ބާޣާވާތަކުން ވެރިކަމުން ދުުރުކުރި މާލީގެ ކުރީގެ ރައީސް ޔޫއޭއީއަށް ވަޑައިގެންފި

މާލީގެ ކުރީގެ ރައީސް ކުރީގެ ރައީސް އިބްރާހިމް ބުބާކާ ކެއިތާ---

މިދިޔަ މަހު މާލީގައި އަސްކަރިއްޔާއިން ގެނައި ބަޣާވާތެއްގައި ވެރިކަމުން ދުުރުކުރި އެގައުމުގެ ކުރީގެ ރައީސް އިބްރާހިމް ބުބާކާ ކެއިތާ ޔޫއޭއީއަށް ވަޑައިގެންފި އެވެ.

އުމުރު ފުޅުން ހަތްދިހަ އަހަރުގެ ރައީސްއަށް މިނީ ސްޓްރޯކެއް ޖެހިފައިވާ ކަމަށާއި އަދި ރައީސް ޔޫއޭއީއަށް ވަޑައިގަތީ ފަރުވާއަށްކަމަށް މާލީގެ މިލިޓަރީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އޭއެފްޕީ ނިއުސް އޭޖެންސީއިން ބުނީ ސްޓްރޯކާ ގުޅިގެން މާލީގެ ވެރިރަށް ބަމަކޯގައި ހުންނަ ހޮސްޕިޓަލެއްގައި ކުރީގެ ރައީސް ދެ ދުވަސް ވަންދެން އޮންނެވި ކަމަށާއި އަދި މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ނިކުމެވަޑައިގެންފައިވާ ކަމަށެވެ.

މާލީގެ ކުރީގެ ޗީފް އޮފް ސްޓާފް ވިދާޅުވީ ކުރީގެ ރައީސް ގައުމުން ބޭރުގައި 15 ދުވަސްވެދާނެ ކަމަށެވެ.

މާލީގެ ވެރިކަން ވައްޓާލީ މިދިޔަ މަހު 18 ވަނަ ދުވަހުއެވެ. ބަޣާވާތެއް ގެނައިއިރު އެމަނިކުފާނުގެ އިސްތިއުފާއަށް އެދި އެތައް ބަޔަކު ދިޔައީ މުޒާހަރާކުރަމުންނެވެ.

ބަޣާވާތްތައް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. ނަމަވެސް މާލީގެ ގިނަ ރައްޔިތުން ދަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ.

ވެރިކަން ވައްޓާލުމަށް ފަހު އަސްކަރިއްޔާއިން ބުނީ ދެ އަހަރުގެ ތެރޭގައި ރައްޔިތުންނާ އަލުން ވެރިކަން ހަވާލުކުރާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތަކުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެެވެ.

ނަމަވެސް ހުޅަނގު އެފްރިކާގެ ލީޑަރުން މިހާރުވެސް ދަނީ އެ މުއްދަތަށްވުރެ ކުރިން ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުމަށް ފިއްތަމުންނެވެ. -- ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް