ރާއްޖެއިންް ބޭރުން އަންނަ ދިވެހިންނަށް ޕީސީއާރު ސެޓްފިކެޓު ބޭނުމެއް ނުވާނެ

ވީއައިއޭގައި އިމިގްރޭޝަން އޮފިސަރުންތަކެއް -- ސަން ފޮޓޯ؛ ފަޔާޒު މޫސާ

މާދަމާ އިން ފެށިބައެއް ފަރާގެން ރާއްޖެ އަންނަ ދަތުރުވެރިން އޮން އެރައިވަލް ޕީސީއާރު ސެޓްފިކެޓު ހުށަހަޅަން ޖެހުނު ނަމަވެސް މީގެ ތެރޭގައި ބޭރުން އަންނަ ދިވެހި ރައްޔިތުން ނުހިމެނޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ކޮވިޑް19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާ އިން ފެށިގެން ރާއްޖެ އެތެރެވާ މީހުންގެ ތެރެއިން 14 ދުވަހަށްވުރެ ކުރު މުއްދަތަކަށް ރާއްޖެ އަންނަ މީހުންނާއި ފަތުުރުވެރިންނަށް ރާއްޖެ އެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓެއް އޮން އެރައިވަލްގައި ހުށަހެޅުމުންނެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި ހުޅުވާލިއިރު މިފަދަ ސެޓްފިކެޓެއް ބޭނުމެއް ނުވެ އެވެ. ނަމަވެސް ޓޫރިސްޓުންނަށް ރާއްޖެއަކީ ސިއްހީގޮތުން ރައްކާތެރި ތަނެއްކަމުގެ ޔަގީންކަން ދިނުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބަދަލު ގެނައީ އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެ އެތެރެވާއިރު ހުށަހަޅާ ޕީސީއާރު ޓެސްޓު ސެޓްފިކެޓުގައި ޓެސްޓު ހެދި ލެބޯޓްރީގެ ނަމާއި އެޑްރެސް، ތާރީހު، އަދި ސެޓްފިކެޓުގެ ދޫކުރި ފަރާތުގެ ނަމާއި ސޮއި އޮންނަން ޖެހޭނެ ކަމަށެވެ.

ރާއްޖެ އެތެރެވާއިރު ޕީސީއާރު ސެޓްފިކެޓު ހުށަހަޅަން ނުޖެހޭ މީހުންނަކީ:

  1. ދިވެހި ރައްޔިތުން
  2. ސައްހަ ވޯކްވިސާ ނުވަތަ އެމްޕްލޮއިމެންޓް އެޕްރޫވަލް އޮންނަ މީހުން
  3. ރާއްޖޭގެ ރެޒިޑެންޓް ޕާމިޓް އޮންނަ މީހުން
  4. ފްލައިޓް ކްރޫ
  5. އެއް އަހަރުން ދަށުގެ ކުޑަކުދިން

ޕީސީއާރު ސެޓްފިކެޓު ހުށަހަޅަން ޖެހޭނީ ރާއްޖެ އަންނައިރު ފުރިހަމަކުރާ ހެލްތު ޑިކްލަރޭޝަން ފޯމާއެކު، އިމުގާ ޕޯޓަލް މެދުވެރިކޮށެވެ.

comment ކޮމެންޓް