ކާތިކް އާއި ކިއާރާގެ "ބޫލް ބުލައްޔާ 2"ގެ ޝޫޓިން އަންނަ މަހު

ބޫލް ބުލައްޔާ 2--

ކޮރޯނާވައިރަހުގެ ސަބަބުން ޝޫޓިން މެދުކެނޑިފައި އޮތް ފިލްމު "ބޫލް ބުލައްޔާ 2"ގެ ޝޫޓިން އަންނަ މަހު ފެށުމަށް ނިންމައިފި އެވެ.

މި ފިލްމުގެ ނުނެގި ހުރި މަންޒަރުތައް ކުރިން ޝޫޓްކުރަން ނިންމީ މި މަހުއެވެ. ލަކްނޯގައި ފިލްމުގެ ޝޫޓިން ފަށާއިރު ޑައިރެކްޓަރު އަނީސް ބަޒްމީ ބުނީ މިހާރު ލަކްނޯގައި ޝޫޓިން ސެޓުވެސް ހަދާ ނިންމާލެވިއްޖެ ކަމަށެވެ. އަދި ޝޫޓިންނަށް ހޭދަވާނީ 35 ދުވަސްކަމަށެވެ.

ކުރިން ލަކްނޯގައި ހަދާފައި ހުރި ސެޓު ބޭނުންނުކުރުމުގެ ސަބަބުން އެއްކޮށް ހަލާކުވުމާއި ގުޅިގެން ޓީމަށް ޖެހުނީ އަލުން އާ ސެޓެއް ތައްޔާރުކުރާށެވެ. ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު އެކްޓަރު ކާތިކް އާރްޔަންއާއި ބަތަލާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެ އެވެ.

މި ފިލްމަކީ 2007 ގައި އަކްޝޭ ކުމާރު ކުޅުނު "ބޫލް ބުލައްޔާ"ގެ ދެވަނަ ބައެވެ. ފިލްމުގެ ފުރަތަމަ ބައިގައި އަކްޝޭ ކުޅުނީ ސައިކޭސްޓްރިކް އެއްގެ ރޯލެވެ.

comment ކޮމެންޓް