ޔޫއެފާ ނޭޝަންސް ލީގު: ފްރާންސް، ޕޯޗުގަލް އަދި ބެލްޖިއަމަށް މޮޅެއް

ފްރާންސްގެ ތަރި ކިލިއަން އެމްބާއްޕޭ ސްވިޑަން ކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ލައިވްސްކޯ

މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ފްރާންސްއާއި ޕޯޗުގަލް އަދި ބެލްޖިއަމް މޮޅުވެއްޖެ އެވެ.

ޔޫއެފާއިން މީގެ ދެ އަހަރު ކުރިން އަލަށް ތައާރަފު ކުރި ނޭޝަންސް ލީގުގެ ދެވަނަ ސީޒަން މިދިޔަ ބުރާސްފަތި ދުވަހު ފެށި އިރު ރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން އައިލޭންޑް އަތުން އިނގިރޭސިވިލާތް ހަނިގޮތަކަށް މޮޅުވި މެޗަށްފަހު، ސްވިޑަންއާއި ފްރާންސް ބައްދަލު ކުރި މެޗު ނިމުނީ 0-1 އިން ފްރާންސް މޮޅު ހޯދައިގެންނެވެ. އަދި ކްރޮއޭޝިއާ 1-4 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލުން ފެށުން ރަނގަޅު ކުރި އިރު، ޑެންމާކް އަތުން ބެލްޖިއަމް މޮޅުވީ 0-2 އިންނެވެ.

ލީގު އޭ ގްރޫޕް ތިނެއްގައި ހިމެނޭ ޕޯޗުގަލުން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި، ރޭ ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފައިވާ އިރު، އެ މެޗުގައި ޕޯޗުގަލުން ޖެހި ލަނޑުތައް ޖަހައިދިނީ ޔާއޯ ކަންސެލޯ، ޑިއޯގޯ ޔޮޓާ، ޔާއޯ ފެލިކްސް އަދި އަންޑްރޭ ސިލްވާ އެވެ. ކްރޮއޭޝިއާގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ބްރޫނޯ ޕެޓްކޮވިޗް އެވެ. ޕެޓްކޮވިޗަކީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި ކުޅުންތެރިއެކެވެ.

މީގެ އިތުރުން ފްރާންސާއި ސްވިޑެން ކުޅުނު މެޗުގައި ޗެމްޕިއަން ފްރާންސް މެޗު ކާމިޔާބު ކުރީ ކިލިޔަން އެމްބާޕޭ ކާމިޔާބު ކުރި ހަމަ އެކަނި ލަނޑުންނެވެ. މެޗުގެ ފަހު ކޮޅުގައި ފްރާންސަށް ލިބުނު ޕެނަލްޓީ އެންޓްއާން ގްރީޒްމަން ފޮނުވާލި ނަމަވެސް އެ ޕެނަލްޓީ ކާމިޔަބެއް ނުވި އެވެ.

ޑެންމާކާ ދެކޮޅަށް ކުޅުނު، ބެލްޖިއަމް މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ޖޭސަން ޑެނޭޔާ އާއި ޑްްރައީސް މާޓެންސް އެވެ. އައިސްލެންޑާ ދެކޮޅަށް ކުޅުނު އިންގްލެންޑް މެޗު ކާމިޔާބު ކުރީ 1-0 ންނެވެ. އިންގްލެންޑްގެ ލަނޑު ކާމިޔާބު ކުރީ ރަހީމް ސްޓާލިން އެވެ.

comment ކޮމެންޓް