ރިއާގެ ބަންދަށް 14 ދުވަސް ޖަހައިފި

ރިއާގެ ބަންދަށް ކޯޓުން ވަނީ 14 ދުވަސް ޖަހާފައި--

ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީގެ ބަންދަށް 14 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފި އެވެ.

ސުޝާންތުގެ މަރުގެ ތަހުގީގުގެ ދަށުން އުފެދުނު މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ބަންދުކުރި ރިއާގެ ބަންދަން 14 ދުވަސްޖެހިއިރު އޭނާގެ ވަކީލު ވަނީ ކަލާފަތުގެ ދަށުން ރިއާ ދޫކޮށްލަންވެސް އެދިފަ އެވެ. ނަމަވެސް ކޯޓުންވަނީ އެކަން ބަލައިނުގެންފަ އެވެ. ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހައްޔަރުކުރި ރިއާ ބަންދުގެ ދުވަސްތައް ގުނަމުންދާނީ ބައިކުއްލާ ޖަލުގަ އެވެ. އޭނާގެ ބަންދަން 14 ދުވަސް ޖެހިއިރު އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީ، ސެމިއުލް މިރަންޑާ އަދި ދިޕޭޝް ސާވަންތުގެ ބަންދުގެ މުއްދަތު ވެސް ވަނީ 14 ދުވަހަށް އިތުރުކޮށްފަ އެވެ.

އެންސީބީ އަށް ދިން ބަޔާނުގައި ރިއާ ބުނީ ސުޝާންތަށް މަސްތުވާތަކެތި ހޯދައިދޭން މަސައްކަތްތައް ކުރި ކަމަށާއި އޭނާ އަކީ ޑުރަގު އެޑިކްޓެއް ކަމަށެވެ. އަދި އޭނާއަށް ކުރެވުނު ހަމައެކަނި ކުށަކީ ސުޝާންތު ކަހަލަ ބައިޕޯލާ މީހެއް ދެކެ ލޯބިވުން ކަމަށެވެ. މީގެ ކުރިން ރިއާ ބުނީ ސުޝާންތު އެ ބަލިން ސަލާމަތްކުރަން ވަރަށް މަސައްކަތްކޮށްދިން ކަމަށާއި އެތައް ފަހަރެއްގެ މަތިން އެކި ޑަކްޓަރުންނަށް ސުޝާންތު ދެއްކި ކަމަށެވެ.

ނަމަވެސް ރިއާގެ އެ ވާހަކަތައް ސުޝާންތުގެ އާއިލާއިން ދޮގުކުރެ އެވެ. ސުޝާންތަކީ ޑުރަގު ބޭނުންކުރާ މީހެއް ނޫންކަމަށާއި އޭނާގެ ބައިޕޯލާ ބަލި ނުހުންނަކަމަށް އާއިލާއިން ބުނެ އެވެ. އާއިލާއިން ބުނާގޮތުގައި އާންމު މީހުން ފަދައިން ސުޝާންތު ވެސް "އެންޒައިޓީ" ހުންނަ ކަމަށެވެ.

ރިއާގެ އެ ވާހަކަތަކަށްް ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ވަނީ ވަރުގަދަ ރައްދެއް ދީފަ އެވެ. ސުޝާންތަށް ބައްޔެއް ޖެހިފައި ހުރިކަން ހަމައެކަނި ރިއާއަށް އެނގި އެ ބައްޔަށް ފަރުވާކުރުމަށް އެކި ޑަކްޓަރުންގެ ލަފާ ހޯދާކަމަށް ބުނި އިރު އަނެއްކޮޅުން ސުޝާންތަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަކީ އެ ބައްޔަށް ފަރުވާއެއްތޯ ބުނެ އަންކިތާ ވަނީ ސުވާލު އުފައްދާފަ އެވެ.

ރިއާގެ ވަކީލުން އަންނަނީ ރިއާ އާއި ޝޮވިކް ކަލާފަތުގެ ދަށުން ޖަލުން މިނިވަންކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އޭގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފައިވެ އެވެ.

comment ކޮމެންޓް