ބެލަރޫސްގެ އިދިކޮޅު ލީޑަރަކު ޔޫކްރެއިންގެ ބޯޑަރު ކައިރިން ހިފަހައްޓައިފި

ބެލަރޫސްގެ ބޯޑަރު އޮފިޝަލުން ވަނީ އެގައުމުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ މަރިއާ ކޮލެސްނިކޯވާ ހިފަހައްޓާފަ -- ފޮޓޯ: އޭޕީ

މިންސްކް (ސެޕްޓެމްބަރު 8): ބެލަރޫސްގެ އިދިކޮޅު ލީޑަރެއް ކަމަށްވާ މަރިއާ ކޮލެސްނިކޯވާ އެގައުމުގެ ވެރިރަށް މިންސްކްގެ މަގެއް މަތިން އިއްޔެ ގަދަކަމުން ވޭނަކަށް އަރުވައިގެން ގެންދިޔަ ކަމަށް ރިޕޯޓު ކުރި ފަހުން، އޭނާ އެގައުމާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރިން މިއަދު ހިފަހައްޓާފައިވާ ކަމަށް ބެލަރޫސްގެ އޮފިޝަލުން ބުނެފި އެވެ.

ބެލަރޫސްގެ މީޑިއާއަކުން އިއްޔެ ރިޕޯޓު ކުރި ގޮތުގައި މޫނު ފޮރުވައިގެން ތިބި ބަޔަކު ކޮލެސްނިކޯވާ ވޭނަކަށް އެރުވި މަންޒަރު ބަޔަކަށް ވަނީ ފެނިފަ އެވެ. އަދި އެގައުމުގެ ސަރުކާރާ ދެކޮޅަށް ބާއްވަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ އިތުރު ދެ އެކްޓިވިސްޓަކުވެސް ފަހުން ވަނީ ގެއްލިފަ އެވެ.

އޭގެ ފަހުން، ބެލަރޫސްގެ ބޯޑާ ސާވިސްއިން ބުނި ގޮތުގައި މިއަދު ހެނދުނު ޔޫކްރެއިންއަށް ދާން މިސްރާބު ޖަހާފައި އޮތް ކާރަކުން ކޮލެސްނިކޯވާ އާއި އަނެއް ދެ އެކްޓިވިސްޓުން ވަނީ ފެނިފަ އެވެ. އަދި ބޯޑަރު ހުރަސް ކުރާ ހިސާބުން ކާރުގެ ސްޕީޑު ބާރުކޮށް، ކޮލެސްނިކޯވާ އުޅަނދުން ވައްޓާލި މަންޒަރު ފެނުނު ކަމަށާއި އޭނާ ހިފަހައްޓާފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި އެވެ. އެ ކާރުގައި ދެން ތިބި ދެ މީހުން ޔޫކްރެއިންއަށް ގޮސްފައިވާކަން ވެސް އެ މީޑިއާއިން ފާހަގަ ކުރި އެވެ.

ނަމަވެސް ޔޫކްރެއިން އިން ބުނި ގޮތުގައި އެއީ އެ ހާދިސާ ހިނގި ގޮތެއް ނޫނެވެ. އެގައުމުގެ ޑެޕިއުޓީ އިންޓާނަލް އެފެއާސް މިނިސްޓަރު އެންޓަން ގެރަޝެންކާ ވިދާޅުވި ގޮތުގައި ޔޫކްރެއިންއަށް ދިޔަ ދެ އެކްޓިވިސްޓުންނަކީ ބެލަރޫސްއިން "ބޭރުކޮށްލި" މީހުންނެވެ. އަދި ޔޫކްރެއިންގެ އިންޓަފެކްސް ނޫހުން ބުނި ގޮތުގައި ކޮލެސްނިކޯވާ ގައުމުން ބޭރު ނުކުރެވޭނެ ގޮތް ހެދުމަށްޓަކައި އޭނާ އަމިއްލައަށް އޭނާގެ ޕާސްޕޯޓު ވީދާލި އެވެ.

ކޮލެސްނިކޯވާ އާއި ޔޫކްރެއިންއަށް މިހާރު ގޮސްފައިވާ ދެ މީހުންނަކީވެސް ބެލަރޫސްގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އެލެގްޒެންޑާ ލުކަޝެންކޯއާ ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާ އެކުލަވާލެއްވި ކޯޑިނޭޝަން ކައުންސިލްގެ މެމްބަރުންނެވެ. އެއީ އެގައުމުގެ ރިޔާސީ އިންތިހާބު އަލުން ބާއްވައި، ސުލްހަވެރިކަމާ އެކު ސަރުކާރު ބަދަލު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެކުލަވާފައިވާ މަޖިލީހެކެވެ.

ބެލަރޫސްގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ނުވައެއްގައި އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު ލުކަޝެންކޯ ކާމިޔާބު ކުރެއްވުމުންނެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބުން ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު އޭނާއަށް އެންމެ ގާތުން ވާދަ ކުރެއްވި ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އަދި އެ ނަތީޖާ އިއުލާން ކުރި ފަހުން ތިކަނޯސްކަޔާ ވަނީ އޭނާގެ އާއިލާއަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ.

ރައީސްކަން ކުރައްވާތާ 26 އަހަރުވެފައިވާ ލުކަޝެންކޯ ވަނީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ ތުހުމަތުތައް ދޮގު ކުރައްވައި، އެގައުމުގެ އިދިކޮޅު ފަރާތްތައް ކޮންޓްރޯލް ކުރަމުން ދަނީ ބޭރުގެ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯޑިނޭޝަން ކައުންސިލުން މަސައްކަތް ކުރަނީ ވެރިކަން ވައްޓާލަން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް