ޑެޕިއުޓީ ގަވަރުނަރުކަމަށް އިމާދަށް ރުހުން ދޭން ފާސްކޮށްފި

ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިން އިމާދު ---

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހްމަދު އިމާދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މިހާރުވެސް އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ އިމާދު، ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޭނާއަށް ރުހުން ދިނުމަށް ފެންނަ ކަމަށް އޮތީ ނިންމާފައެވެ.

މަޖިލިސް ތަޅުމުގައި މިއަދު ނެގި ވޯޓުގައި އިމާދަށް ރުހުން ދިނުމަށް ފާސްވީ 69 ވޯޓުންނެވެ.

އެމްއެމްއޭގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދަކީ އެމްއެމްއޭގެ ފަރާތުން ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް (ސީއެމްޑީ)ގެ ބޯޑު މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިމާދު ވަނީ، އިނގިރޭސީ ވިލާތުން އިކޮނޮމިކްސް އަދި ފައިނޭސްގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ. އަދި މެލޭޝިއާ އިން ހަަމަ އެ ދާއިރާ އިން ބެޗްލާސް ހާސިލްކޮށްފަ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެމްއެމްއޭއަށް 31 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ ޖުލައި މަސް ތެރޭގަ އެވެ.

comment ކޮމެންޓް