ވަތަށް ވެއްޓުނު މަސްވެރިޔަކަށް އައިސީޔޫގައި ފަރުވާދެނީ

ވަތަށް ވެއްޓުނު މަސްވެރިޔާއަށް އެހީތެރިވަނީ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ގދ. ގައްދޫ އިން މަހަށް ނިކުމެ އުޅުނު ދޯންޏެއްގެ މަސްވެރިޔަކު ވަތަށް ވެއްޓި ހޭނެތުމުގެ ސަބަބުން އެ އަތޮޅު ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އެ ހާދިސާ ހިނގާފައިވަނީ ރޭ 7:15 ހާއިރު އެވެ. އަދި އެންމެ ފުރަތަމަ އެ މީހާ ގެންގޮސްފައިވަނީ ގައްދޫ ސިއްހީ މަރަކަޒަށެވެ. ނަމަވެސް ސިއްހީ މަރުކަޒުން ރޭ 10:30 ވެފައި ވަނިކޮށް އޭނާ ވަނީ އިތުރު ފަރުވާއަށް ތިނަދޫ އަށް ފޮނުވާލާފަ އެވެ.

ތިނަދޫ ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ސައީދު "ސަން" އަށް ވިދާޅުވީ، ވަތަށް ވެއްޓިގެން ރޭ އެ އެ ހޮސްޕިޓަލަށް މީހަކު ގެނައި ކަމަށާއި އޭނާ ގެނައި އިރު ވެސް ވަނީ ހޭ ނެތިފައި ކަމަށެވެ. އޭނާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު މިހާރު ހޭ އަރާފައިވާކަން ސައީދު ފާހަގަ ކުރެއްވި އެވެ. އަދި ހާލު ކުރިއަށް ވުރެން ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޭނެތިގެން ގެނައި މަސްވެރިޔާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް އަދި ޑޮކްޓަރުން ލަފާ ދީފައި ނުވާކަމަށް ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް