ބެލަރޫސްގެ ސިޔާސީ ހައްޔަރީން ދޫކޮށްލަން އީޔޫއިން ގޮވާލައިފި

ބެލަރޫސްގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު އެގައުމުގެ ސަރުކާރާ ދެކޮޅަށް އެތައް ހާސް މީހުން ދަނީ މުޒާހަރާ ކުރަމުން -- ފޮޓޯ: އޭއެފްޕީ

ބްރަސެލްސް (ސެޕްޓެމްބަރު 9): ބެލަރޫސްގެ ރިޔާސީ އިންތިހާބު މިދިޔަ މަހުގެ ނުވައެއްގައި ބޭއްވުމުގެ ކުރިންނާއި ފަހުން އެގައުމުން ސިޔާސީ ސަބަބުތަކާ ހެދި ހައްޔަރު ކުރި އެންމެން ދޫކޮށްލަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ގޮވާލައިފި އެވެ.

ބެލަރޫސްގައި މިދިޔަ އާދިއްތަ ދުވަހު ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާގައި އެތައް ސަތޭކަ މީހުން ހައްޔަރު ކުރި ފަހުން އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާސް، ޖޯސެފް ބޮރެލް ވަނީ އެގައުމުން ސިޔާސީ ސަބަބުތަކާ ހެދި މީހުން ހައްޔަރު ކުރުން ކުށްވެރި ކުރައްވާފަ އެވެ.

"ބެލަރޫސްއިން ދަނީ އެގައުމުގެ ރައްޔިތުން ބިރުގަންނަވާ، އެމީހުން ބިރު ގަންނަވަން ފުރުސަތުދީ، އެގައުމުގެ އަމިއްލަ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފުވަމުންކަން އެބަ ސާފުވޭ،" ބޮރެލް ވިދާޅުވި އެވެ.

މީގެ އިތުރުން ބެލަރޫސްގެ ރައްޔިތުންގެ ޑިމޮކްރެޓިކް އަދި އަސާސީ ހައްގުތަކަށް އިހުތިރާމުކޮށް ގައުމަށް ދިފާވެފައިވާ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޮރެލް ގޮވާލެއްވި އެވެ. އަދި އާދިއްތަ ދުވަހުގެ މުޒާހަރާގައި ހައްޔަރު ކުރި 633 މީހުންނާއި އެ ނޫން ހާލަތްތަކުގައި ވެސް ހިފަހައްޓާފައިވާ ސަރުކާރާ އިދިކޮޅު ފަރާތްތައް ދޫކޮށްލުމަށް އޭނާ ގޮވާލެއްވި އެވެ.

އެ މައްސަލައާ ގުޅިގެން އީޔޫއިން ވަނީ މިމަހުގެ މެދު ތެރޭގައި ބެލަރޫސްގެ އިސް 31 އޮފިޝަލަކާ ދެކޮޅަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ބެލަރޫސްގައި ވެރިކަން ކުރައްވާތާ 26 އަހަރުވެފައިވާ ރައީސް އެލެގްޒެންކާ ލުކަޝެންކޯ އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ އެގައުމުގައި ދަނީ ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ.

އެގޮތުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި މުޒާހަރާއަށް ފަހު ޖެހިގެން އައި ދުވަހު އިދިކޮޅު ލީޑަރެއް ކަމަށްވާ މަރިއާ ކޮލެސްނިކޯވާ، ގައުމުގެ ވެރިރަށް މިންސްކްގެ މަގެއް މަތިން ގަދަކަމުން ވޭނަކަށް އެރުވި މަންޒަރު ބަޔަކަށް ފެނިފައިވާ ކަމަށް ބެލަރޫސްގެ މީޑިއާއަކުން ރިޕޯޓު ކުރި އެވެ.

އޭގެ ފަހުން އެގައުމުގެ ބޯޑާ ސާވިސްއިން ވަނީ އެގައުމާއި ޔޫކްރެއިންއާ ގުޅޭ އެއްގަމު ބޯޑަރު ހުރަސް ކުރަން ދިޔަ ކާރަކުން ކޮލެސްނިކޯވާ ފެނުނު ކަމަށް ބުނެފަ އެވެ. އަދި ބޯޑަރު ހުރަސް ކުރާ ހިސާބުން ކާރުގެ ސްޕީޑު ބާރުކޮށް، ކޮލެސްނިކޯވާ އުޅަނދުން ވައްޓާލި މަންޒަރު ފެނުނު ކަމަށާއި އޭގެ ފަހުން އޭނާ ހިފަހައްޓާފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

ޔޫކްރެއިން އިންޓަފެކްސް ނޫހުން ބުނި ގޮތުގައި ކޮލެސްނިކޯވާ އެގައުމުގެ ބޯޑަރަށް ދިޔައީ ބަޔަކު އޭނާ ޑީޕޯޓު ކުރަން މަސައްކަތް ކުރުމުންނެވެ. އަދި އެކަން ނާކާމިޔާބު ކުރުމަށްޓަކައި ކޮލެސްނިކޯވާ އޭނާގެ ޕާސްޕޯޓު ވީދާލި އެވެ.

ބެލަރޫސްގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އެގައުމުގެ ރިޔާސީ އިންތިހާބުގައި ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ. އެ ނަތީޖާ އިއުލާން ކުރި ފަހުން ތިކަނޯސްކަޔާ ވަނީ އޭނާގެ އާއިލާއަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ.

ލުކަޝެންކޯ ވަނީ އޭނާ އިންތިހާބު އޮޅުވާލި ކަމަށް ބުނާ ތުހުމަތުތައް ދޮގު ކުރައްވައި، އެގައުމުގެ އިދިކޮޅު ފަރާތްތައް ކޮންޓްރޯލް ކުރަމުން ދަނީ ބޭރުގެ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވެރިކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް