އެޗްޑީސީގެ ކުރީގެ އެމްޑީއަކާ ގުޅޭ މައްސަލަ ލަސްވާ ސަބަބު ހޯދަން އެދިއްޖެ

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރެއްގެ މައްޗަށް އެ ކުންފުނިން ހުށަހެޅި ރިޝްވަތުގެ މައްސަލައެއްގެ ތަހުގީގު ލަސްވާ ސަބަބު ސާފުކޮށްދިނުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެދިއްޖެ އެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް، ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް އެވޯޑްކުރުމަށްފަހު، އެޗްޑީސީގެ އިސްވެރިންތަކެއް 2015 ވަނަ އަހަރު އެއް މިލިއަން ޑޮލަރުގެ ރިޝްވަތަކަށް އެދި ހުށަހެޅި ކަމަށް އެ ކުންފުނިން ތުހުމަތު ކުރެއެވެ. އަދި ރިޝްވަތުގެ ފައިސާ ނުދެއްކުމުން ޕްރޮޖެކްޓު ކެންސަލް ކުރި ކަމަށް ވެސް ސީލައިފް އިން ތުހުމަތު ކުރެއެވެ.

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު (އައްމަޓީ) ސޮއިކޮށް އޭސީސީއަށް އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެޗްޑީސީއާއި ސީލަފް ގްލޯބަލްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފުރަތަމަ ކަމެއްގެ ގޮތުގައި ކުރަން ޖެހެނީ، ހައުސިން ޔުނިޓްތަކުގެ ކޮންސެޕްޓް ޑްރޯވިން ހުށަހެޅުން ކަމަށާއި، އެގްރީމަންޓާ އެއްގޮތަށް ހުށަހަޅަން ޖެހޭ ކޮންސެޕްޓް ޑްރޯވިން އާއި، ޕޯފާމާސް ގެރެންޓީ އެޗްޑީސީ އަށް ހުށަހެޅި ކަމަށެވެ.

ކޮންސެޕްޓް ޑްރޯވިންގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ސީލައިފް ގްލޯބަލްއަށް އަންގަންޖެހޭ އިރު، ހުށަހެޅުނު ކޮންސެޕްޓް ޑްރޯވިންސް އެޕްރޫވްކޮށްފައިވަނީ، ހުށަހެޅިތާ އަށް މަސް ފަހުން ކަމަށާއި ކޮންސެޕްޓް ޑްރޯވިންސް އަށް އެޕްރޫވަލް ދިނުމުގައި އެހާ ބޮޑަށް ލަސްކޮށްފައިވަނީ، އޭރު އެޗްޑީސީގެ ބައެއް އިސް ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާދޭން އެދުމުން، އެކަން ސީލައިފް ގްލޯބަލްގެ ފަރާތުން ނުކުރުމުން ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އަދި ކޮންސެޕްޓް ޑްރޯވިން އަށް އެޕްރޫވަލްދޭ ތާރީހުން ފެށިގެން އެގްރީމަންޓާ އެއްގޮތަށް ހުށަހަޅަންޖެހޭ ޑީޓެއިލް ޑްރޯވިން އެޗްޑީސީއަށް ހުށަހެޅި ނަމަވެސް އެއަށް އެއްވެސް ކޮމެންޓެއް ކުރުމެއް ނެތި، ގަސްދުގައި ޕްރޮޖެކްޓް ހުއްޓުވާފައިވާކަމަށް ވެސް ސިޓީގައިވެއެވެ.

އަދި ޑީޓެއިލްޑް ޑްރޯވިންގްސް ގައި އެއްވެސް މައްސަލައެއްވާކަން ބަޔާންކުރުމެއްނެތި، ޑީޓެއިލްޑް ޑްރޯވިން ހުށަހެޅިތާ ފަސް މަސް ދުވަސް ފަހުން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް
އެޗްޑީސީން އެއްބަސްވުން ބާތިލްކުރި ކަމަށް ސީލައިފް އިން ވަނީ ބުނެފައެވެ.

އައްމަޓީ ބުނެފައި ވަނީ އެޗްޑީސީން، އެއްބަސްވުން ބާތިލުކުރުމުން އޭރު ސީލައިފްގެ މެޖޯރިޓީ ދެ ހިއްސާދާރުން ޝެއާ ދޫކޮށް ދާން ބޭނުންވުމުން، 950،000 ޑޮލަރު ދައްކައި އެ ހިއްސާ ގަންނަން މަޖުބޫރުވި ކަމަށެވެ.

އަދި ޕްރޮޖެކްޓަށް ކުރަންޖެހޭ އިންވެސްޓްމަންޓްގެ ބޮޑުބައެއް ހަރަދުކުރަން ކަނޑައެޅިފައި އޮތީ، އެ ދެ ފަރާތުން ކަމަށް ވުމުން، އެ ފަރާތްތައް ޕްރޮޖެކްޓް ދޫކޮށްދިއުމުން ސީލައިފް އަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ދިޔަ ކަމަށް ވެސް އައްމަޓީ ބުންޏެވެ.

ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރަށް ފާޅުކަން ބޮޑުގޮތެއްގައި ރިޝްވަތު ހުށަހަޅައި، އެއް މިލިއަން ޑޮލަރު ދައްކައިފިނަމަ ބާތިލްކުރި އެގްރީމަންޓް ލިބޭނެ ކަމަށް ބުނެ އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރުގެ ފަރާތުން އެންގިއެވެ.

އަދި އެކަން ކުރީ މެދުވެރިއަކާ އެކުގައި ކަމަށާއި، ރިޝްވަތުގެ ފައިސާ ހޯދަން މެދުވެރިޔާ ލަންކާއަށް ދިއުމުން، ފައިސާ ހުރިކަން ދެއްކުމުން ޕްރޮޖެކްޓް ބާތިލް ކުރި ކުރުން ކެންސަލްކޮށް ޕްރޮޖެކްޓް އަލުން ހަވާލުކުރިކަން އީމެއިލް އަކުން އެންގިކަމަށް ވެސް އައްމަޓީގެ ސިޓީގައި ބުނެފައިވެއެވެ.

އަދި އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ލަންކާގައި އެވަގުތު ހުރި ފުލުހުންގެ ވަޒީފާ އަދާކުރާ ޗުއްޓީގައި ހުރި ފަރާތަކާއި، ފުލުހެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް އެކަން ހިއްސާކޮށް، ސީލައިފް ގްލޯބަލްގެ ކޮންޓްރޯލްޑް އޮޕަރޭޝަންއެއްގެ ގޮތުގައި ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އަދި މައްސަލައާ ގުޅޭ އެންމެހާ ހެކިތައް ލިބުމުން، މެދުވެރިޔާއަށް ފައިސާ ނުދީ އޮޕަރޭޝަން ހިންގުމުގައި ބައިވެރިވި ފަރާތްތަކުގެ އެއްބާރުލުމާއެކު އެ މައްސަލަ ފުލުހުންނަށާއި އޭސީސީއަށް ހުށަހެޅިކަމަށް ސިޓީގައި ބުނެފައިވެއެވެ.

"މި މައްސަލަ ހުށަހަޅާފައިވަނީ، ސީލައިފް ގްލޯބަލްގެ ކޮންޓްރޯލްޑް އޮޕަރޭޝަންގެ ވީޑިއޯއާއި، މެދުވެރިއަކަށްވި ފަރާތުގެ ފޯނަށް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސީޓީ ފޮނުވިކަން އެނގޭ ފޮޓޯތަކާއި، ޕްރޮޖެކްޓް އަލުން ދީފައިވާކަން ބަޔާންކުރާ ސިޓީ އިބާރާތް ކުރެވިފައިވާ ގޮތުގެ ފޮޓޯތަކާއި، މެދުވެރިއަކަށްވި ފަރާތުގެ ފޮޓޯތަކާއި ވަނަވަރުގެ އިތުރުން، ސީލައިފް ގްލޯބަލްގެ މި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ ވަނަވަރުތަކާއެކު، އެފަރާތްތަކުން ހެކިބަސް ދޭން ތައްޔާރަށް ތިބިކަން ބަޔާންކުރުމާއެކު ކަން ފާހަގަކުރަމެވެ." އައްމަޓީ ބުނެފައިވެއެވެ.

އައްމަޓީ ބުނެފައި ވަނީ އޭސީސީން އެ މައްސަލަ ބަލަމުން ދާތީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މައްސަލަ ފައިލްކޮށްފައިވާކަން ޑިސެމްބަރު 2015 ގައި އަންގާފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން ސީލައިފް ގްލޯބަލްގެ ފަރާތުން ނަގަންޖެހޭ ބަޔާންތައް ނެގުން ފިޔަވައި މައްސަލައިގައި އިތުރަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ކުރިކަމެއް ސީލައިފް ގްލޯބަލްއަށް މިއަދާ ހަމައަށްވެސް އަންގާފައި ނުވާކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

އަދި މައްސަލަ ބެލުމުގެ ގޮތުން އޭރުގެ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ލެޕްޓޮޕް އޭސީސީން ހޯދާފައިވާކަމަށާއި، ނަމަވެސް ލެޕްޓޮޕްގައި ހުރި އެންމެހާ ތަކެތި ޑިލީޓްކޮށް އީމެއިލްގެ ރިކޯޑްތައް އެޗްޑީސީގެ ސާވާއިންވެސް ޑިލީޓްކޮށް، ހެކި ފޮރުވުމަށް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މަސައްކަތް ކޮށްފައިވާކަން ސީލައިފް ގްލޯބަލްއަށް ކަށަވަރުކުރެވިފައިވާތީ އެކަން ހިންގާފައިވާ ގޮތް ސާފުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

އަދި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެޗްޑީސީ އިން ހޯދުމަށް އެދިފައިވާ އެއް މިލިއަން ޑޮލަރު ނުދެއްކުމުން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެޗްޑީސީގެ އޭރުގެ އިސްވެރިން ހުރަސްއަޅައި، ޕްރޮޖެކްޓް ހުއްޓުވުމުގެ ސަބަބުން، ފްލެޓްތަކުގެ މަސައްކަތްތައް ނުނިމުގެ ސަބަބުން، ޕްރޮޖެކްޓަށް ފައިސާ ދެއްކި އެތަކެއް ފަރާތްތަކަކަށް އަނބުރާ ފައިސާ ދޭންޖެހި ދިވެހި ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ވެފައިވަނީ، އޭސީސީގެ ފަރާތުން އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވުމުގެ ސަބަބުން ކަމަށް އެ ކޮމިޝަނަށް ގަބޫލުކުރެވޭނަމަ، އެކަން ބަޔާންކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

އަދި ހެކިންގެ ހެކިބަހުން، އެޗްޑީސީގެ ކުރީގެ އެމްޑީ ގެ ފަރާތުން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ފޮނުވައި، ކޭޝް ރެޑީތޯ ބަލައި، ބާތިލްކޮށްފައިވާ އެއްބަސްވުމެއް ދަމަހައްޓަން ސިޓީ ފޮނުވާފައިވާކަން ސާބިތުވާއިރު، ހެކިބަހުގެ އިތުރުން އޮޕްރޭޝަންގެ ވީޑިއޯ މި މައްސަލައިގެ ތަހުގީގަށް ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ދަޢުވާކުރެވޭ ވަރަށް ހެކި ލިބިފައިނުވަނީތޯއާއި، މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާނީ އެޗްޑީސީގެ ކުރީގެ އެމްޑީ ރިޝްވަތުގެ މި ޢަމަލު ހިންގަން އުޅުނުކަމަށް އިޢުތިރާފްވާ ހެކިތައް ގެނެސްދިނުމުންތޯ ސާފުކޮށްދިނުމަށްވެސް ސިޓީގައި ވަނީ އެދިފައެވެ.

comment ކޮމެންޓް