ބިމާ ބެހޭ ޤާނޫނަށް ދެތިން އިޞްލާޙެއް

ފެބްރުއަރީ 2، 2019: ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ގިނަ އިޞްލާޙުތަކެއް ގެންނާން ޖެހޭކަމާ މެދު ދެބަސް ވާނެ މާކަ ގިނަ ބަޔަކު ތިބޭނެހެން ހިއެއް ނުވެއެވެ. ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގައި، ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާން ވަނީ ޖެހިފައެވެ. އެގޮތުން އިޞްލާޙު ކުރާން ޖެހޭ އެންމެ މުހިއްމު އެއް ޤާނޫނަކީ ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނެވެ. އިޞްލާޙު ކުރުމޭ މި ދަންނަވަނީ، މުޅި ޤާނޫނު މުރާޖަޢާ ކޮށް، ޤައުމުގެ ކަމުވޮށިގެންވާ އަދި ހަރުދަނާ ފަރާތްތަކާއި، ކަމާ ގުޅުން ހުރި އެކިއެކި ފަރާތްތަކުގެ މަޝްވަރާ ވެސް ހޯދައިގެން، މުޅި ޤާނޫނު އަލުން ލިޔާ ވާހަކައެވެ. އަޅުގަނޑުގެ ނަޒަރުގައި މިހާރު އޮތް ބިމާ ބެހޭ ޤާނޫނު އެހައި ވެސް ގޯހެވެ.

ބިމާ ބެހޭ ޤާނޫނުގައި ހުރި ހުރިހައި ގޯސްތަކެއްގެ ވާހަކަ ދެއްކުމަކީ މި ބާވަތުގެ ލިޔުމެއްގައި ކުރެވޭނެ ކަމެއް ނޫން ކަމުން، މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވޭ ބައެއް ދެތިން ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ.

ފުރަތަމަ އިޞްލާޙަކީ، ދައުލަތުން އަމިއްލަ ފަރުދުންނަށާއި، ކުންފުނިތަކާއި ޖަމްޢިއްޔާޖަމާޢަތްތައް ފަދަ ޤާނޫނީ ޝަޚްޞުތަކަށް ބިން ދޫ ކުރާ އިރު، ދޫ ކުރެވޭނެ ބިމުގެ ވައްތަރުތައް ހަރުދަނާ ގޮތެއްގައި ކަނޑައެޅުމެވެ. އެއީ، ދިރިއުޅޭން ދޫކުރާ ބަންޑާރަ ބިމާއި، ދިރިއުޅޭން ދޫކުރާ އަމިއްލަ ބިމާއި، ދިރިއުޅޭ ތަންތަން ވިޔަފާރި އުޞޫލުން ތަރައްޤީ ކުރުމަށް ޓަކައި ރިއަލް އެސްޓޭޓު ވިޔަފާރި ކުންފުނިތަކަށް ދޫކުރާ ބިމާއި، ވިޔަފާރި ކޮށްގެން މާލީ ނަފާ ހޯދުމުގެ މަޤްޞަދެއް ނެތި އިޖުތިމާޢީ ޚިދުމަތްތައް ދިނުމަށް ޓަކައި އަދި ޔަތީމުޚާނާތައް ފަދަ ތަންތަން ހަދައި ހިންގުމަށް ޓަކައި ދޫކުރާ ބިމާއި، ވިޔަފާރި އާއި އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރާ ބިމާއި، ދަނޑުވެރިކަމަށް ދޫކުރާ ބިންތައް ފަދަ ވައްތަރުތަކަށެވެ.

މި ގޮތުގެ މަތީން، ދޫކުރެވޭނެ ބިންތަކުގެ ވައްތަރުތައް ކަނޑައެޅުމަށް ފަހު، ކުރާން ވީ އެންމެ މުހިއްމު އެއް ކަމަކީ، ދިރިއުޅުމަށް ޓަކައި ދޫކުރާ ބިންތަކުގައި، އުޞޫލެއްގެ ގޮތުން ދިރިއުޅުން ނޫން އެހެން ބޭނުމެއް ނުކުރެވޭ ގޮތް ހެދުމެވެ. މިހާރު އަޅުގަނޑުމެންނަށް ފެންނަނީ، ދިރިއުޅޭން ސަރުކާރުން ދޫ ކޮށްފައި ހުންނަ ބިންތައް ލައްކައިން ކުލި ނަގައިގެން ގައުމުގެ އެންމެ ބޮޑެތި ކުންފުނިތަކަށް ދޫ ކޮށްގެން އުޅޭ ތަނެވެ. އެ ބިންތަކުގައި ދިހަ ބާރަ ފަނަރަ ބުރީގެ "ކޮންޑޮމީނިޔަމްތައް" އަޅައިގެން "ރިއަލް އެސްޓޭޓް ވިޔަފާރި" ކުރާ މަންޒަރެވެ. އެ ބިންތަކުގައި ޓުއަރިސްޓު ހޮޓާތަކާއި ރެސްޓޯރަންޓުތައް ހަދައިގެން ވިޔަފާރީގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނެވެ. މިއީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ކަމަކަށް ނުފެނެއެވެ. ދައުލަތުން ކޮންމެ ރައްޔިތަކަށް ވެސް ދިރިއުޅޭން ދޭ ބިން، ބޭނުން ކުރެވޭން ވާނީ ދިރިއުޅުމަށެވެ. އެތަނުގައި އިމާރާތް ކުރެވޭން ވާނީ ދިރިއުޅޭ ގެދޮރެވެ. ވިޔަފާރި އުޞޫލުން އެޕާޓުމަންޓުތަކާއި ފުލެޓުތައް އެޅޭން ވާނީ، ރިއަލް އެސްޓޭޓު ވިޔަފާރި ކުރާ ކުންފުނިތަކަށް، ވިޔަފާރި އުޞޫލުން ގެދޮރު ހަދައި ވިއްކުމާއި ކުއްޔަށް ދިނުމުގެ ވިޔަފާރި ކުރުމަށް ޓަކައި ދެވޭ ބިންތަކުގައެވެ. މިހެން ދެންނެވި ނަމަވެސް، ދިރިއުޅޭން ދޫ ކުރާ ބިމެއްގައި ވެސް، ހަރުދަނާ ގޮތެއްގައި ތަންޒީމު ކުރެވިގެން، ވަކި ބާވަތެއްގެ ކުދި ވިޔަފާރިތައް ކުރުން ހުއްދަ ކުރުން މުހިއްމެވެ. އެއީ އަމިއްލަ ފަރުދުން ނުވަތަ ޢާއިލާތަކުން، ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި ކުރާ ކުދިކުދި ވިޔަފާރިތަކާއި، ބައެއް ކަހަލަ ޕްރޮފެޝަނަލް މީސްމީހުން އަމިއްލަ ގޭގައި މަސައްކަތް ކޮށްގެން އާމުދަނީ ހޯދުމުގެ ދޮރު ބަންދު ނުކުރުމަށް ޓަކައެވެ. މި އުޞޫލުން، މީސްމީހުން ގޭގައި ހެދިކާ ހަދައިގެން ވިއްކުމާއި، ކޭކު އަޅާ މީހުން އެ މަސައްކަތް ގޭގައި ކުރުމާއި، އެކައުންޓެންޓުންނާއި ޤާނޫނި ވަކީލުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަންތަކުގެ މީހުން އަމިއްލަ ޕްރެކްޓިސް، އަމިއްލަ ގޭގައި ހަދާ އޮފީހަކުން ކުރިޔަށް ގެންދިޔުން ފަދަ ވިޔަފާރިތައް ހުއްދަ ކުރެވިދާނެއެވެ. މި ދަންނަވަނީ އިނގިރޭސި ގޮތަށް ކިޔާ ނަމަ "ސޯލް ޓްރޭޑަރ" އަދި ކުދި "ފެމިލީ ބިޒްނަސް" ތަކުގެ ވާހަކައެވެ. މި ނޫން ވިޔަފާރިތައް ކުރުމަށް ޓަކައި، ދިރިއުޅޭން ދޫ ކޮށްފައި ހުންނަ ބިމާއި ފުލެޓުތައް ފަދަ ތަންތަން ބޭނުން ކުރުމުގެ ސަބަބުން ނުކުންނަނީ އެތައް މައްސަލަތަކެވެ. ހަމަ އެހެންމެ، ބަޔަކު އެ ބަޔެއްގެ ގޯތީގައި ދިރިއުޅުމަށް ޓަކައި އަޅައިފައި ހުންނަ ގެއެއް، އެ ބަޔަކު އެ ގޭގައި ނުއުޅޭ ޙާލަތެއް އައިސްގެން، އެހެން ބަޔަކަށް ކުއްޔަށް ދިނުމަކީ ވެސް މައްސަލަޔަކަށް ވެގެން ނުވާނެއެވެ.

ޤާނޫނު އިޞްލާޙު ކޮށްގެން ދެން ގެންނާން ޖެހޭ އެންމެ މުހިއްމު އެއް ބަދަލެއް ކަމަށް ފެންނަނީ، މީހުން ދިރިއުޅޭ ގެދޮރަކީ ޒަމާނީ މުޖުތަމަޢަކާ އެކަށޭނަ މިންގަނޑުތަކެއްގެ ތެރޭގައި ބިނާ ކުރެވޭ ތަނަކަށް ހެދުމެވެ. މިންގަނޑުތައް ކަނޑައަޅާ އިރު، ފުލެޓު ހިމެނޭ ކޮންޑޮމީނިޔަމެއް ވިޔަސް، އަދި ގޯއްޗެއްގައި ވިޔަސް، ގޯތީގައި ހުރިހައި ފަރާތަކުން ވަކި ވަރަކަށް ހުސް ޖާގަ ބޭއްވުން މަޖުބޫރު ކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ. އެ ހުސް ޖާގައިގައި ބަގީޗާ ހެއްދުމާއި، އެ ގެއެއްގައި ގެންގުޅޭ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކު ކުރުމާއި، އަލިފާނުގެ ޙާދިސާއެއް ހިނގުން ފަދަ ޙާލަތުގައި އަލިފާން ނިއްވާ ޚިދުމަތްތެރީންނަށް ޙަރަކާތްތެރި ވާނެ ޖާގަ ބޭއްވުން ފަދަ މަޤްޞަދުތަކަށް ޓަކައެވެ. މީގެ އިތުރުން، ކޮންމެ ގެއެއްގައި ވެސް ނަންބަރު ދެވިފައި ވާ ޕޯސްޓު ފޮށްޓެއް ބެހެއްޓުން ލާޒިމު ކުރުމަކީ ވެސް މުހިއްމު ކަމެކެވެ.

ޤާނޫނަށް ގެނެވޭ އިޞްލާޙަކުން، ދެން ކުރާން ޖެހޭ އެންމެ މުހިއްމު އެއް ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ގޯތި ނުވަތަ ފުލެޓު ހޯދުމުގައި މިހާރު ހުރި ހުރަސްތައް ނައްތައިލުމާ އެކު، ކޮންމެ މީހަކަށް ވެސް ގޯއްޗާއި ފުލެޓު ދައުލަތުން ދޭނެ މިންވަރެއް ކަނޑައެޅުމެވެ. އެ މިންވަރު ކަނޑައަޅާން ވާނީ ވަރަށް ފަރުވާތެރިކަމާ އެކު ކުރެވޭ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށެވެ. އަދި އެ މިންވަރު ކަނޑައަޅާން ވާނީ، ދައުލަތުން ދޫކުރާ ގޯއްޗާއި، އަދި ފައިސާ ދައްކާ ގޮތަށް ނަމަވެސް، ދޭ ފުލެޓުތަކުގެ ތެރެއިން އެކަކަށް ނުވަތަ އެއް ޢާއިލާޔަކަށް މާ ގިނައިން ނުލިބޭ ގޮތަށެވެ. ގޯތި ނުވަތަ ފުލެޓު ބޭނުންވާ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭ އުޞޫލަކުން އެކަން ކުރެވޭނެ ގޮތަށެވެ. ފައިސާވެރި މުއްސަނދީންނަށް ވެސް، ވަކި ޢަދަދަކަށް ވުރެ ގިނައިން ގޯއްޗާއި ފުލެޓު ގަނެގެން ވެސް މިލްކު ކުރުމުގެ ހުއްދަ އޮތުމެއް ނުފެނެއެވެ. މިސާލަކަށް، އެކަކަށް ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗާއި ފުލެޓު ހިމެނޭ ގޮތުން 10000 އަކަފޫޓަށް ވުރެ ގިނައިން، އަދި މުޅި ރާއްޖެއިން 30000 އަކަފޫޓަށް ވުރެ ގިނައިން، މިލްކު ނުކުރެވޭ ގޮތް ހެދިދާނެއެވެ. އަދި ފުރަތަމަ 5000 އަކަފޫޓަށް ފަހު، ދެން ގަނެގެން ވިޔަސް މިލްކު ކުރާ ކޮންމެ އަކަފޫޓަކުން، މިލްކު ކުރާ މިންވަރު ގިނަ ވާ ވަރަކަށް ރޭޓު ބޮޑު ވާ އުޞޫލުން، ދައުލަތަށް ޓެކްސް ނެގުމަކީ ވެސް ވިސްނައިލުން ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށް ދެކެމެވެ.

ގެދޮރާއި ބިމާ ބެހޭ ޤާނޫނުގައި ހުރި ބޮޑެތި މައްސަލަތަކުގެ ނަތީޖާއެއްގެ ގޮތުން، ވަރަށް ބޮޑެތި ދަތިތަކާއި ނުބައިތައް އަޅުގަނޑުމެންގެ ތެރޭގައި ވަނީ ފެތުރިފައެވެ. ހަމައެހެންމެ، އަޅުގަނޑުމެންގެ ވިޔަފާރީގެ ދާއިރާ އާއި އިޤްތިޞާދު ކުރި އެރުވުމުގައި ވެސް، ބިމާ ބެހޭ ކަންކަން މިހާރު ހުރި ގޮތުން ހުރަސްތައް އެޅޭ ކަމަށް އަޅުގަނޑު ދެކެމެވެ.

ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.

މީހުން ދިރިއުޅޭ ގެދޮރާއި، ގެއެއްގައި ދިރިއުޅޭ މީހުންނާ ބެހޭ މަޢުލޫމާތާއި ކަންކަން ރަނގަޅަށް ތަންޒީމު ނުކުރެވުމުގެ ސަބަބުން ނުކުންނަ މައްސަލަތަކަށް ބަލައިލަމާތޯއެވެ! ރަށެއްގެ ޢާއިލާއެއް، އެމީހުންގެ ގެދޮރު ތަޅުލައިފައި، ތަކެތި ހިފައިގެން މާލެއަށް އައިސް މާލެއިން ތަނެއް ކުއްޔަށް ހިފައިގެން، ދަރީންކޮޅު މާލޭގެ މަދަރުސާޔަކަށް ވައްދައިގެން އުޅޭން ފަށާން ވީއެވެ. މި ކަންކަން ހިނގައިފިކަން ރަސްމީ ސިފައެއްގައި އެނގޭ އިދާރާއެއް ދިވެހި ދައުލަތަކު ނުހުންނާނެއެވެ. ރަށުގައި ހުރި ގެއަކީ ފަޅު ގެއެއްކަން ރަސްމީ ހައިސިއްޔަތުން ދަންނަ އިދާރާއެއް ނުހުންނާނެއެވެ. ގޭގެ އަހުލުވެރީން މިހާރު ދިރިއުޅެނީ މާލޭގައިކަން ވެސް ރަސްމީ ސިފައެއްގައި ދަންނަ އިދާރާއެއް، އޮފިޝަލެއް، އެކަން ރިކޯޑު ކުރެވިފައި ވާ އެއްވެސް ރިކޯޑެއް ދިވެހި ދައުލަތުގެ އެއްވެސް ތަނެއްގައި ނުހުންނާނެއެވެ. އެއްކަލަ ޢާއިލާގެ މެންބަރުން މާލޭގައި އުޅެނީ ކޮން އެޑްރެހެއްގައިކަން، ރަސްމީ ސިފައެއްގައި ރިކޯޑު ކުރާ އެއްވެސް އިދާރާއެއް ނުހުންނާނެއެވެ. ކުދީންކޮޅު މަދަރުސާޔަށް ވައްދާ އިރު، މަދަރުސާގެ ބޭނުމަށް، ކުދީންނާއި ބެލެނިވެރިޔާގެ އެޑްރެސް ހޯދައިފާނެއެވެ. ނަމަވެސް