ސީއެސްސީގެ ރައީސަކަށް ނާސިހް، ނައިބަކަށް އިބްރާހިމް ރަޝީދު އައްޔަން ކުރަން ފާސްކޮށްފި

ސީއެސްސީގެ ރައީސަަކަށް އައްޔަން ކުރި ނާސިހް އަދި ނައިބަކަށް އައްޔަން ކުރި އިބްރާހިމް ރަޝިދު (ކ-ވ) -- ފޮޓޯ/ ރައީސް އޮފީސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީގެ ރައީސަކަށް މުހައްމަދު ނާސިހް އަދި ނައިބު ރައީސް ކަމަށް އިބްރާހިމް ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ދެބޭފުޅުންނަކީ، މިދިޔަ ހޯމަ ދުވަހު ކޮމިޝަންގެ މެމްބަރު ކަމަށް ރުހުން ދޭން މަޖިލީހުން ފާސް ކުރި ހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންވަާ ދެބޭފުޅުންނެވެ.

އެ ދެ ބޭފުޅުންނަށްވެސް ދެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފާސްވީ 68 ވޯޓުންނެވެ

ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން، ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމަށް މީހުން އައްޔަން ކުރަނީ، ކޮމިޝަންގެ މެމްބަރުންގެ ތެރެެއިން މަަޖިލީހުން ދޭ މަޝަވަރާގެ މަތިން ރައީސުލް ޖުމްހޫރިއްޔާއެވެ.

ކޮމިޝަންގެ ރައީސަށް މުހައްމަދު ނާސިހުގެ ނަން ހުށަހެޅުއްވީ އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލިޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާ މެމްބަރު އިބްރާޙިމް ޝަރީފެވެ.

ކޮމިޝަންގެ ނައިބު ރައީސަކަށް އިބްރާހިމް ރަޝީދު. ބްލެކް، ރ. މީދޫގެ ނަން ހުށަހެޅުއްވީވެސް މެމްބަރު ހުސައިން ޝަހީމެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

ސީއެސްސީގެ ހަތަރުު މެމްބަރުންގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން މަގާމުން އިސްތިއުފާ ދެއްވުމުންނާއި، މެމްބަރު އިބްރާހިމް ޝަހީގު ކޮމިޝަނުން ވަކި ކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް