ހޯނޑެއްދޫ ކޮވިޑް ކޭސްތަކުގެ އަދަދު 36 އަށް

ގދ. ހޯނޑެއްދޫ --

ގދ. ހޯނޑެއްދޫއިން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު 36 އަށް އަރައިފިއެވެ.

ހޯނޑެއްދުއިން ފުރަތަމަ ފެނުނު ކޭސްތައް ފެނިިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ.

އޭގެ އިތުރުން ނެގުނު ރެންޑަމް ސާމްޕަލްތަކުން އިތުރު ދެ ކޭސް އެއް ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ފެނިފައެވެ. އަދި އެ ދެ ކޭސްއާ ގުޅުންހުރި 19 ކޭސް އެއް އޭގެ ފަހުން ސެޕްޓެމްބަރު ފަސް ވަނަ ދުވަހުވެސް ވަނީ ފެނިފައެވެ.

އަދި އިއްޔެ އިތުރު 10 މީހެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހުންނަކީ ކުރިން ޕޮޒިޓިވްވި ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އަދި ދެ މީހުންނަކީ ސެކަންޑަރީ ކޮންޓެކްޓުންނެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނީ، މިއަދު ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން އިތުރު ސާމްޕަލެއް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 36 އަށް އަރައިފައެވެ.

ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވީ އެރަށުގައި ތިބި އަލާމަތްތައް ހުރި މީހުންނާއި، ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާ އިތުރު މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ހޯނޑެއްދުއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައި މިހާތަނަށް ނެގި ސާމްޕަލްތަކުން ބަލީގެ އަލާމާތްތައް ހުރި 63 މީހަކު ފެނިފައިވާ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

އެ ރަށުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހާލުދެރަވި ދެ މީހަކު ރޭ ވަނީ ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް