6 މަސް ދުވަހު ކަނޑުމަތީގައި ތިބުމަށް ފަހު ރޮހިންގާގެ 300 އެއްހާ ރެފިއުޖީން އިންޑޮނީޝިއާއަށް ވަދެެއްޖެ

ރޮހިންގާގެ ރެފިއުޖީން ބޯޓުން ފޭބުމަށްފަހު--

ޖަކާޓާ/ ބީބީސީ (ސެޕްޓެމްބަރު 7)--- ހަ މަސް ދުވަހު ކަނޑުމަތީގައި ތިބުމަށް ފަހު، ރޮހިންގާގެ 300 އެއްހާ ރެފިއުޖީން އިންޑޮނީޝިއާ އަށް ވަދެއްޖެ އެވެ.

އެ ރެފިއުޖީން އެގައުމަށް ވަދެފައި ވަނީ ބޯޓެއްގަ އެވެ. އެ ބޯޓުގައި 297 މީހުން ތިބިއިރު އޭގައި 14 ކުޑަކުދިން ވެސް ތިއްބެވެ.

އެ ރެފިއުޖީން ބުނީ އެމީހުން ކަނޑުމަތީގައި އުޅޭތާ މިހާރު ހަ މަސް ވެދާނެ ކަމަށެވެ. އެ ބޯޓު އެންމެ ފުރަތަމަ ފެނުނީ އިންޑޮނީޝިއާގެ ސުމަޓްރާގެ އުތުރު ސަރަހައްދާ ދިމާލުގައި އުޅެނިކޮށް އެގައުމުގެ މަސްވެރިންނަށެވެ.

އެ ރެފިއުޖީން މިދިޔަ މާޗް މަހު ހިސާބުގައި އުޅުނީ މެލޭޝިއާއަށް ވަންނާށެވެ. ނަމަވެސް ކޮރޯނާ ވައިރަސްއާ ގުޅިގެން އެމީހުން އެގައުމަށް ވަނަ ނުދިނެވެ.

އދ.ގެ ރެފިއުޖީ އޭޖެންސީގެ ކޯޑިނޭޓަރު ވިދާޅުވީ ބޯޓުގައި ތިބި މީހުންގެ ތެރެއިން އެކަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އިންޑޮނީޝިއާގެ މީހުން ވަނީ އެމީހުންނަށް އަންނައުނާއި އެހެނިހެން އެހީތައް ފޯރުކޮށްދީފަ އެވެ.

މިިދިޔަ ޖޫން މަހު ވެސް 100 އެއްހާ ރޮހިންގާ މީހުން ދެބުރެއްގެ މަތިން ވަނީ އިންޑޮނީޝިއާއަށް ވަދެފަ އެވެ. އެފަހަރު އިންޑޮނީޝިއާއަށް ވަނީ ހަތަރު މަހުގެ ދަތުރެއްކޮށްފަ އެވެ.

މިޔަންމާގައި ދިރިއުޅެމުން ދިޔަ ރޮހިންގާގެ އެތައް ލައްކަ ބަޔަކު ވަނީ އެގައުމުގެ ސިފައިންގެ އަނިޔާޥެރިކަމުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ވަދެފަ އެވެ. އެ މީހުން ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގަ އެވެ.-- ބީބީސީ--

comment ކޮމެންޓް