ކަޒުޔޯޝީ މިއުރާ: 53 އަހަރުގައި ވެސް ހުއްޓުމެއްނެތި ދަނޑުމަތީގައި!

ޖަޕާނުގެ ފުޓުބޯޅައިގެ ރަސްގެފާން ކަޒުޔޯޝީ މިއުރާ --- ބީބީސީ

ފުޓުބޯޅައިގެ ރޮނގުން ސަރަހައްދުގައި ޖަޕާނު އަޑު ކިތަންމެ ގަދަ ނަމަވެސް އެގައުމުގެ ދެވަނަ ޑިވިޝަން ފުޓުބޯޅައަކީ މީހުން މާބޮޑު ސަމާލުކަމެއްދޭ ލީގެއް ނޫނެވެ. އެކަމަކު މީގެ ދެތިން އަހަރެއް ކުރިން މުޅި ދުނިޔޭގެ ސަމާލުކަން އެ ލީގަކަށް ހުއްޓި ބޮޑެތި އެތައް ނޫހެއްގެ ލޯ އަމާޒުވެގެން ދިޔައީ 50 އަހަރުގެ ކުޅުންތެރިޔަކު އެ ލީގުގައި ކުޅެމުންދާ ޙަބަރާ އެކު އެވެ. އުމުރަކަށް ބެލުމެއްނެތި ފުޓުބޯޅަ ކުޅޭ ކަޒުޔޯޝީ މިއުރާ ކިޔާ ކުޅުންތެރިއަކުގެ ވާހަކައިން އެތައް ބަޔަކު ވަނީ ހައިރާން ކުރުވާފަ އެވެ.

މިއަހަރަށް 53 އަހަރު ހަމަވާ މިއުރާ ހުއްޓުމެއް ނެތި 35 ސީޒަން ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ހަމަކޮށްފި އެވެ. އެކަމަކު އަދިވެސް އޭނާ ހުރީ ރިޓަޔާ ކުރުމުގެ ވިސްނުމަކު ނޫނެވެ. މި ވާހަކަތައް އާއްމު ކުޅުންތެރިއަކަށް ގަބޫލު ކުރަން ވެސް އުނދަގޫވެދާނެ އެވެ. އެކަމަކު ޖަޕާނުގެ ޔޮކޮހޯމާގެ ކެޕްޓަންކަން ކުރަމުން އަންނަ މިއުރާ ވަނީ އަންނަ ސީޒަނުގައި ވެސް އެކުލަބުގައި މަޑުކުރާނެކަން އިއުލާން ކޮށްފަ އެވެ.

ޖަޕާނުގެ ފުޓުބޯޅައިގެ ރަސްގެފާން ކަޒުޔޯޝީ މިއުރާ --- ބީބީސީ

ޖަޕަނީސް ފުޓުބޯޅައިގެ ރަމްޒުދާރުގެ ފެށުން

ޖަޕާނުގެ ފުޓުބޯޅައިގެ ރަސްގެފާނުގެ ވާހަކަ ފަށަން ޖެހެނީ 1970 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑްކަޕާއި ހިސާބުންނެވެ. ޕެލޭގެ ޖާދުލާ އެކު ބްރެޒިލުން އެފަހަރުގެ ތަށި އުފުލާލި އިރު، އުމުރުން އެންމެ ތިން އަހަރުގެ މިއުރާއަށް އެ މުބާރާތުގެ ވީޑިއޯ އަށް މިލިމީޓަރުގެ ކުޑަ ކެމެރާއަކުން އޭނަގެ ބައްޕަ ދެއްކި އެވެ. އެހިސާބުން ފުޓުބޯޅައާ ދޭތެރޭ އުފެދުނު ލޯބި އޭގެ 50 އަހަރު ފަހުން އަދި ވެސް މެދުކެނޑުމެއްނެތި މިއަދާ ހަމައަށް ވެސް މިއުރާ އާ ކުރަމުން ދަނީ ފަޙުރުވެރިކަމާ އެކު ކަމަށް އޭނާ ބުނެ އެވެ.

"އަހަރެންގެ ބައްޕަ އެފަހަރުގެ ވޯލްޑްކަޕް [1970] ބަލަން މެކްސިކޯއަށް ދިޔަ، އަށް މިލިމީޓަރުގެ ކުޑަ ކެމެރާއަކުން ބައެއް ވީޑިއޯތައް ނަގައިގެން އައިސް އަހަރެންނަށް ދެއްކި. މާ ސާފު ނޫނަސް ކޮންމެސް ވަރަކަށް ވާނުވާ އިނގޭ. ކޮންމެ ދުވަހަކު ވެސް އެ ވީޑިއޯތައް ބެލިން. އެހިސާބުން ފުޓުބޯޅައާ ދޭތެރޭ އުފެދުނީ ބުނެދެން ނޭނގޭ ފަދަ ލޯތްބެއް،" މިއުރާ ބުންޏެވެ.

ޖަޕާނުގެ ޝިޒޫކާއަށް އުފަން މިއުރާ ބުނީ އެންމެ ކުޑައިރުން ސުރެއް ވެސް ބްރެޒިލްއަށް އޭނަގެ ހިތް ދެވުނު ކަމަށެވެ. ޕެލޭގެ ކުޅުން ފެނި އާޝޯހުވެފައި ހުރި މިއުރާގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެހެން ހުރިހާ އެއްޗެއް ދޫކޮށް އުމުރުން 15 އަހަރުގައި ބްރެޒިލްއަށް ބަދަލުވީ ބޮޑު އުންމީދެއްގައި ކަމަށާއި، އެހެން ނަމަވެސް ފުރަތަމަ ތިން އަހަރު ވަންދެން އުޅެން ޖެހުނީ ވޭނުގަ އެވެ. ބްރެޒިލްގެ މާދަރީ ބަސް، ޕޯޗުގީސް އެއްވެސް ވަރަކަށް ނުދަންނަ މިއުރާއަށް ކުރިމަތިވި އިމްތިހާންގެ ވާހަކަ ދައްކަމުން މިއުރާ ބުންޏެވެ.

ޖަޕާނުގެ ފުޓުބޯޅައިގެ ރަސްގެފާން ކަޒުޔޯޝީ މިއުރާ --- ބީބީސީ

"އޭރު ޖަޕާނުގައި ފުޓުބޯޅައަކީ އޮތް އެއްޗެއް ނޫން. އޭރު ލީގެއް ވެސް ނޯވޭ. އެހެންވެ ޖަޕާނުގައި ހުރެގެން ފުޓުބޯޅައިން ކުރިއަށް ދިއުމަކީ ވާނޭ ކަމެއް ނޫންކަން އިނގުނު. ވަރަށް ދަތި ހާލުގައި ފުރަތަމައިން އުޅުނީ. އެކަމަކު ހިތްވަރާ އެކު ޑަބަލް މަސައްކަތް ކޮށްގެން ޕޯޗުގީސް ބަސް ދަސްކޮށް އެތަނުން ރައްޓެހިން ހޯދީ،"

ބްރެޒިލްގެ ސައޯ ޕޯލޯގެ ޓީމެއް ކަމަށްވާ ޔުވެންޓަސްއިން ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ފުޓުބޯޅައިގެ ކެރިއަރެއް ޒުވާން އުމުރުގައި ފެށި މިއުރާގެ އުންމީދުތަކުގައި ކުލަޖެހިގެން ދިޔައީ އޭނަގެ "ސުޕަ ހީރޯ" ޕެލޭ ކުޅުނު ސަންޓޯސްއިން ފުރުސަތު ލިބުމުންނެވެ. މިވަގުތު ދުނިޔޭގެ ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު އިއްތިފާގުވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އުފަންވެސް ނުވާ އިރު ފުޓުބޯޅައިގެ ހަޔާތް މިއުރާ އޭރު ފަށައިފި އެވެ.

