ރޮނާލްޑޯގެ 101: ގިނައިން ގޯލު ޖަހަން ފެށީ 30 އިން މަތިވީމަ!

ގްރޫޕް ބީގައި ސްޕެއިންއާއި ޕޯޗުގަލް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އާއްމުގޮތެއްގައި ކުޅުންތެރިއެއްގެ އުމުރުން 30 އަށް އަޅާލުމުން ކުރިން ކިތަންމެ މޮޅަށް ކުޅުނު ނަމަވެސް އެހިސާބުން އެ ތަރިއެއް އޮއްސެން ފަށަ އެވެ. އެކަމަކު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މިއީ އިދިކޮޅެވެ. ސްވިޑަން ކޮޅަށް އެންމެ ފަހުން ޖެހި ދެ ގޯލާ އެކު އިންޓަނޭޝަނަލް ގޯލްގެ އަދަދު 101 އަށް އެރި އިރު، ގިނައިން ގޯލު ޖަހަން ފެށީ ވެސް އުމުރުން 30 އަހަރުގަ އެވެ.

ރޮނާލްޑޯ،35، ވެފައި ވަނީ މިހާރު އެކްޓިވްކޮށް ކުޅެމުންގެންދާ ކުޅުންތެރިންގެ ތެރެއިން 100 އަށް ވުރެ މައްޗަށް ލަނޑުގެ ފަރަގު ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އިންޓަނޭޝަނަލް ލެވަލްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮންނަނީ އިރާންގެ މަޝްހޫރު އަލީ ދާއީ އަތުގަ އެވެ. އިރާންގެ ގައުމީ ޓީމަށް އަލީ ދާއީ ވަނީ 108 ލަނޑު ޖަހަ އިދީފަ އެވެ.

މިވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ދެން އެންމެ ކުރީގައި އުޅެނީ އިންޑިއާގެ ސުނިލް ޗެތުރީ އާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެވެ. ޗެތުރީ 72 ގޯލު ޖަހާފައިވާ އިރު، މެސީ ވަނީ 70 ގޯލު ޖަހައިފަ އެވެ.

ރޮނާލްޑޯގެ ލެގަސީއަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައިރު، ކުރިއަށް އޮތް ސީޒަންގައި އަންނާނެ އިންޓަނޭޝަނަލް ބުރޭކްތަކުގައި އަލީ ދާއީގެ ރެކޯޑް އޭނާ މުގުރާލާނެ ކަމަށް ބެލެވެ އެވެ. ސަބަބެއް ނެތި އެއް ނޫނެވެ. އުމުރުން ކިތަންމެ ދޮށްޓަސް ރޮނާލްޑޯ ހަމަ އަދި ވެސް ދޫނުކުރަނީ އެވެ.

ޕޯޗުގަލްގައި 2004 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ގްރީސް ކޮޅަށް ޖެހި ގޯލުން ބައިނަލް އަގުވާމީ ގޯލުގެ ލިސްޓް ރޮނާލްޑޯ ފެށި އިރު އޭނާއަށް އެންމެ 18 އެވެ. އޭގެ ފަހުން ފުޓުބޯޅައިގެ އެންމެ މަތީ އުދަރެހުގައި ފައިތިިލަ ސާބިތުކުރުމަން އައިސް ރޮނާލްޑޯ މިހާރު އެވަނީ ޙުދު އޭނާވެސް އެ ލެވަލަކަށް އާދަވޭނެ ކަމަށް ދުވަހަކު އުންމީދު ނުކުރާ އަދަދަކަށް ގޯލު ޖަހައިފަ އެވެ.

މީގައި އެންމެ ހާއްސަ ތަންކޮޅަކީ ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން 101 ގޯލުގެ ތެރެއިން 49 ގޯލު ކާމިޔާބުކުރީ އޭނާގެ އުމުރުން 30 އަހަރުވި ފަހުންނެވެ. އެ ފަހުން އޭނާ ވަނީ ގައުމީ ޓީމަށް 47 މެޗު ކުޅެދީފަ އެވެ. ގިނަ ކުޅުންތެރިން ރިޓަޔާ ކުރާ އުމުރުގައި ރޮނާލްޑޯ ހުއްޓުމެއް ނެތި އަދިވެސް ގޯލުތައް އިތުރުކުރާ އިރު އެކަމުގައި އޭނާގެ ވާދަވެރިއެއް ވެސް ގޮތަކަށް ބުނާ ނަމަ ނެތެވެ.

ކުލަބަށާއި، ގައުމަށް 737 ގޯލު ފުރިހަމަ ކޮށްފައިވާ ރޮނާލްޑޯ ބައިނަލް އަގުވާމީ އެންމެ ބޮޑެތި މުބާރާތްތަކުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، އޭނާ އެންމެ ގިނައިން ގޯލު ޖަހާފައި ވަނީ 2016 އަދި 2019 ގަ އެވެ. މީގެން ކޮންމެ އަހަރަކުވެސް ރޮނާލްޑޯ 13 އިންޓަނޭޝަނަލް ގޯލު ޖަހާފައިވާ އިރު، 2017ގައި ވެސް ވަނީ 11 ގޯލު ޖަހައިފަ އެވެ.

comment ކޮމެންޓް