މަރުވެފައިވާ ދަރި 17 ދުވަސް ވަންދެން އުފުލި ކިލާވޭލްއަށް ދަރިއަކު ލިބިއްޖެ

ޖޭ35އަށް ދަރިއަކު ލިބި، ދެމައިންގެ ހާލު ރަނގަޅު ކަމަށް ސައިންސުވެރިން ބުނޭ --- ފޮޓޯ: ސެންޓާ ފޯ ވޭލް ރިސާޗް

މީގެ ދެ އަހަރު ކުރިން، މަރުވެފައިވާ ދަރި އުފުލައިގެން 17 ދުވަސް ވަންދެން ޕެސިފިކް ކަނޑުގައި ދަތުރުކުރި ކިލާ ވޭލްއަށް މިހާރު ދަރިއަކު ލިބިއްޖެ ކަމަށް ސައިންސުވެރިން ބުނެފި އެވެ.

އެމެރިކާގެ ވޭލް ރިސާޗް ސެންޓަރުން ބުނި ގޮތުގައި ޖޭ35ގެ ނަން ދީފައިވާ އެ ކިލާވޭލްއަށް ދަރިއަކު ލިބުނީ މިދިޔަ ހަފްތާ ތެރޭގަ އެވެ. އަދި މިދިޔަ ހަފްތާ ބަންދު ތެރޭގައި އެ ދެމައިން ވެންކޫވާ އައިލޭންޑް ކައިރީ އޮންނަ ކަނޑުގެ ސަރަހައްދުން ފެނިފައިވެ އެވެ.

ވޭލް ރިސާޗް ސެންޓަރުން ބުނި ގޮތުގައި ޖޭ57ގެ ގޮތުގައި މިހާރު ފާހަގަކޮށްފައިވާ އެ ކުޑަ ކިލާވޭލް އާއި އޭގެ މަންމަގެ ހާލު ރަނގަޅު ކަމަށް ބެލެވެ އެވެ.

ޖޭ35އަށް ދުނިޔޭގެ ސަމާލުކަން ލިބުނީ ޖުލައި 2018ގައި އެ ކިލާވޭލް ވިހެއިތާ މާގިނަ އިރުތަކެއް ނުވެ އޭގެ ދަރި މަރުވުމުން، 17 ދުވަސް ވަންދެން ދަރިފުޅު 'ނޭފަތުކުރިން އުފުލައިގެން' ގާތްގަނޑަކަށް 1،000 މޭލަށް ދަތުރު ކުރުމުންނެވެ.

ކިލާ ވޭލްތަކުގެ ދަރި މަރުވުމުން އޭތި އޭގެ ދަރިފުޅު އުފުލައިގެން އާއްމުކޮށް ދަތުރު ކުރަނީ ހަފްތާއެއް ވަންދެނެވެ. އެހެންކަމުން ޖޭ35ގެ ދަތުރަކީ އާ ރެކޯޑެއް ކަމަށް އެމެރިކާގެ ސައިންސުވެރިން އޭރު ބުންޏެވެ.

އޭގެ ފަހުން މިދިޔަ ޖުލައި މަހު، ޕެސިފިކް ކަނޑުގެ ދިރުންތަކުގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ އެސްއާރު3 ޖަމްއިއްޔާއިން ނެގި ޑްރޯން ފޮޓޯތަކަކުން ވަނީ ޖޭ35 އަނެއްކާވެސް ބަނޑުބޮޑުވެފައިވާ ކަން އެނގިފަ އެވެ.

comment ކޮމެންޓް