އަށް ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަސް ރަށެއްގެ ކޯޓުތަކުގެ މެޖިސްޓްރޭޓް ކަމަށާއި އަދި ތިން ކޯޓެއްގެ އިސް މެޖިސްޓްރޭޓްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މެޖިސްޓްރޭޓް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ، ވ. ފެލިދޫ އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެއެވެ.
އިސް މެޖިސްޓްރޭޓުން ހޯދަނީ ރ. މަޑުއްވަރީ، ފ. ފީއަލީ އަދި ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓަށެވެ.
މެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެއެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވެސް ވާންޖެހޭނެއެވެ.
މުސާރައާއި އިނާޔަތުގެ ގޮތުގައި މެޖިސްޓްރޭޓުންނަށް 23،450 ރުފިޔާ އަދި އިސް މެޖިސްޓްރޭޓުންނަށް 25،600 ރުފިޔާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެއެވެ.
މެޖިސްޓްރޭޓް ކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ 13:00 ހަމައަށް ވަނީ ހުޅުވާލައިފައެވެ.