަމުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ފަރާތުން އެ ކޯލިޝަނުގައި ހިމެނޭ ޕާޓިތަކަށް ފައިސާ ލިބެން ޖެހޭ ކަމަށާއި އެ ފައިސާ ނުލިބޭ ކަމަށެވެ. އެކަމު އެ ފައިސާ ނުލިބުނު ނަމަވެސް ޕާޓީން ކުރަން ޖެހޭ މަސައްކަތްތަކަށް ހީނަރު ކަމެއް ނައިސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

comment ކޮމެންޓް