ދިރާގު ގޭމްހަބްއާއެކު މޮބައިލް ގޭމިންއަށް އިތުރު ފުރިހަމަކަމެއް

ދިރާގު ގޭމްހަބްގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމެއް ދިރާގުން ތައާރަފުކޮށްފި އެވެ.

ސަބްސްކްރިޕްޝަންއެއް ނަގައިގެން ބޭނުން ކުރެވޭ މި ޕްލެޓްފޯމު ތައާރަފުކޮށްފައިވަނީ 700 އަށް ވުރެ ގިނަ މޮބައިލް ގޭމްތަކާއެކުގަ އެވެ

ދިރާގު ގޭމްހަބްގެ ސަބްސްކްރިޕްޝަލް ޕޯޓަލް ގާއިމުކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގައި މޮބައިލް ގޭމް ޑިވެލޮޕްކުރާ ގޭމްލޮފްޓްއިންނެވެ.

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ގޭމްހަބްގެ ސަބްސްކްރިޕްޝަން ދެ ގޮތަކަށް ނެގޭނެ އެވެ. އެއީ މަހުން މަހަށް ނުވަތަ ކަސްޓަމަރު ބޭނުންވާ ހަފްތާއަކަށް ނަގާ ގޮތަށެވެ.

މަހުން މަހަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ މަހަކު 50 ރުފިޔާއެވެ. ހަފުތާއަކަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ 20 ރުފިޔާ އެވެ.

ގޭމްހަބްއަށް ސަބްސްކްރައިބް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ ގޭމަހަބް ޕޭޖުން ކަސްޓަމަރު ބޭނުންވާ ސަބްސްކްރިޕްޝަން ޕެކޭޖެއް ނެގޭނެ އެވެ. ސަބްކްރައިބް ކުރުމަށްފަހު އެންޑްރޮއިޑް ކަސްޓަމަރުންނަށް ވަގުތުން ގޭމްތައް ޑައުންލޯޑްކޮށް ކުޅެވޭނެ އެވެ. އަދި އައިއޯއެސް ކަސްޓަމަރުންނަށް ގޭމް ކުޅެވޭނީ އޮންލައިންކޮށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ.

ދިރާގު ގޭމްހަބްގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރާ ކަމަކީ ގޭމްހަބްގެ ސަބްސްކްރިޕްޝަންއެއް ނެގުމުން، ގޭމްހަބްގައި ހިމެނޭ ހުރިހާ ގޭމެއް ކުޅުމުގެ ފުރުސަތު ލިބުމުގެ އިތުރުން އެއްވެސް އިތުރު "އިން އެޕް ޕާޗޭސް" ކުރަން ނުޖެހުމެވެ.

އަލަށް ތައާރަފުކުރި ގޭމްހަބް މެދުވެރިކޮށް ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންނަށް މޮބައިލް ގޭމް ކުޅުމުގައި އިތުރު ފަސޭހަތަކާއި ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް ދިރާގުން އުންމީދުކުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް