ހޮންކޮންގްގެ އިންތިހާބު ފަސް ކުރުމުން ބޭއްވި މުޒާހަރާއެއްގައި 289 މީހަކު ހައްޔަރުކޮށްފި

ހޮންކޮންގްގައި އިއްޔެ ބޭއްވި މުޒާހަރާއިން ގާތްގަނޑަކަށް 300 މީހަކު ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ހޮންކޮންގް (ސެޕްޓެމްބަރު 7): ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލަށް މެމްބަރުން ހޮވުމަށް އިއްޔެ ބާއްވަން އޮތް އިންތިހާބު ފަސް ކުރުމާ ގުޅިގެން އެ ސަރަހައްދުގައި ބޭއްވި މުޒާހަރާއެއްގައި 200އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

ހޮންކޮންގްގެ އެތައް ހާސް މީހުން ބައިވެރިވި އެ މުޒާހަރާގައި "ވޯޓުލުމުގެ ހައްގު އަނބުރާ ދިނުމަށް" ގޮވާލި އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް މާ ދުރަށް ނުދެނެވީސް ރަޔަޓު ފުލުހުން ގޮސް އެމީހުން ހުއްޓުވި އެވެ.

ހޮންކޮންގްގެ ފުލުހުން ބުނި ގޮތުގައި އެ މުޒާހަރާއިން ހައްޔަރު ކުރި 289 މީހުންގެ ތެރެއިން ގިނަ މީހުންނަކީ ގަވާއިދާ ހިލާފަށް އެއްވެ އުޅުމުގެ ސަބަބުން ހައްޔަރު ކުރި މީހުންނެވެ. އަދި އެފަދަ އެއްވުންތަކަށް މިހާރު ހުއްދަ ނުދެނީ ކޮރޯނާވައިރަސް ބަލިމަޑުކަމާ ހެދި ދެ މީހުންނަށް ވުރެ ގިނަ މީހުން ޖަމާއަތް ހެދުން މަނާކޮށްފައި އޮތުމުންނެވެ.

ހޮންކޮންގްގެ ސަރުކާރުން ލެޖިސްލޭޓިވް ކައުންސިލްގެ އިންތިހާބު އެއް އަހަރަށް ފަސް ކުރަން ނިންމާފައިވާކަން މިދިޔަ ޖުލައި މަހު އިއުލާން ކުރީވެސް ކޮރޯނާވައިރަހާ ހެދި އެވެ.

ހޮންކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލާމް ވިދާޅުވި ގޮތުގައި އެކަމަނާއަށް ކުއްލި ހާލަތްތަކުގައި ލިބިދީފައިވާ ބާރުތަކުގެ ދަށުން އިންތިހާބު ފަސް ކުރަން ނިންމެވީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށްޓަކަ އެވެ.

ނަމަވެސް އެ ނިންމުމާ ގުޅިގެން ހޮންކޮންގްގެ އިދިކޮޅު ފަރާތްތަކުން ވަނީ އެ ސަރަހައްދުން ލީޑަރުން، އިންތިހާބުގައި މީހުން ވޯޓުލުން ހުއްޓުވުމަށް ޓަކައި ބަލިމަޑުކަން އުޒުރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އިންތިހާބު ފަސް ކުރަން ޖެހޭ ވަރަށް ބަލި ނުފެތުރޭ ކަމަށާއި ފާއިތުވި މަސްތަކުގައި އިންތިހާބުތައް ބާއްވާފައިވާ 40 ވަރަކަށް ގައުމަކީ ހޮންކޮންގަށް ވުރެ ބޮޑަށް ވައިރަސް ފެތުރިފައިވާ ގައުމުތައް ކަން ފާހަގަ ކޮށްފަ އެވެ.

ހޮންކޮންގްއިން އިންތިހާބު ފަސް ކުރުމުގެ ކުރިން ވަނީ އެ އިންތިހާބުގައި އިދިކޮޅު 12 ކެންޑިޑޭޓަކު ވާދަ ކުރުން މަނާކޮށްފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ހޮންކޮންގްގެ މިނިވަންކަމަށް ގޮވާލުމާއި، އެ ސިޓީގެ ދާހިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ވަނުމަށް އެދުމާއި އެ ސަރަހައްދުގެ އަމަނާ ބެހޭ ގާނޫނާ ދެކޮޅު ހެދުން ހިމެނޭ ކަމަށް ސަރުކާރުން ބުންޏެވެ.

ހަތް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ހޮންކޮންގްގައި މިހާތަނަށް 4,878 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 96 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް