އިއްތިހާދުން ފަސިންޖަރުންނަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް

އިއްތިހާދުގެެ ފްލައިޓު ވީއައިއޭގައި -- ފޮޓޯ: އެމްއޭސީއެލް

އިއްތިހާދު އެއާވޭސް އިން ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް އެ އެއާލައިނުން ތައާރަފު ކޮށްފިއެވެ.

ކޮވިޑް19 ގްލޯބަލް ވެލްނެސް އިންޝުއަރެންސް ކަވާގެ ނަމުގައި ތައާރަފުކުރި މި ޕެކޭޖަކީ އިއްތިހާދު އެއާވޭސް އިން ދަތުރުކުރާ އިންޓަނޭޝަނަލް ފަސިންޖަރުންނަށް އަމާޒުކޮށްގެން ތައާރަފުކުރި ޕެކޭޖެކެވެ.

މި ޕެކޭޖުގެ ދަށުން ސެޕްޓެމްބަރު ހަތަކުން 31 ޑިސެމްބަރު 2020 ގެ ނިޔަލަށް އިއްތިހާދު އެއާވޭސް އިން ދަތުރުކުރާ ފަސިންޖަރުން ދަތުރުގެ މަންޒިލުގައި ވަނިކޮށް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެނަމަ، ބައްޔަށް ފަރުވާކުރުމުގެ ހަރަދާއި ކަރަންޓީނު ހަރަދު ދޭނެއެވެ. މި ޕެކޭޖުގެ ދަށުން ފަސިންޖަރުން ކަވަރުކޮށްދެނީ 31 ދުވަހުގެ މުއްދަތަކަށެވެ.

ސެޕްޓެމްބަރު ހަތަކުން ޑިސެމްބަރު 31 ގެ ނިޔަލަށް އިއްތިހާދުގެ އިންޓަނޭޝަނަލް ޓިކެޓު ބުކްކުރާ ހުރިހާ ފަސިންޖަރުންނަށް މި އިންޝުއަރެންސް ޕެކޭޖު ލިބޭނެއެވެ. މި ޕެކޭޖުގެެ ދަށުން ކޮވިޑު19 ހުރިތޯ ބަލަން ހަދާ ޕީސީއާރު ޓެސްޓުގެ އަގެއް ކަވަރެއް ނުކުރެއެވެ.

މި އިންޝުއަރެންސް ޕެކޭޖާއެކު އިއްތިހާދުން ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ފުރިހަމަ ޔަގީންކަމެއް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މިއީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ސިނާއަތް މަޑުޖެހިފައި ވަނިކޮށް ސިނާއަތް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތަށް ލިބޭނެ އިތުރު ފުރިހަމަ ކަމެއް ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.

އިއްތިހާދުން ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު އެ އެއާލައިނުން ދަނީ ރާއްޖެއަށްވެސް ދަތުރުތައް ބާއްވަމުންނެވެ.

comment ކޮމެންޓް