ގައުމަށް ދާން އެދިފައި ތިބި ބިދޭސިންނަކީ ވަޒީީފާގައި ތިބި މީހުންތޯ ބަލަނީ

ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރެޕަޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން އެދިފައިތިބި މީހުންނަކީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްގައި ތިބި މީހުންތޯ ބެލުމަށް އެމީހުންނާ ބެހޭ މައުލޫމާތު އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއް ނެތި، ގަވައިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ މީހުންގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައި ދިނުމަށް ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ހުށަހަޅަމުންދާ ކަމަށެވެ.

މި ފަދަ ފަރާތްތަކުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުން ދަނީ، ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބުނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ވަނީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލެއްގައި ތިބި ނަމަވެސް އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް، "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީންނާ ބެހޭ މައުލޫމާތު އާންމުކޮށްފައެވެ.

މިނިސްްރީ އިން އާންމުކުރި ލިސްޓްގައި ހިމެނޭ ބިދޭސީންނަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތައް ނަމަ އެކަން ބަޔާންކޮށް 15 ސެޕްޓެމްބަރުގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް އެކަން ހިއްސާކުރުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ. އީމެއިލްގައި ބިދޭސީގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތު ހިމަނަންޖެހޭނެއެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނީ މި މުއްދަތުގައި ވަޒީފާ ދޭ ފަރާތުން މި މިނިސްޓްރީއަށް މައުލޫމާތު ހިއްސާ ނުކުރާ މީހުންގެ ތެރެއިން ލިސްޓްގައި ހިމެނޭ ބިދޭސީން "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ފޮނުވައި ލެވޭނެ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 6،000 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ވަނީ ގައުމަށް ފޮނުވާލައިފައެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ.

"އަޅުގަނޑު އުއްމީދު މި ކުރަނީ ކޮވިޑްގެ ހާލަތު ރަނގަޅުވެއްޖެ ނަމަ މި އަހަރުގެ ނިޔަލަށް 20،000 މީހުން ފޮނުވާލެވޭނެ ކަމަށް. އެއީ ޓާގެޓަކީ. ނުވެދާނެ، އެކަމަކު ގަދައަޅާ މަސައްކަތް މިކުރަނީ ޓާގެޓަށް ވާސިލް ވެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

comment ކޮމެންޓް