މަތީ ތައުލީމުގައި އަންހެނުންގެ ބައިވެރިވުން 64 ޕަސެންޓަށް ކުރިއަށް ޖެހިލައިފި

ގައުމީ ޔުނިވާސިޓީން ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ފާއިތުވި އެއް އަހަރު ތެރޭ ރާއްޖޭގައި މަތީ ތައުލީމުގައި އަންހެނުން ޝާމިލްވާ މިންވަރު 64 ޕަސެންޓަށް ކުރިއަށް ޖެހިލައިފި އެވެ.

އޮންލައިންކޮށް މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި އިވެންޓެއްގައި ވަނީ މިދިޔަ އަހަރުގެ ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ތަފާސްހިސާބު ހިމެނޭ ފޮތެއް ނެރެފަ އެވެެ. އެ ފޮތް ނެރެދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެވެ.

އެ ފޮތުގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިިދިޔަ އަހަރު މަތީ ތައުލީމާއި ތަމްރީންގައި ބައިވެރިވި އަންހެނުންނެ ނިސްބަތަކީ 59 އިންސައްތަ އެވެ.

މިވަގުތު މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތަކުގައި ޖުމްލަ 64 އިންސައްތަ އަންހެނުން ބައިވެރިވެ އެވެ. އެހެންކަމުން އެއް އަހަރު ތެރޭ އަންހެނުން މަތީ ތައުލީމުގައި ޝާމިލްވާ މިންވަރުގައި ފަސް ޕަސެންޓް ކުރިއަރުމެއް ވަނީ ހޯދައިފަ އެވެ.

މިދިޔަ އަހަރަކީ ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭން ފެށި އަހަރުވެސްމެ އެވެ. އެ ފުރުސަތާއެކު ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވާ ކުދިންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.

ފިރިހެނުންނަށްވުރެ އަންހެނުން ބޮޑަށް ކިޔެވުމުގައި ޝާމިލްވި ދާއިރާތަކުގެ ތެރޭގައި ޓިީޗިން، ދީން، އެކައުންޓިން އެންޑް ފައިނޭންސް، މެނޭޖްމަންޓް ޕޮލިޓިކަލް ސައިންސް ، ސައިކޮލޮޖީ ދާއިރާ ހިމެނެއެވެ. އޭގެ އިތުރުން މެޑިސިން، ނާސިން، ކައުންސިލިންގެ ދާއިރާގައި ފިރިހެނުންނަށްވުރެ މާ ގިނައިން އަންހެނުން ދަނީ ކިޔަވަމުންނެވެ.

ނަމަވެސް އިންޖިނިއަރިންނާއި ސޮފްޓްވެއާ ޑިވޮލޮޕްމަންޓް، ޑޭޓާ ބޭސް، ޓްރެވަލް އެންޑް ޓުއަރިޒަމް ކޯސްތަކުގައި އަންހެނުންނަށްވުރެ ފިރިހެނުން މާބޮޑަށްވެސް ޝާމިލްވެ އެވެ.

ކިޔެވުން ފެށުމަށްފަހު ވަކި ހިސާބަކުން ކޯސްތަކުން ވަކިވި ކުދިންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ 56 ޕަސެންޓެވެ. އަދި ފިރިހެނުންގެ ނިސްބަތަކީ 44 ޕަސެންޓެވެ.

މިދިޔަ ދަސްވެނިވި ދަރިވަރުންގެ ތެރެއިން ގިނަ ބަޔަކީ އަންހެނުންނެވެ. އެގޮތުން 63 ޕަސެންޓް އަންހެނުން ދަސްވެނިވިއިރު ފިރިހެނުންގެ ނިސްބަތަކީ 37 ޕަސެންޓެވެ.

އެ ފޮތުގައި އާންމުކޮށްފައިވާ އިތުރު ހިސާބުތަކަށް ބަލާލާއިރު މަތީ ތައުލީމްގެ ތަމްރީން ޕްރޮގްރާމްތަކުގައި ކޮލެޖު އަދި ޔުނިވާސިޓީތަކުން މިިދޔަ އަހަރު އަހަރު 843 ޕްރޮގްރާމެއް ވަނީ ހިންގައިފަ އެވެ. އަދި އެ ޕްރޮގްރާމްގައި 13999 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް، ލޯ، އައިޓީ، ޕްރައިމަރީ ޓީިޗިން އަދި ޕްރީ ސްކޫލް ޓީޗިން ހިމެނެ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ދަރިވަރުން ކިޔަވާފައިވާ ދާއިރާގެ ގޮތުގައި ބިޒްނަސް، އެޑްމިނިސްޓްރޭޝަން އެންޑް ލޯ ،އެޑިއުކޭޝަން އަދި އާޓްސް އެންމެ ހިއުމޭނިޓީސް ހިމެނެ އެވެ.

ނެޗުރަލް ސައިންސް މެތަމެޓިކްސްއަދި ސްޓެޓިސްޓިކްސް ފާހަގަވެފައިވަނީ އެންމެ މަދުން ދަރިވަރުން ކިޔަވާ ދާއިރާތަކުގެ ގޮތުގަ އެވެ. އަދި އެންމެ ގިނައިން ހިންގާފައިވަނީ ޑިގްރީ އަދި ސެޓްފިކެޓް ލެވެލް 4ގެ ޕްރޮގްރާމްތަކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މަތީ ތައުލީމްގެ ތަމްރީނާ ގުޅޭ ތަފާސް ހިސާބާ ގުޅޭ މައުލޫމާތު ގަވައިދުން ބެލެހެއްޓި އާންމުކުރެވިފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން މި ދާއިރާ ދިރާސާކުރާ ފަރާތްތަކާއި މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން މަތީތައުލީމާ ބެހޭ ވުޒާރާއެއް އުފެއްދުމަށްފަހު މި ދާއިރާ ކުރިއެރުވުމަށްޓަކައި ވަކިން ހާއްސަކޮށް މަތީ ތައުލީމާއި ތަމްރީނަށް މިހުންގެ ލޯތްބާއި ޝައުގު އިތުރުކުރުވުމުގެ ގޮތުން ދާއިރާއާއި ގުޅުން ހުރި އެކި މައުލޫމާތު އާންމުންނާއި ހިއްސާކުރަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު މި ޝާއިއުކުރެވޭ ފޮތަކީ ކިޔަވާކުދިންނާއި މުދައްރިސުންނާއި އިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނަށް ވަރަށް މުހިންމު ފޮތަކަށް ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް