ލޮޓަސް ފިހާރައިން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ސެނިޓައިޒާ ފުޅި ދެނީ

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި ފުންނާބު އުސް ލޮޓަސް ފިހާރައިން ރާއްޖޭގެ ހުރިހާ ކިޔަވާ ދަރިވަރުންނަށް ހޭންޑް ސެނިޓައިޒާ ފުޅި ދޭން ފަށައިފި އެވެ.

ލޮޓަސް ފިހާރައިގެ ޗެއާމަން އަހްމަދު އާރިފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހޭންޑް ސެނިޓައިޒާ ދިނުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން (74،000 ކުދިންނަށް) ކޮންމެ ކުއްޖަކަށް ހޭންޑް ސެނިޓައިޒާ ފުޅިއެއް ދެނީ. އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ." އާރިފް ވިދާޅުވި އެވެ.

ލޮޓަސްއިން ބުނީ އަތޮޅުތެރޭގެ ސްކޫލްތަކަށް ސެނިޓައިޒާ ފޯރުކޮށްދިނުމަށްޓަކައި އަތޮޅުތަކުގައި ހުންނަ އެކުންފުނީގެ ޓީމްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމުގެ މައިގަނޑު މަގްސަދަކީ ޕެންޑެމިކްއަކާ ކުރިމަތިލައިގެން އުޅޭ މިފަދަ ދުވަސްވަރެއްގައި ސާފުތާހިރުކަމުގެ އާދަތަކާއި އަތް ސެނިޓައިޒް ކުރަން ޖެހޭ ގޮތާއި ކުރަން ޖެހޭ ދަނޑިވަޅުތަކާ ގުޅޭގޮތުން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމެވެ.

މިކަމަކީ މުޖުތަމަތު ބާރުވެރިކުރުމަށް އަބަދުވެސް އިސްކަންދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ކުރެވޭނެ ބައިވަރު ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށް ލޮޓަސްއިން ފާހަގަކުރެ އެވެ.

comment ކޮމެންޓް