ކޮވިޑް މަރެއްގެ ގޮތުގައި ބަލާ މިންގަނޑަކީ ކޮބާ؟

ކޮވިޑް ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ --

ރާއްޖޭގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެން ފެށުމާ ގުޅިގެން، މަރުވާ މީހުން ކޮވިޑަށް ޓެސްޓު ކުރެ އެވެ. އެގޮތުން މި ފަހުން މަރުވި ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އެއީ ކޮވިޑް މަރުގެ ގޮތުގައެއް ނުބަލަ އެވެ. އެހެންކަމުން ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ސާފުނުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ މިންގަނޑާ ގުޅޭގޮތުން އާންމުންގެ މެދުގައި އަނެއްކާވެސް ސުވާލު އުފެދުނީ، އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަރުވި ހއ. ކެލާ އަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ މީހާގެ މަރަކީ ކޮވިޑު މަރެއްކަމަށް އެޗްޕީއޭ އިން ނިންމުމުންނެވެ. އޭނާއަކީ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހަކަށް ވުމުން، އޭނާ މަރުވީ ކޮވިޑުގެ ސަބަބުން ކަމަށް ނިންމީ ކިހިނެތްތޯ އެއް ބަޔަކު ސުވާލު އުފެއްދި އެވެ.

އާންމުންގެ ސުވާލުތަކާ ގުޅިގެން، ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. މޫސާ މުރާދު ވަނީ ކޮވިޑް މަރެއްގެ ގޮތުގައި ބަލާ ގޮތް ސާފުކޮށްދެއްވައިފަ އެވެ.

ޑރ. މުރާދު ވިދާޅުވީ މުޅި ދުނިޔެއަށް ކޮވިޑް19 ފެތުރި، ބަލީގައި މީހުން މަރުވާން ފެށުމުން، ތަފާސް ހިސާބުތައް ބެލެހެއްޓުމަށް ކޮވިޑް19 ގެ މަރެއްގެ ގޮތުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން މީހަކު މަރުވީ ކޮވިޑް19 ގެ ސަބަބުން ކަމަށް ނިންމާ އޮންނަނީ މައިގަނޑު ދެގޮތެއް ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

"އެއް ގޮތަކީ އިނގެރޭސިބަހުން ބުނަންޏާމު، ޑެތު ޑިއު ޓު ކޮވިޑް. އެ މައިގަނޑު ގޮތެއްގައި މި މާނަކުރަނީ ސީދާ ކޮވިޑް19 ގެ ސަބަބުން މަރުވާ މީހުން،" ޑރ. މުރާދު ވިދާޅުވި އެވެ.

މިހާ ހިސާބަށް އައި އިރު، ކޮވިޑް19 ގެ ސަބަބުން ދިމާވާ މައްސަލަތައް ދެނެގަނެވިފައި ވާއިރު، ސީދާ ކޮވިޑާ ގުޅުންހުރި އަލާމާތްތައް ވެސް ވަނީ ދެނެގަނެވިފަ އެވެ.

"އެހެންވީމަ އެފަދަ ކޮމްޕްލިކޭޝަނެއް ނުވަތަ އެފަދަ މައްސަލަތަކެއް ދިމާވެގެން ބަލިމީހާ ނިޔާވެއްޖެ ކަމަށް ވާނަމަ އެއީ ހަމަ ސީދާ ކޮވިޑް19 ގައި މަރުވި މީހެއް ކަމަށް ބަލާނީ،" ޑރ. މުރާދު ވިދާޅުވި އެވެ.

ދެވަނަ ގޮތަކީ، ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން ވެސް އެހަން ބައްޔެއްގައި އުޅެމުންދާ މީހުންނެވެ. އެހެން ބައްޔެއްގައި އުޅޭ މީހުންނަށް ކޮވިޑް ޖެހުމުން، އެމީހުންގެ ހުންނަ މައްސަލަތައް އިތުރަށް ބޮޑުވެގެން ދެއެވެ.

ނުވަތަ އެ މައްސަލަތަކުގެ ސަބަބުން އަންނަ ކޮމްޕްލިކޭޝަންތަކެއް ސަބަބުން ބަލިމީހާ ނިޔާވާ ގޮތް ދިމާވެ އެވެ.

"މިފަދަ މީހުން ވެސް ހަގީގަތުގައި އެކަން ގޯސްވަނީ ކޮވިޑް ޖެހިގެން ކަމަށް ވާތީ، އެއީ ވެސް ކޮވިޑް މަރެއްގެ ގޮތުގައި އެމީހުން ވެސް ގިންތިކުރެވިގެން މި ދަނީ،" ޑރ. މުރާދު ވިދާޅުވި އެވެ.

ކޮވިޑް މަރެއްގެ ގޮތުގައި ނިންމަނީ މި ދެ ހާލަތުގަ އެވެ. ނަމަވެސް މި ދެ ހާލަތަށް ނުފެތޭ މީހުން މަރުވެގެން ހަދާ ކޮވިޑް ޓެސްޓުތަކުން ވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށް ދައްކަ އެވެ. ނަމަވެސް އެއީ ކޮވިޑްގެ މަރެއް ކަމުގައި ނުބަލައެވެ. އެ ސަބަބު ވެސް ޑރ. މުރާދު ސާފުކޮށްދެއްވި އެވެ

"މިސާލަކަށް އެކްސިޑެންޓެއް ވެގެން ގެންނަ މީހާ އަޅުގަނޑުމެން ޓެސްޓު ކުރާ އިރު ކޮވިޑަށް ޕޮޒިޓިވްވީ، އެހެން ނަމަވެސް އޭނަ މަރުވީ އެކްސިޑެންޓުގެ ސަބަބުން ކަަމށް ވާނަމަ އަދި ކޮވިޑް ޕޮޒިޓިވް ވިޔަސް، އެމީހާގެ މަރު އަޅުގަނޑުމެންނަކަށް ކޮވިޑް މަރެއްގެ ގޮތުގައެއް ނުބެލޭނެ. ނުވަތަ ވިހައެއް ބޮއެގެން، ޒަހަރެއް ކައިގެން މަރުވާ މީހާ، އޭނާ ޓެސްޓު ކުރާ އިރު އަދި ކޮވިޑަށް ޕޮޒިޓިވް ވިޔަސް، އޭނާގެ މަރު ކޮވިޑް މަރެއްގެ ގޮތުގައެއް ނުބެލޭނެ. އަދި ޑްރަގް އޯވަޑޯޒެއް ވެގެން މަރުވާ އިރު ކޮވިޑް ޕޮޒިޓިވް ވިޔަސް، ކޮވިޑް މަރެއްގެ ގޮތުގައެއް ނުބެލެވޭނެ،" ޑރ. މުރާދު ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 31 މީހަކު ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އުމުރުން ދުވަސްވީ މީހުންނާއި އެހެން ބައްޔެއްގައި އުޅޭ މީހުންނަށް ކޮވިޑް19 ގެ ސަބަބުން ނުރައްކާ ބޮޑުވެއެވެ.

comment ކޮމެންޓް