ރާއްޖެއަކު އެހެން ގައުމެއްގެ ހަތިޔާރު އެޅި ފައުޖެއް ނެތް: އެމްއެންޑީއެފް

ޖުލައި 5، 2020: ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަޅުތުއްކަލާ ކޮށީގައި ސިފައިންނާއި ބައްދަލުކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އެހެން ގައުމެއްގެ ހަތިޔާރު އެޅި އަސްކަރީ ސިފައިން ނުތިބޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެސެންސް އެއް ރާއްޖޭގައި ނެތް ކަމަށެވެ.

"ރާއްޖޭގައި މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް އެއްވެސް ގައުމެއްގެ ނެތްކަން ފާހަގަކޮށްލަން. ތަފްސީލަށް ދަންޏާ، ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެ އަކު ނެތް،" ޝަމާލް ވިދާޅުވި އެވެ.

އެހެން ނަމަވެސް ހިއުމެނިޓެރިއަން ރޯލެއްގައި، އިންސާނީ ހިދުމަތްތަކެއް ދިނުމަށް، ބޭރު ގައުމުތަކުގެ ޓެކްނީޝަނުންގެ އެހީތެރިކަން އަބަދުވެސް ހޯދަމުން އަންނަ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި އެއީ އެންމެ ކުރިން ފެށިގެން ވެސް ކަން ކުރަމުން އަންނަ ގޮތްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެތައް ގައުމަކާ ގުޅިގެން، ތަފާތު އެކި ހަރަކާތްތައް ސިފައިން ކުރިއަށް ގެންދާކަން ވެސް ޝަމާލް ފާހަގަކުރެއްވިއެވެ.

"އޭގެ ތެރޭގައި ތަމްރީނުތަކާ، ޖޮއިންޓް އެކްސަސައިޒް ތަކާ އަދި ހަމަ އެހެންމެ އެކިއެކި ލެވެލް ތަކުގެ ވިޒިޓްތަކާ، ހިއުމަނިޓޭރިއަން ރޯލުގައި ދިމާވާ ބޮޑެތި ކަންތައްތަކުގައި ވެސް އެހީތެރިކަން އަޅުގަނދުމެން ހޯދަމުން މި ގެންދަނީ،" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް މިއަދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާ، އިސްތިގުލާލާ، ސިޔާދަތު ދެމެހެއްޓުމުގަޔާއި ނެގެހެއްޓުމުގައި ދިވެހި ސިފައިން ސާބިތުކަންމަތީ މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެސް ވަނީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ގެއްލުންވާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.

"އަޅުގަނޑުމެން ދިވެހި ސިފައިންނަކީ އަބަދުވެސް އަޅުގަނޑުމެން ކޮށްފަ އޮންނަ ހުވަޔާ އެއްގޮތަށް، އިސްލާމްދީނާ ރާއްޖެ ދިފާއު ކުރުމުގައި ފުރާނައިން ގުރުބާން ވާން ޖެހުނު ނަމަވެސް، ގުރުބާން ވާން ތައްޔާރަށް ތިބޭނެ ކަމަށް ހުވާ ކޮށްގެން ތިބޭ ބައެއް. އެ ހުވާގެ މަތީގައި ދިވެހި ސިފައިން އަބަދުވެސް ދެމި ތިބޭނެ. އަޅުގަނޑުމެން ތިބޭނީ އެގޮތަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންސީޓީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ރާއްޖޭގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް، ގިނަ ގައުމުތަކަކާ އެކު ގުޅުން ބަދަހިކުރަމުން އަންނަ ކަމަށެވެ.

ވަކިން ހާއްސަކޮށް، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއަށްފަހު ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކޮށް ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވެސް ވަނީ، ސިފައިންގެ ވާޖިބު އަދާކުރުމުގައި ފަސް ނުޖެހޭނެ ކަމަށާއި، އަދި ގައުމުގެ މިނިވަންކަމަށް ބުރުލެއް އަރާނެ ފަދަ އެއްވެސް ކަމެއް ސިފައިން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ސަރަހައްދީ ގުޅުންތަކާއި، ސަރަހައްދީ ބައިވެރިވުމާއި ސަރަހައްދީ އެއްބައިވަންތަކަމުގެ ތެރޭގައި ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބޭނެ ރައްކާތެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ބޭރުގެ އެހީތެރިކަން ހޯދުމުގެ މާނައަކީ ގައުމުގެ އިސްތިގުލާލު ދީލާލުން ނޫން ކަމަށެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެން ގައުމީ ސަލާމަތާ ރައްކާތެރިކަން، އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާ އިސްތިގުލާލު އެހެން ބައެއްގެ އަތްމައްޗަށް ދީލާލަނީކީއެއް ނޫނޭ. އެއީކީ އަޅުގަނޑުމެން ކުރާނެއް ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް