އޭރޯފްލޯޓުން ރާއްޖެއަށް ދަތުރު ފަށައިފި

ރަޝިއާގެ ފްލެގް ކެރިއާ އެއިރޯފްލޮޓް ގެ ބޯޓެއް --

ރަޝިއާ އާއި ރާއްޖެ އާއި ދެމެދު ދަތުރުތައް ފަށައިފިއެވެ.


ރަޝިއާގެ ފްލެގް ކެރިއާ އޭރޯފްލޯޓުން ރަޝިއާ-މާލެ ހަފްތާއަކު ދެ ފްލައިޓު ބާއްވަން ވަނީ ނިންމައިފައިވާއިރު ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓު މިއަދު ހެނދުނު ވަނީ ރާއްޖެ އައިސްފައެވެ.

ރަޝިއާ އާއި ރާއްޖެ އާއި ދެމެދު ދަތުރުތައް ބާއްވާނީ ރަޝިއާގެ ޝެރެމެޓޭވޯ އެއާޕޯޓާއި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ.

އެގޮތުން މޮސްކޯގެ ޝެރެމެޓޭވޯ- އެއާޕޯޓާއި ވީއައިއޭއާ ދެމެދު ކުރާ ދަތުރުތައް ބުރާސްފަތި އަދި އާދިއްތަ ދުވަހު ބާއްވާއިރު މާލެ-ޝެރެމެޓޭވޯ ދަތުރުތައް ހުކުރު އަދި އާދިއްތަ ދުވަހު އޮންނާނެއެވެ.

ކޮވިޑުގެ ކުރިން އޭރޯފްލޯޓުން ދިޔައީ މާލެ އަށް ދުވާލަކު އެއް ދަތުރު ބާއްވަމުންނެވެ.

ރަޝިއާ އިން ރާއްޖެއަށް ދަތުރު ފެށިއުރު އެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެކެވެ. ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15ގަ އެވެ.

އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލިފަހުން ޖުމުލަ 9،297 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މި މުއްދަތުގައި ރަޝިއާ އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ނެތްނަމަވެސް އެ ގައުމުގެ ފަތުރުވެރިންވެސް ވަނީ ރާއްޖެ އައިސްފަ އެވެ.

ބޯޑަރު އަލުން ހުޅުވާލާ، ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުއްދަ ދީފައި ވަނީ ރިސޯޓުތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ހޮޓާ އަދި ސަފާރީތަކަށެވެ.

އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުންް ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވާލަން މިހާރު ވަނީ ނިންމައިފަ އެވެ.

އިއްޔެ އިން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެ އަންނައިރު 72 ގަޑިއިރު ހަމަނުވާ، ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ ބޭނުންވާނެ އެވެ.

comment ކޮމެންޓް