ޗާޓަޑް އެކައުންޓެންޓުންގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރައީސް ސޯލިހު: ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު، އެމަނިކުފާނު މިއަދު ވަނީ ތަސްދީގު ކުރައްވާފައި ---- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

އެ ބިލުގައި އެކައުންޓެންސީ ދާއިރާއާއި ގުޅޭ ކަންކަން ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ޤާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ޤާނޫނީ ސްހަސެއް އުފައްދުމަށް ކަނޑައަޅާފައިވެއެވެ. އަދި އެ އިންސްޓިޓިއުޓްގެ މެމްބަރުންގެ ޝަރުތުތަކާއި، އެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކާއި، އެނޫންވެސް ކަންކަމާ ގުޅޭ އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ އިންސްޓިޓިއުޓް ވެގެންދާނީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހްސަކަށެވެ.

އެ އިންސްޓިޓިއުޓްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި، އިންސްޓިޓިއުޓްގެ މެމްބަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، އެކައުންޓެންސީ ދާއިރާގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަކީ، އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުމެވެ.

އެ އިދާރާގެ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އޯގަނައިޒޭޝަނެއްގެ އެސޯސިއޭޓް މެންބަރުންނަށް މި ބިލުގެ ދަށުން ފަހިކޮށްދީފައިވެއެވެ. އަދި، ގާނޫނަށް އަމަލުކުރަން ފަށާއިރު އެސޯސިއޭޓް މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން، އެކައުންޓެންޓެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް "ފެލޯ" މެންބަރުންނަށް ވުމުގެ ފުރުޞަތު ވެސް މި ބިލުން ފަހިކޮށްދީފައިވެ އެވެ.

ބިލު ގާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއިއެކު، ރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ އިދާރާއަށް ލިބިގެންދާގޮތަށް ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި، ރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި، ގިންތިކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވެގެންދާނެ އެވެ.

comment ކޮމެންޓް