ލަންކާ ކައިރިން އަލިފާން ރޯވި ތެޔޮ ޓޭންކަރުގައި އަނެއްކާވެސް ރޯވެއްޖެ

ސްރީލަންކާ ކައިރިން ރޯވި ތެޔޮ ޓޭންކަރު އެމްޓީ ނިއު ޑައިމަންޑް. -- (ފޮޓޯ/އޭޕީ)

ކޮލޮމްބޯ، ސްރީލަންކާ - މީގެ ދެ ދުވަސް ކުރިން ސްރީލަންކާގެ އިރުމަތީ އައްސޭރިފަށުން ރޯވި ތެޔޮ ޓޭންކަރުގައި އަނެއްކާ ވެސް އަލިފާން ރޯވުމުން، އިންޑިޔާ އަދި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

ޓޭންކަރުގައި ދެވަނަ ފަހަރަށް ހުޅުހިފާފައި ވަނީ ރޭގެ ވަގުތެއްގައިކަމަށް ސްރީ ލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނު ކެޕްޓަން އިންޑިކާ ޑި ސިލްވާ ވިދާޅުވި އެވެ.

"ކުރިން ރޯވި އަލިފާންގަނޑާއި އެއްވަރަށް މި އަލިފާންގަނޑުވެސް ފެތުރުނު، އެކަމަކު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައި. ކުޑަކޮށް އަލިފާން އެބަ ހުރި އަދިވެސް،" ކެޕްޓަން ޑި ސިލްވާ ވިދާޅުވި އެވެ.

ދެ މިލިއަން ތެޔޮ ފީފާގެ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ނިއު ޑައިމަންޑްގައި ދެވަނަ ފަރަހަށް އަލިފާން ރޯވާން މެދުވެރިވީ ވައި ބާރުވެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ކަމަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އިންޑިޔާ އަދި ސްރީލަންކާއަށް ނިސްބަތްވާ ބޯޓު އަދި ހެލިކޮޕްޓަރު ދަނީ މަސައްކަތްކުރަމުންނެވެ. އެމްޓީ ނިއު ޑައިމަންޑް މިވަގުތު އޮތީ ސްރީ ލަންކާގެ އިރުމަތީ އައްސޭރިފަށުން 30 ނޯޓިކަލް މޭލު ބޭރުގަ އެވެ.

އެމްޓީ ނިއު ޑައިމަންޑް ޓޭންކަރުގައި ފުރަތަމަ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެ ޓޭންކަރުގެ މަސައްކަތްކުރާ ފިލިޕީންސްގެ ފަޅުވެރިޔަކުވެސް ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް