މައާފަށް އެދި ޗެނަލް13 އިން ބަޔާން އާންމުކުރަން އަންގައިފި

ބްރޮޑްކޮމްގެ މެންބަރުން ---

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ހިތްވަރުދިން ކޮންޓެންޓު ބްރޯޑްކާސްޓް ކުރި މައްސަލައިގައި ޗެނަލް13 ހިންގާ ކުންފުންޏަށް އިންޒާރުދީ، މައާފަށް އެދި ބަޔާން ނެރުމަށާއި ޝަރުތެއް ނެތި ދެ ދުވަހު އެ ބަޔާން އާންމުކުރަން އަންގަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.

ރައީސްގެ ހަށިކޮޅުގައި ގެއްލުންދިނުމަށް މީހަކު ގޮވާލާފައި ވަނީ ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ލައިވް ޕްރޮގްރާމަކަށް ފޯނުން ގުޅައި ވާހަކަދައްކަމުންނެވެ.

އެ މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމް އިން ނިންމާފައި ވަނީ އެ ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރި ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއް ވަނަ ހަމައިގެ ދެ ވަނަ ނަންބަރާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއް ވަނަ ހަމައިގެ ތިން ނަންބަރާ ހިލާފް ކޮންޓެންޓެއްކަމަށް ކޮމިޝަނުގެ ތަހުގީގަށް ސާބިތުވާ ކަމަށެވެ.

ބްރޯޑްކޮމް އިން ބުނީ މިއީ ޗެނަލް13 އިން ބްރޯޑްކާސްޓް ކުރުމުގެ ހަމަތަކާ ހިލާފުވާ ފުރަތަމަ ފަހަރު ނަމަވެސް އެ ޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ތަކުރާރުކޮށް ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވަމުން އަންނަ ކަމަށެވެ.

އަދި މި މައްސަލައިގެ ހައްސާސްކަމަށް ބަލައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ނުވަތަ ކަމާގުޅޭ ގަވާއިދަކާ ހިލާފުވެއްޖެނަމަ، އެ މައްސަލައިގެ ޒާތަށާއި، ހައްސާސްކަމަށް ބަލައި ގާނޫނާއި ގަވާއިދުގެ އިމުތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

ހަމައެއާއެކު މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި އެ ބަޔާން 14 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، "ރައްޔިތުންގެ އަޑު" ޕްރޮގްރާމް ފެށުމުގެ ކުރިންނާއި 14 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، 20:00 އިން 21:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް13 އިން އާންމުކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް ވެސް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، އޮން-އެއާ ޕްރޮގްރާމްތަކުގައި ރައްޔިތުންނަށް ފޯނުކުރާ ފަރާތުން، އެ ރައްޔިތުމީހާ އޮން-އެއާގައި ސަމާލުވާންވީ ކަންތައްތައް ކިޔާދިނުމަށްފަހުގައި މެނުވީ ފޯނު ކޯލުތައް އޮން-އެއާ ނުކުރުމަށާއި، ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލައިވް އިވެންޓްތައް ބްރޯޑްކާސްޓްކުރުމުގައި ގާނޫނަކާއި ހިލާފު ކޮންޓެންޓެއްގެ ބްރޯޑްކާސްޓް އޮންއެއާވުމުގެ ކުރިން އެފަދަ ކޮންޓެންޓެއް ސެންސަރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޑިލޭއަށް ލައިގެން ބްރޯޑްކާސްޓްކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށާއި، އެކަންތައްތައް ރަނގަޅުކުރުމަށްފަހު 20 ސެޕްޓެންބަރުގެ ކުރިން ކޮމިޝަނަށް އެންގުމަށް މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.

ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އެކަމަށް ގޮވާލި މީހާ މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް