ނަޝީދު އެ ކުރައްވަނީ ސިޔާސީ ކަމެއް، އަމިއްލައަށް ދުރުވާން ޖެހޭ ސަބަބެއް ނެތް: ފައްޔާޒު

ފައްޔާޒު އިސްމާއިލް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ކުރައްވަނީ ސިޔާސީ ކަމެއް ކަމަށާއި މަގާމުން ދުރުވާން ޖެހޭ ސަބަބެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި އެވެ.

އެކަމާ ގުޅިގެން ފައްޔާޒު މިއަދު "ސަން"އަށް ވިދާޅުވީ، ރައީސް ނަޝީދު އޭނާއަށް ތުހުމަތު ކުރެއްވިކަމުގައި ވިޔަސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އޭނާ މަގާމުން އަމިއްލައަށް ދުރުވާން ޖެހޭ ސަބަބެއްވެސް ނެތް ކަމަށެވެ.

"އަޅުގަނޑު އެ ވިދާޅުވާފަދަ ކަމެއް [ކޮރަޕްޝަންގެ ކަމެއް]ކޮށްފައި ނުވާނެ. އެހެންވީމަ އަޅުގަނޑު އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭ ސަބަބެއްވެސް ނެތް އަދި ރައީސުލްޖުމްހޫރިއްޔާވެސް އަޅުގަނޑު އިސްތިއުފާ ދެއްވަން އަންގާފައި ނެތް. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ނާންގަވަނީސް އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭ ސަބަބެއްވެސް ނެތް،" ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނޭނގޭ ކޮން ސަބަބަކާ ހުރެ ކަމެއް ސިޓީގައި ފާހަގަކޮށްފައިވާ ގޮތަށް ސިޔާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" ރައީސް ނަޝިދު ފައްޔާޒު މަގާމުން ދުރުކުރައްވަން އުޅުއްވަނީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ކުރުމުން ވިދާޅުވިއެވެ.

އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަށްވެސް މިދިޔަ މަހު މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕް ތެރެއިން ބޭނުންވާ އަދަދަށް ސޮއި ހަމަ ނުވެ، އެ މައްސަލަ އޮތީ މަޖިލީހަށް ނުވެއްދިއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފައްޔާޒު ދިފާއުކޮށް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ފައްޔާޒަށް އިތުރުބާރު އެބަ އޮތް ކަމަށެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ރައީސް ނަޝީދު ހަސަން ލަތީފަށް ފޮނުވި ސިޓީގައި ވިދާޅުވީ، ފައްޔާޒު މަގާމުން އެކަހެރިވަޑައިގަތުމަށް އެދިވަޑައިގަންނަވަނީ ޕާޓީއަށް ލިބިދާނެ ގެއްލުމަކަށް ޓަކައި ކަމަށާއި އެއީ ޒާތީ ކަމެއް ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، އޭނާ މަގާމުގައި ހުންނަވައިގެން ޕާޓީއަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

"އަޅުގަނޑު މަގާމުގައި ހުންނަ ހުރުމުގައި އަޅުގަނޑަށް ފެންނަނީ ޕާޓީއަށް ފައިދާވާތަން، އިތުރު ސަޕޯޓު ލިބޭ ތަން. އަޅުގަނޑު ނުދެކެން އަޅުގަނޑު މަގާމުގައި ހުންނަވައިގެން ޕާޓީއަށް ގެއްލުން ލިބޭ ކަމަށް،" އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއިލްގެ ކޮއްކޮ ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައި ވަނީ، އެމްޑީޕީގެ އެއްވެސް މެމްބަރަކާއި އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނެތް ކަމަށެވެ. އަދި ފައްޔާޒު މަގާމުން ދުރުވުމަށް ދަންނަވަނީ ފައްޔާޒާމެދު ޒާތީ މައްސަލައެއް އޮވެގެން ނޫން ކަމަށް އެ ސީޓީގައި ބުނެއެވެ.

"މިހާރުގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީކަމެއް ނޫނެވެ. ޕާޓީ އިން އަޅުގަނޑާއި ހަވާލުވެފައިވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަމިކުރަނީ ސިޔާސީ ނަޒަރަކުންދެކޭނަމަ، މިނިސްޓަރ ފައްޔާޒު އަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަރ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަލުގަނޑު އިލްތިމާސް ދަންނަވަމެވެ." ނަޝީދުގެ ސިޓީފުޅުގައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައިފަ އެވެ. އެއީ ސަރުކާރުގެ ބައެއް މަޝްރޫއުތައް ހަވާލު ކުރުމާ ގުޅުވަ އެވެ. ޕާޓީ ތެރޭގައި "ބްރޯ ހެދިގެން" ފައްޔާޒަށް ނޫޅުއްވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ފައްޔާޒު ވަނީ އެ ތުހުމަތުތައް އެކި ފަހަރު މަތިން ދޮގު ކުރައްވާފައެވެ.

https://sun.mv/142832

comment ކޮމެންޓް