ދުބާއީގެ ކުންފުނިން ފަހުން ފޮނުވި 10 ވެންޓިލޭޓަރު ރަނގަޅު: އެޗްއޯއީސީ

ވެންޓިލޭޓަރު މެޝިނެއް

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ފަހުން ފޮނުވި 10 ވެންޓިލޭޓަރުގައި މައްސަލައެއް ނެތް ކަމަށާއި އެއީ އެގްރިމަންޓްގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.

ދުބާއީ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އެ ކުންފުނިން ފޮނުވި 10 ވެންޓިލޭޓަރު ސްޕެސިފިކޭޝަނަށް ނުފެތޭތީ، ހެލްތް މިނިސްޓްރީން ވަނީ އެ ވެންޓިލޭޓަރުތައް ގަބޫލުނުކޮށްފަ އެވެ.

އެޗްއެއީއޯސީގެ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، ދުބާއީ ކުންފުނިން މިދިޔަ ހަފްތާގައި ފޮނުވި 10 ވެންޓިލޭޓަރު ސްޕެސިފިކޭޝަނަށް ފެތޭތޯ ޗެކްކޮށްފައިވާ ކަމަށެވެ. އެގޮތުން 10 ވެންޓިލޭޓަރު ވެސް މަސައްކަތް ކުރާ އަކަމަށާއި އެއީ ހަމަ ހެލްތުން އެދުނު ސްޕެސިފިކޭޝަނަށް ފެތޭ ވެންޓިލޭޓަރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގްރިމަންޓްގައި ހުރި މޮޑެލްތަކުގެ ވެންޓިލޭޓަރުތައް ހުރީ. ބަރާބަރަށް ވޯކް ކުރޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނިން އަދި ފޮނުވަން ޖެހޭ 65 ވެންޓިލޭޓަރު ހޯދުމަށް ވާހަކަތައް ދައްކަަމުންދާ ކަމަށެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެ ތާރީހެއް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެެވެ.

ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވެފައި ވާތީ، ޖޫރިމަނާ ފައިސާ އެ ކުންފުނީގެ އަތުން ހޯއްދަވާނެ ކަމަށާއި އެތަކެތި ފޯރުކޮށްނުދެވިއްޖެ ނަމަ، ޝަރީއަތަށް ގޮސްގެން ވެސް ގެއްލުމުގެ ބަދަލު ހޯއްދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

އެ ކުންފުންޏަކީ، ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ކަމަށް މީގެ ކުރިން ހެލްތުން ބުނި ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ނޫން ކަމަށް އޮޑިޓް އޮފީހުން ތައްޔާރު ކުރި ހެލްތް މިނިސްޓްރީގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ވެންޓިލޭޓަރުގެ ގެނައުމަށް އެ ކުންފުންނާ ހަވާލު ކުރީ އެވެސް ގެރެންޓީއެއް ނުނަގާ 90 ޕަސަންޓަށްވާ ފައިސާ އެޑްވާންސަށް ދީގެންނެވެ. އެއީ 30.9 މިލިއަން ރުފިޔާ އެވެ. ޖުމްލަ އަގަކީ 34.50 މިލިއަން ރުފިޔާ އެވެ.

އޮޑިޓު ރިޕޯޓުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތައް މިހާރު އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް