ރުބެއްލާ ނައްތާލެވުނުކަމުގެ ސެޓްފިކެޓް ރާއްޖެއަށް

ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާކަން ފާހަގަކޮށް ޑަބްލިއުއެޗުއޯ އިން ސެޓްފިކެޓެއް ދިނުން -- ފޮޓޯ: އެޗްޕީއޭ

ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާކަން ފާހަގަކޮށް ޑަބްލިއުއެޗްއޯ އިން ސެޓްފިކެޓެއް ދީފި އެވެ.

ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާކަން ފާހަގަކުރުމުގެ ލިޔުން ދީފައިވަނީ މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ 73 ވަނަ ރީޖަނަލް ބައްދަލުވުމުގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މީސަލްސް އާއި ރުބެއްލާ ނައްތާލުމުގެ ޓާގެޓުގެ ތިން އަހަރު ކުރިން ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާ ކަމަށެވެ. ރާއްޖެއަކީ މި ސަރަހައްދުން ރުބެއްލާ ނައްތާލެވުނު ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ.

ދެހާސްތޭވީސް ވަނަ އަހަރު އަންނަންވާ އިރަށް ދެކުނު އިރުމަތީ އޭޝިއާއިން ހިމަބިއްސާއި ރުބެއްލާ ނައްތާލުމަށް ކަނޑައެޅި އަމާޒަށް މި ސަރަހައްދުން ފުރަތަމަ ވާސިލުވި ދެ ގައުމަކީ ރާއްޖެ އާއި ލަންކާ ކަމަށް ޑަބްލިއުއެޗުއޯ އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޮމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް ޑަބްލިއުއެޗްއޯ އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ސެޓްފިކެޓެއް ދީފަ އެވެ.

ރުބެއްލާ ނުވަތަ ޖާމަން މީސަލްސް އަކީ ރުބެއްލާ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެ ބަލި އާންމު ގޮތެއްގައި ޖެހެނީ ނޭވާލުމުގެ ޒަރީއްޔާއިން ބަލި ޖައްސާ ވައިރަސް ހަށިގަނޑަށް ވާސިލުވުމުންނެވެ. އަދި ބަލި ޖެހިފައިވާ މާބަނޑު އަންހެނާގެ ކިބައިން ބަނޑުގައިވާ ކުޑަ ދަރިފުޅަށް ވެސް އެ ބަލީގެ އަސަރު ކުރެެ އެވެ.

ރުބެއްލާ ރާއްޖެ އިން ނައްތާލިއިރު މިހާރު ވެސް ގައުމީ ފެންވަރުގައި ރުބެއްލާއިން ރައްކާތެރިވުމަށް ދަނީ ވެކްސިންވެސް ޖަހަމުންނެވެ.

comment ކޮމެންޓް