މަސްތުވާތަކެއްޗާއެކު މާލެއިން ދެމީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަނީ --- ފޮޓޯ : ޕޮލިސް

މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް 3.3 ކިލޯގެ މަސްތުވާތަކެއްޗާއި 57،550 ރުފިޔާ އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ.

ފުލުހުން ބުނީ ޑްރަގް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތުތަކާއެކު ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އިން އިއްޔެގެ 18:15 ގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަންގެ ދަށުން 26 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ އޮޕަރޭޝަންގެ ދަށުން ބަލައި ފާސްކޮށްފައިވަނީ ގަލޮޅު ގެއަކާއި މާފަންނުގެ ދެ ގެއެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މާފަންނުން ފުލުހުން ބަލައިފާސްކުރި ދެ ގޭގެ ތެރެއިން އެއްގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 84 ދަޅާއި ރަބަރު ޕެކެޓަކާއި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން 2،750 ރުފިޔާ ފެނިފައިވާ ކަމަށެވެ. ގަލޮޅުން ބަލައި ފާސްކުރި ގެއިން ވަނީ 54،800 ރުފިޔާ އާއެކު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅާއި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައި ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް