ބޭރޫތުގެ ބަނދަރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ބަނދަރުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފަ -- ފޮޓޯ: އޭޕީ

ބޭރޫތު (ސެޕްޓެމްބަރު 11): ލުބުނާނުގެ ވެރިރަށް ބޭރޫތުގައި މިދިޔަ މަހު ގުދަނެއް ގޮވި ފަހުން އިއްޔެ އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑެއް ކޮންޓްރޯލްވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ލުބުނާނުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިއްޔެ އަލިފާން ރޯވީ ބޭރޫތުގެ ބަނދަރުގެ ޑިއުޓީ ފްރީ ސަރަހައްދުގައި ހުރި، ތެލާއި ޓަޔަރު ރައްކާ ކުރާ ގުދަނެއްގަ އެވެ. އަދި އިއްޔެ އަލިފާންގަނޑު އެއްކޮށް ނިއްވާ ނުލެވުނު ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލްވެއްޖެ ކަމަށް އެގައުމުގެ ފަޔާ ފައިޓަރުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.

ބޭރޫތުގެ ބަނދަރުގެ ޑިރެކްޓަރު ބައްސާމް ކައިސީ ވިދާޅުވި ގޮތުގައި އަލިފާން ރޯވީ ލުބުނާނުގެ ބީސީސީ ލޮޖިސްޓިކްސް ކުންފުނިން ކުއްޔަށް ހިފާފާއިވާ ގުދަނެއްގަ އެވެ. އަދި އެ ހާދިސާ ހިނގީ އެ ގުދަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.

މީގެ އިތުރުން ކައިސީ ވިދާޅުވި ގޮތުގައި އެ ގުދަން ހަދާފައި ވަނީ ސިއްހީ އަދި ރައްކާތެރިކަމާ ބެހޭ ގަވާއިދުތަކާ އެއްގޮތަކަށެވެ. އަދި އެ ގުދަނުގައި އަލިފާން ނިއްވާ ސާމާނާއި ފަޔާ އެލާމް ހަރުކޮށްފައި ހުރި ނަަމަވެސް، މިދިޔަ މަހުގެ ހަތަރެއްގައި ހިނގި ބާރުގަދަ ގޮވުމުގައި އެ ސާމާނު ވަނީ ހަލާކުވެފަ އެވެ.

އެ ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގެތަކަށް ލިބުނު ގެއްލުންތަކާ ހެދި ހާލުގައި ޖެހިފައިވާ މީހުންނަށް ދޭން ރައްކާކޮށްފައި ހުރި އެހީގެ ބާވަތްތަކެއް ވެސް އިއްޔެގެ އަލިފާނުގެ ހާދިސާގައި ވަނީ އަނދައިފަ އެވެ. އެގޮތުން ރެޑް ކްރޮސްގެ މެދުއިރުމަތީގެ ޑިރެކްޓަރެއް ކަމަށްވާ ފެބްރީޒިއޯ ކާބޯނީ ވިދާޅުވި ގޮތުގައި ރޯވި ގުދަނުގައި ރައްކާކޮށްފައި ހުރި ތަކެތީގެ ތެރޭގައި ބައި މިލިއަން ލީޓަރުގެ ތެލާއި ކާބޯތަކެތީގެ ޕާރުސަލްތައް ހިމެނެ އެވެ. އަދި އޭގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގެ މަަސައްކަތަށް ހުރަސް އެޅޭނެ އެވެ.

ބޭރޫތުގެ ބަނދަރުގައި ގޮވި ގުދަނަކީ ގަސްކާނާ އާއި ބޮން ހަދަން ވެސް ބޭނުން ކުރެވިދާނެ ކެމިކަލެއް ކަމަށްވާ އެމޯނިއަން ނައިޓްރޭޓް ގިނަ އަދަދަކަށް ރައްކާކޮށްފައި ހުރި ގުދަނެކެވެ. އަދި އެ ކެމިކަލްތައް 2013 ވަނަ އަހަރުން ފެށިގެން ގުދަނުގައި ބަހައްޓާފައި ވަނީ އެކަށީގެންވާ ވަރަށް ރައްކާތެރި ފިޔަވަޅުތައް ނާޅާ ކަމަށް ލުބުނާނުގެ ކުރީގެ ސަރުކާރުން އެއްބަސްވި އެވެ.

އެ ހާދިސާއަށް ފަހު ބޮޑުވަޒީރު ހަސަން ދިއާބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އެގައުމުގެ ސަފީރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުސްތަފާ އަދީބު ވަނީ މިދިޔަ މަހުގެ 31ގައި އެ މަގާމަށް އައްޔަންކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް