އެމްބާޕޭއާ އެކު އިތުރު ތަރިންތަކަކަށް ކޮވިޑް ޖެހިއްޖެ

ފީފާ ވޯލްޑް ކަޕް 2018ގައި އާޖެންޓީނާއާއި ފްރާންސް ކުޅުނު ގަދަ 16ގެ މެޗުގެ ތެރެއިން: އެ މެޗުން ފްރާންސް މޮޅުވީ 4-3ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ އަދި މެންޗެސްޓާ ސިޓީގެ ދެ ތަރިން ކަމަށްވާ ރިޔާދް މަހްރޭޒް އަދި އެމެރިކަ ލަޕޯޓް ވެސް ކޮވިޑަށް ޕޮޒިޓިވްކަން އެކުލަބުތަކުން ހާމަކޮށްފި އެވެ.

ކޮވިޑަށް ޕޮޒިޓިވްކަން އިނގުމާ އެކު މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައި ވާދަކުރާ ފްރާންސްގެ ސްކޮޑުން އެމްބާއްޕޭ ވަކިވެފައިވާ އިރު، އޭނާ މިހާރު ވަނީ ހޯމް ކަރަންޓީން ވެފަ އެވެ. އެހެން ކަމުން ނޭޝަންސް ލީގު މެޗުތަކުގެ އިތުރުން ޕީއެސްޖީން ފްރެންޗް ލީގުގައި ވާދަ ކުރަން ހުރި ބައެއް މެޗުތައް ވެސް އޭނާއަށް ގެއްލޭނެ އެވެ.

ފްރާންސުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްބާޕޭ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި، އެކަން އިނގުނީ ޕްރެކްޓިސް ކުރުމުގެ ކުރިން ޔޫއެފާއިން ކުރި ޓެސްޓްތަކުން ކަމަށް ބުނެފައިވެ އެވެ.

އެމްބާއްޕޭ 21، ކޮވިޑަށް ޕޮޒިޓިވްވި އިރު މިދިޔަ ހަފުތާގައި ޕީއެސްޖީގެ ތިން ކުޅުންތެރިއަކު ވެސް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެ ކުޅުންތެރިންގެ ނަންތައް ޕީއެސްޖީން އޭރު ހާމަކޮށްފައި ނުވި ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނަމަ އެކުޅުންތެރިންނަކީ، ބްރެޒިލްގެ ތަރި ނޭމާއާއި އާޖެންޓީނާގެ މިޑްފީލަޑްރު އަންހެލް ޑި މާރިއާ އަދި ލިއަންޑްރޯ ޕްރޭޑެސް އެވެ.

ކޮވިޑްގެ ސަބަބުން ސީޒަނުގެ މެދަކާ ހަމައިން ކުރީ ސީޒަން ފްރާންސުން ކެންސަލް ކުރި އިރު ޕީއެސްޖީއަށް ވަނީ ޗެމްޕިއަންކަން ދީފަ އެވެ. އަދި އެހެންމެ އައު ސީޒަނުގެ ކުޅުން މިހާރު ފްރާންސުގައި ފަށާފައިވާ އިރު ޗެމްޕިއަންސް ލީގުގެ ވަރުބަލިކަން އޮތުމާ އެކު ޕީއެސްޖީއަށް ވަނީ އެ ޓީމު ކުޅެން އޮތް ފުރަތަމަ މެޗު ފަސްކޮށްދީފަ އެވެ.

ޕީއެސްޖީގެ ފުރަތަމަ މެޗު ފަސްކުރިއިރު، މީގެ ކުރިން ފްރެންޗް ލީގު ހުޅުވާ މެޗުގައި މާސޭ އާއި ސެއިންޓް އެޓިއެން ބައްދަލުކުރަން އޮތް މެޗުވެސް ވަނީ ފަސްކޮށްފައެވެ. އެ މެޗު ފަސްކުރީ މާސޭއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއެކުއެވެ. އެލްއެފްޕީން މީގެ ކުރިން ވަނީ ކޮވިޑް-19 ގެ ކޮމިޓީއެއް އުފައްދާ، ލީގު ތާވަލަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ ލަޕޯޓްއާއި މަހްރޭޒް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެކުލަބުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެކުޅުންތެރިންގެ ފަރާތުން ބަލި ހުރިކަމުގެ އަލާމާތްތައް ނުފެންނަ ކަމަށާއި، މިހާރު އެކުޅުންތެރިން ތިބީ ކަރަންޓީން ކުރެވިފައިވާ ކަމަށް ކުލަބުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް