އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 81 އަހަރުގެ މީހާ ރަނގަޅުވެއްޖެ

ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ސެންޓަރު --- ފޮޓޯ: އޭދަފުށި ޓައިމްސް

ބ. އޭދަފުށީގައި ގާއިމުކޮށްފައިވާ ކޮވިޑް19 އަށް ފަރުވާދޭ މަރުކަޒުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން 81 އަހަރުގެ މީހާ ބަލިން މުޅިން ރަނގަޅުވެއްޖެއެވެ.

އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔައީ 81 އަހަރުގެ ފިރިހެނަކަށެވެ. އޭނާ ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެ ފެސިލިޓީގައި އެޑްމިޓްކުރީ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ.

އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ އެމީހާ ފުރިހަމަ ފަރުވާއަށްފަހު ބަލިން މުޅިން ފަސޭހަވެގެން މިދިޔަ ހޯމަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެކުރިން ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދިން އުމުރުން ދުވަސްވީ މީހަކު ވެސް ބަލިން ރަނގަޅުވެ ވަނީ ދޫކޮށްލައިފައެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިން ބުނެފައި ވަނީ އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ބަލި މީހުން މާލެ ނުގެނެސް، އަތޮޅު ފެސިލީޓީތަކުން ފަރުވާ ދެވޭނެ ގާބިލުކަން ގާއިމުކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް