ކުރީގެ ޑެޕިއުޓީ މޭޔަރު ސުޖާއުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރަން ފޮނުވައިފި

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު، އިބްރާހިމް ސުޖާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާކުރަން، އެންޓިކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ފޮނުވައިފިއެވެ.

ސުޖާއުގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ މާލޭ ސިޓީގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާކަމަށް ބުނާ މައްސަލައިގައެވެ.

އޭސީސީން ބުނީ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ އިއްޔެ ކަމަށެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މާލޭ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދުނު ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓުކަމާއި އެ ބިމުގައި، މާލޭ ޕްލޭނިންގ ގަވާއިދާ އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަން މައްސަލައިގެ ލިޔުންތަކުން އެނގޭ ކަމަށެވެ.

ނަމަވެސް އެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ހިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަދީ 15 ޖެނުއަރީ 2014 ގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އަދި "އިމާރާތް ކުރުމުގެ ހުއްދަ" ދޫކޮށްފައިވާ ކަމަށެވެ.

އަދި އެ ހުއްދަތަކަކީ މާލޭ ސިޓީ އިބްރާހީމް ސުޖާއު ސޮއިކޮށް ދޫކޮށްފައިވާ ހުއްދަތަކެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ހަމައެއާއެކު އެ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެ ބިމުގައި ހަތަރު ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން 1995 ވަނަ އަހަރު ހުއްދަ ދީފައިވާކަމަށް، ސުޖާއު ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށް ކަމަށް ވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.

"އެހެން ނަމަވެސް، އެބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައިނުވާކަމާއި، އެލިޔުމަކީ، މާލޭ ޕްލޭނިންގ ގަވާއިދާ އެއްގޮތަށް އެ ބިމުގައި އިމާރާތް ކުރެވޭ އުސްމިނަށްވުރެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހީމް ސުޖާއު ސޮއިކޮށްފައިވާ ލިޔުމެއްކަން ތަހުގީގަށް އެނގެއެވެ." އޭސީސީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، އެ ބިމުގައި ހަތަރު ބުރިއަށް އިމާރާތްކުރުމަށް 1995 ވަނަ އަހަރު ހުއްދަ ދީފައިވާކަމަށް ބުނެ ލިޔުމެއް ދޫކޮށް، މާލޭ ޕްލޭނިންގ ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަދީފައި ވަނީ، ސުޖާއުއަށް އެނގިހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް ކޮމިޝަންގެ ތަހުގީގަށް ސާބިތުކުރެވޭތީ، އޭނާގެ މައްޗަށް، ދައުވާ ކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވަން ނިންމީ ކަމަށެވެ.

comment ކޮމެންޓް