ސުޝާންތުގެ މަރުގެ މައްސަލާގައި އިހުމާލުވެފައިވާ ކަމަށް ބުނުމުން ކަންގަނާގެ އޮފީސް ތަޅާލައިފި

ކަންގަނާ އިއްޔެ މުމްބާއީ އަށް ދިޔައީ ފުލުހުންގެ ހިމާޔަތުގައި--

ބޮލީވުޑުގެ ތަރި ސުޝާންތު ސިންހް ރާޖްޕުތަށް އިންސާފު ހޯދައިދިނުމުގައި އިންޑިއާގެ މަހަރާޝްތުރާ ސަރުކާރުންނާއި މުމްބާއި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނުމުން އެކްޓަރު ކަންގަނާ ރަނައުތުގެ އޮފީސް ބީއެމްސީ ޓީމުން ތަޅާލައިފި އެވެ.

ބޮލީވުޑްގެ ތަރި ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ މައްސަލާގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އޭނާ އަށް އިންސާފު ހޯދައިދިނުމަށް ވާހަކަ ދެއްކި ހަމައެކަނި އެކްޓަރަކީ ކަންގަނާ ރަނައުތުއެވެ. އިއްޔެގެ ވަގުތެއްގައި މުނިސިޕަލް ކޯޕަރޭޝަން އޮފް ގްރޭޓާ މުމްބާއީ (ބީއެމްސީ)ގެ ޓީމެއް ކަންގަނާގެ އޮފީހަށް އެއްވެސް ނޯޓިސް އަކާ ނުލައި ވަދެ އެ ތަން އެއްކޮށް ތަޅާ ސުންނާފަތިކޮށްލިއިރު ކަންގަނާ ވަނީ އެ ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

އޭނާގެ އޮފީސް ތަޅާލާ ވީޑިއޯތަކެއް ޓްވިޓާގައި ހިއްސާކުރަމުން ކަންގަނާ ބުނީ ޑިމޮކްރަސީ އެއްކޮށް މަރުވެއްޖެ ކަމަށެވެ. އިންޑިއާ ލޮކްޑައުންވިއިރުން ފެށިގެން މަނާލީގައި ކަންގަނާ ހުރި އިރު އޭނާ ވަނީ އިއްޔެ މުމްބާއީ އަށް ގޮއްސަ އެވެ. އޭނާ މުމްބާއީ އަށް ދިޔައީ ފުލް ސެކިއުރިޓީގަ އެވެ.

ރިބަޕްލިކްވޯލްޑުން ގެނެސްދޭ "ނޭޝަން ވޯންޓްސް ޓު ނޯ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކަންގަނާ ބުނީ ސުޝާންތަށް އިންސާފު ހޯދައިިނުމަށް ސަރުކާރުގެ އިތުރުން ފުލުހުން ވެސް ނުކުޅެދިފައިވާ ކަމަށެވެ. އެ އިންޓަވިއުގައި އޭނާ ވަނީ ބޮލީވުޑާއިޑްރަގާ ގާތް ގުޅުމެއް އޮންނަ ކަމަށް ވެސް ބުނެފަ އެވެ. އޭނާ ވަނީ އެކްޓަރު ވިކީ ކޯޝަލް، ރަންބީރު ކަޕޫރު ފަދަ އެކްޓަރުންގެ ލޭ ސާމްޕަލް ނެގުމަށް ވެސް ފާޅުގައި ގޮވާލާފަ އެވެ.

އެ އިންޓަވިއުއަށް ފަހު މަހަރާޝްތުރާ ސަރުކާރުގެ ފަރާތުން ކަންގަނާ އަށް އެކި ކަހަލަ ދުއްތުރާ ޖެހުނުއިރު ސަރުކާރުން ވަނީ ބަހުގެ ހަމަލާތަކެއް ވެސް ކަންގަނާ އަށް ދީފަ އެވެ. ކަންގަނާ ބުނީ އެ ހުރިހާ ކަންތައްތަކަކީ ވެސް އޭނާއަށް ބިރުދެއްކުމަށް ކުރި ކަންތައްތަކެއް ކަމަށާއި އެކަންތަކުގެ ސަބަބުން އޭނާ އަށް ލިބުނީ ކުރިއެރުމެއް ކަމަށާއި ބިރު ދެއްކި ނަމަވެސް އެ ބިރަށް ނުސިހޭނެ ކަމަށެވެ.

comment ކޮމެންޓް