ރައީސް ވަހީދު 1000 ރުފިޔާއިން ޖޫރިމަނާކޮށްފި

މިއަދު އިދިކޮޅުން ބޭއްވި އެއްވުމުގައި ޑރ. ވަހިދު ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ގައިޑްލައިނާ ހިލާފަށް އިދިކޮޅުން މާލޭގައި ބޭއްވި އެއްވުމަކާ ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، މިއަދު ޖޫރިމަނާކޮށްފިއެވެ.

އެ މައްސަލައިގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒާކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. ވަހީދު މިއަދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

ރައީސް ވަހީދުގެ ގާނޫނީ ވަކީލު މުހައްމަދު ރާޣިބު ވިދާޅުވީ މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް، އެމަނިކުފާނު 1000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި އެޗްޕީއޭގެ ގަވާއިދާ ހިލާފުވި ކަމަށް ފުލުހުން ކުރާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރުކުރެއްވި ކަމަށާއި، މާސްކަ ނާޅުއްވައި ހުންނެވީ ޕީޕީއެމްގެ އޮފީސް ތެރޭގައި ކަމަށާއި، މާސްކް ނާޅުއްވައި ބޭރަށް ނުކުމެފައި ނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށެވެ.

ދެއްކި ވާހަކައަކަށް ނުބަލާ، ބަޔާން ނެގި ގޮތަށް ހަމަ ޖޫރިމަނާގެ ޗިޓު ޗިޓު ދިނީ. ކަނޑައެޅގެން އެހެންވީމަ މި ގެންދިޔައީ ޖޫރިމަނާ ޗިޓު ތައްޔާރުކޮށްފަ ހަވާލުކުރަން ކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ދޭހަވެގެން ދިޔަ،" ވަކީލު ވިދާޅުވިއެވެ.

ވަކީލު ވަނީ ޑރ. ވަހީދާ މެދު ފުލުހުން ތަފާތު ގޮތަކަށް އަމަލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް އެތައް ފަހަރަކު އެޗްޕީއޭގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނާ މެދު ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސޯޝަލް މީޑިއާއިންނާއި ހަބަރުތަކުން ފެނުނު ސޯޓުކޮޅެއް ލައިގެން ޓީޝާޓު ގަނޑެއް ތުރުކުރައްވައިގެން، މަގުމަތީގަޔާ އަތިރިމަތީގަޔާ އެތަން މިތަނުގައި މާސްކެއް ނާޅުއްވާ ވައްތަރު ވައްތަރަށް އެނބުރެމުން ދާތަން ވެސް ފެނިވަޑައިގަންނަވާނެ. އެހެންވީމަ ވަކި ބޭފުޅަކަށް ވީމާ ވަކި ގޮތަކަށް ކަންތައް މިކުރަނީ،" އޭނާ ވިދާޅުވިއެވެ.

މާލޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާތީ އެ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މަގުމަތީގައި އުޅޭ އިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި ފަސް މީހުނަށް ވުރެން ގިނަ އިން އެއްވުމަކީ ވެސް މަނާ ކަމެކެވެ.

ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ މާލޭގައި ސައިކަލު ބުރެއް ބާއްވައި އެ ދެ ޕާޓީގެ އޮފީސް ކުރިމައްޗަށް އެއްވެފަ އެވެ. އަދި ސައިކަލް ބުރުގެ ތެރޭގައި ބައެއް މީހުނާއި ލީޑާޝިޕްގެ ބޭފުޅުން މާސްކް ތިރިކޮށްގެން ހުރި ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.

އެގޮތުން ޑރ. ވަހީދު ވާހަކަފުޅު ދައްކަވަން ގެންދެވިއިރު، ހުންނެވީ މާސްކު ނާޅުއްވަ އެވެ. އަދި ގައިދުރުކަމެއް ވެސް ނެތެވެ.

އެކަމާއި ގުޅިގެން ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ޖޫރިމަނާ ވެސް ކޮށްފަ އެވެ.

comment ކޮމެންޓް