މިމަހުގެ ފަހުކޮޅު ކޭސްތައް މަދުވާން ފަށާނެ ކަމަށް ލަފާކޮށްފި

އެޗްޕީއޭގެ ކޮންސަލްޓެންޓް އެޕިޑަމޮލޮޖިސްޓު ޑރ. ޝީނާ މޫސާ -- ފޮޓޯ/ ހެލްތު މިނިސްޓްރީ

މި މަހުގެ ފަހު ކޮޅު މާލޭ ސަރަހައްދުގެ ކޮވިޑް-19 ކޭސްތައް މަދުވާން ފަށާނެ ކަމަށް އެޗްޕީއޭގެ ކޮންސަލްޓެންޓް އެޕިޑަމޮލޮޖިސްޓު ޑރ. ޝީނާ މޫސާ ރޭ ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމްގައި ލައިވްކޮށް ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ، މިހާރު މާލޭ ސަރަހައްދުގައި ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ކަމަށެވެ. އޭނާ ލަފާ ކުރެއްވި ގޮތުގައި ކޭސްތައް މިހާރު ދާ ގޮތަށް އިތުރުވަމުން ގޮސް މި މަހުގެ ފަހުކޮޅު ކޭސްތައް މަދުވާން ފަށާނެ އެވެ.

"މާލޭ ސަރަހައްދު މިހާރު މި އޮތް ސިޗުއޭޝަނަށް ބަލަންޏާ މިހާރު މި އޮތީ ވަރަށް ބޮޑަށް ސްޕްރެޑްވެފައޭ. މި ދާ ޓްރެޖެކްޓަރީގައި ގޮސްފައިއޭ ދެން ތިރިވާނީ،" ޑރ. ޝީނާ ވިދާޅުވިއެވެ.

"ތަންކޮޅެއް ކުރިން އޮގަސްޓު މަހުގައި އަޅުގަނޑު ޝެއާކޮށްލިން ކަންނޭނގެ ޕްރޮޖެކްޝަންސްތަކެއް، އެސްޓިމޭޓު ކުރެވެޔޭ އޮގަސްޓު، ސެޕްޓޭމްބަރު މަހު ފަހުކޮޅަށް ގޮސްފައި ދެން އެ ޓްރެޖެކްޓަަރީގައި ގޮސްފައި ދެން ތިރިވާނީ. އެހެންވީމަ އަދި މި ލެެވެލްގައި ދުވަސްކޮޅެއް ހިފަހައްޓާނެ. އެކަމަކު މި މަހުގެ ފަހު ކޮޅަށް އަންދާޒާ ކުރެވެނީ ދަށްވާން ފަށާނެ ކަމަށް،"

މާލޭ ސަަރަހައްދުގެ ލޮކްޑައުންއަށް ފަހު ކޭސްތައް އެހާ ބޮޑަށް ދަށް ވެގެން ދިޔައީ، ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އާންމުން ވަރަށް ބޮޑަށް ކަމޭހިތައިގެން ކަމަށް ޝީނާ ވިދާޅުވި އެވެ. އެހެންކަމުން، ލޮކްޑައުންއަށް ލުއި ދިން އިރު އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭނެ ކަމަށް އުންމީދު ކުރެވުނު ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. ނަމަވެސް ކޮވިޑް-19 އެހާ ބޮޑަށް ފެތުރިގެން ދިޔައީ، އަންދާޒާ ކުރި ވަރަށް ފިޔަވަޅުތަކަށް އާންމުންގެ އެއްބާރުލުން ނުލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކު އީޒްއާ އެއްކޮށް އަންދާޒާ ކުރެވުނު ވަރަށް ވުރެ ކޮމްޕްލަޔަސްން [އިރުޝާދުތަކަށް ތަބާވާ މިންވަރު] ތަންކޮޅެއް ދަށްވީމާ މިހާ ބޮޑަށް ފެތުރިގެން މި ދިޔައީ އަސްލު،" ޑރ. ޝީނާ ވިދާޅުވިއެވެ.

މިހާރު ކޮވިޑް-19 ފެތުރިފައިވާ ވަރުން ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ އެނދުތައްވެސް ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އަދި މާލޭ ސަރަހައްދުގެ ސިއްހީ ހިދުމަތްތެރިން ތިބީ ވަރުބަލިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޭސްތައް މަދުވާން ފަށައިފި ނަމަ ސިއްހީ ދާއިރާއަށް މެނޭޖު ކުރެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކޭސްތައް މަދުވާނީ އާންމުން އިރުޝާދުތަކަށް ތަބާވާ ވަރު މިހާރަށް ވުރެ ރަނގަޅުކޮށްގެން ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

comment ކޮމެންޓް