ހަތަރު އަހަރު ވަންދެން ބްރެޒިލްގެ އެކި ކުލަބުތަކުގައި ކުޅުމަށް ފަހު 1990 ވަނަ އަހަރު އެނބުރި ޖަޕާނަށް މިއުރާ ދިޔައީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އޭރު ކުރަމުން އައި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ، އަދި އެ މަސައްކަތުގެ ތެރެއިން 1993 ވަނަ އަހަރު ޖަޕަނީސް ޖޭ ލީގު ތައާރަފުކޮށް ޖަޕާނުގެ ފުޓުބޯޅަ މުޅިން އެހެން ހަރުފަތަކަށް ގެންދިޔަ އިރު، މުޅި ލީގުގައި ވެސް ކުޅޭ އެންމެ އަގުބޮޑު ކުޅުންތެރިއަކަށް މިއުރާ ވަނީ ވެފަ އެވެ.

އޭގެ އަހަރެއް ފަހުން މިއުރާ ވަނީ އިޓަލީގެ ގެނޯއާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވެފަ އެވެ. އެހެން ނަމަވެސް ހީކުރި ގޮތާ ޙިލާފަށް ކަންތައްވީ މުޅިން ގޯހަށެވެ. ފުރަތަމަ މެޗަށް ފަހު އަނިޔާވެގެން ސާޖަރީއަކަށް ދާން ޖެހުނީ އެވެ. އަނިޔާގައި ގިނަ ދުވަސްތަކެއް އުޅުމަށް ފަހު މިއުރާ އަލުން އަނބުރާ ޖަޕަނީސް ލީގަށް ޖެހިގެން އައި އަހަރު އަލުން ބަދަލުވެ އަނެއްކާ ވެސް ތަފާތު ދައްކަން ފެށި އެވެ.

ޖަޕާނުގެ ފުރަތަމަ ޑިވިޝަނުގެ އެކި ކުލަބުތަކަށް ކުޅެ ކާމިޔާބީތައް ހޯދަމުން ގޮސް 2005 ވަނަ އަހަރު މިއުރާ އޭނާ މިހާރު ކުޅެމުން އަންނަ ޔޮކޮހޯމާއަށް ބަދަލުވި އިރު، އެންމެން ވެސް ހީކޮށްގެން ތިބީ މިއުރާގެ ފުޓުބޯޅަ ހަޔާތް ނިމުމަކަށް އައީ ކަމަށެވެ. އެކަމަކު ދެވަނަ ޑިވިޝަނުގައި އޮތް ޔޮކޮހޯމާއަށް ކުޅެން ފަށައި، އެކުލަބު ފުރަތަމަ ޑިވޝަނަށް ވެސް ގެންގޮސްދިނެވެ. އެއަށް ފަހު އަލުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ނަމަވެސް 40ގެ އަހަރުތަކުގައި ވެސް ޒުވާން ކުޅުންތެރިންނަށް ދޫނުކުރެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގައި އުމުރުން 49 އަހަރުގައި ވެސް 20 މެޗު ކުޅެ ދެ ގޯލު ކާމިޔާބު ކުރި ޙަބަރާ އެކު މުޅި ދުނިޔޭގެ ސަމާލުކަން މިއުރާއަށް ވަނީ ލިބިފަ އެވެ. ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ ދުވަސްވީ ގޯލް ސްކޯރާގެ ވާހަކަތައް ނޫސްތަކުގެ ބޮޑު ސުރުހީތަކަށް އެ ހިސާބުން އަރައިގެން ދިޔަ އިރު، މިއުރާ ހުރީ އަދިވެސް ކުޅުން ހުއްޓާކަށް ނޫނެވެ.

"އަހަރެން މިހާރުވެސް ކޮންމެ ދުވަހަކު ޕްރެކްޓިސްތަކުގައި ބައިވެރިވަން. އަހަރެން އެންމެ ލޯބިވާ ކުޅިވަރާ ދުރަށް ދެވޭކަށް ނެތް." މިއުރާ ބުންޏެވެ.

comment ކޮމެންޓް