އެހެން ތަނަކުން އެވަރު ވެސް ނުކުރާނެއެވެ. އެހެންކަމުން، ކުރު ގޮތަކަށް ދަންނަވަންޏާ، ދިވެހި ދައުލަތަކަށެއް ދިވެހި އެއްވެސް ރައްޔިތަކު އުޅެނީ ރާއްޖޭގެ ކޮން ތަނެއްގައިކަމެއް ނޭނގޭނެއެވެ. އެއްކަލަ ޢާއިލާގެ މީހަކަށް ކޯޓަކުން، އެ ކޯޓަށް ހުށައެޅޭ މައްސަލަޔަކާ ގުޅިގެން ޗިޓެއް ފޮނުވާން ވެއްޖެ ނަމަ، ކަންތަކާ ޖެހުނީއެވެ. ކޯޓުގެ މުއައްޒަފު އެ ޗިޓު ޖީބަށް ލައިގެން، އެއް ތަނަކަށް ގޮސްފައި، އަނެއް ތަނަކަށް ގޮސްފައި، އެކަކަށް ގުޅައިފައި، އަނެކަކަށް ގުޅައިފައި، އެ މީހަކާ ބައްދަލު ނުވެގެން، އެ މީހަކު ނުފެނިގެން އަހަރު ދުވަސް ވާންދެން އުޅޭން ވެސް ޖެހިދާނެއެވެ. މިހެން ދެންނެވީމާ، އަޅުގަނޑު ކަންތައް ބޮޑު ކުރަނީއޭ ހީފުޅު ނުކުރައްވައްޗެވެ. ހަމައެކަނި ސިވިލް ކޯޓުން މަޢުލޫމާތު ސާފު ކޮށްލެއްވިޔަސް، ދަޢުވާ ރައްދު ވާ މީހާ އުޅޭނުއުޅޭ ތަނެއް، އޭނާޔާ ޗިޓު ޙަވާލު ކުރާނެ ގޮތެއް ނުފެނިގެން މައްސަލަ ކުރިޔަށް ނުގެންދެވި އަހަރަކަށް ވުރެ ގިނަ ދުވަސް ވެސް ވެފައި ހުންނަކަން ކަށަވަރު ވެވަޑައިގަންނަވާނެއެވެ. އެހެން ނުކުތާޔަކަށް ބަލައިލާ ނަމަ، މިއިން އެއްވެސް ގެއެއްގައި ޕޯސްޓު ފޮށްޓެއް ނުހުންނާނެއެވެ. އެހެންކަމުން، ޕޯސްޓުން އެއްޗެއް އަޔަސް، އަދި ކަރަންޓު ބިލު ނުވަތަ ފެންބިލު ފަދަ ބިލެއް ހިފައގެން މީހަކު އަޔަސް، އެ އެއްޗެއް ލާނެ ތަނެއް ނުހުންނާނެއެވެ. ސަލާން ގޮވައިގެން، ބައެއް ފަހަރު އެތައް އިރަކު ގޭދޮށުގައި އުޅެގެން، މީހަކާ ދިމާ ނުވެއްޖެ ނަމަ، ދެން ޖެހޭނީ އެ ގެނައި އެއްޗެއް ގޭގެ ދޮރުދަށުން ކޮއްޕައިލާށެވެ. ނުވަތަ ފާރުގައި ހުންނަ ބޯޑެއް ފަދަ އެއްޗަކާ ފާރާ ދެމެދަށް ކޮއްޕައިލައިފައި ދާށެވެ.

މިއީ ޙައްލު ކުރުން މުހިއްމު މައްސަލަތަކެއް ކަމަށް ދެކެވަޑައިނުގަންނަވަމުތޯއެވެ؟

ވިޔަފާރި އާއި އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރާ ބިމާއި، ދަނޑުވެރިކަމަށް ދޫކުރާ ބިންތައް ދޫކުރުމުގައި ވެސް ހަރުދަނާ އުޞޫލެއް ނެތުމުގެ ސަބަބުން ބޮޑު އެތައް މައްސަލަތަކެއް އަޅުގަނޑުމެންގެ ތެރޭގައި ވަނީ ޢާއްމު ވެފައެވެ. އެއް މައްސަލަޔަކީ، ވިޔަފާރިޔަށް ދޫކުރާ ބިންތަކުން ވަކި އުޞޫލަކުން އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ޓެކްސް ނެގުމުގެ ނިޒާމެއް ޤާއިމު ކުރުން ދަތި ނުވަތަ މުސްތަޙީލު ވުމެވެ. އަނެއް މައްސަލަޔަކީ، ވެރިރަށް މާލޭގައި ވިޔަފާރިޔަށް ބޭނުން ކުރެވޭ ބިންތަކަކީ އަމިއްލަ ފަރުދުންގެ ބިންތައް ކަމުގައި ވުމުން، ޤައުމީ މަޞްލަޙަތަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކުރާ "ފްރީ މާކެޓެއްގެ" ތެރެއިން އެ ބިންތަކުގެ ކުލި ޙައްދު ފަހަނައަޅައި ދާ ހިސާބަށް ބޮޑު ވުމެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މާލޭގައި ހުންނަ ގިނަ ފިހާރަތަކަކީ އަމިއްލަ މީސްމީހުންނަށް ދައުލަތުން ދިރިއުޅުމަށް ޓަކައި ދޫ ކޮށްފައި ހުންނަ ބަންޑާރަ ނުވަތަ އަމިއްލަ ގޯތިތަކުގައި ހަދައިފައި ހުންނަ ތަންތަނެވެ. މި ފިހާރަތަކުގެ ކުލި ވިޔަފާރިވެރީންނަށް ކިރިޔަކިރިޔާ އޮބިއޮންނަ ހިސާބުގައި ހުންނަ އިރު، ފިހާރަތަކުން ވިއްކާ މުދަލުގެ އަގު ބޮޑު ވާ އެންމެ ބޮޑު ސަބަބަކީ ވެސް ހިސާބަށް ވުރެ ބޮޑު ކުއްޔެވެ. ހަމައެހެންމެ، އަމިއްލަ މީސްމީހުންގެ ބިންތަކުގައި ފިހާރަތަކާއި ވިޔަފާރިތައް ޤާއިމު ކޮށްގެން އުޅޭ އިރު ދިމާ ވާ ބޮޑު އަނެއް މައްސަލަޔަކީ، ބިމުގެ ވެރިފަރާތުން ބިމުގައި އައު ޢިމާރާތެއް އަޅާން ބޭނުން ވުމުން، ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ދޭން ބޭނުން ވުމުން، އެއްބަސްވުން ބާޠިލު ކޮށްފައި ބިން އަތުލާ މައްސަލައެވެ. މިފަދަ ޙާލަތު މެދުވެރި ވެގެން ކުރަމުން ދާ ވިޔަފާރި ހުއްޓައިލާން ޖެހުމަކީ ވެސް ބައެއް ވިޔަފާރިވެރީންނަށް ދިމާ ވެފައި ވާ ގޮތެވެ. އިތުރު މައްސަލައެއްގެ ވާހަކަ ދަންނަވަނީ ނަމަ، ދިރިއުޅޭން ދައުލަތުން ދޫކޮށްފައި އޮންނަ ބިން ފަސްދޮޅަސް ހަތްދިހަ ހާސް ނުވަތަ އެޔަށް ވުރެ ވެސް ބޮޑު ކުއްޔެއްގައި ވިޔަފާރިވެރިޔަކަށް ދޫކޮށްފައި، ދެން ހަމަ ހައްދަވައިގެން އެއްވެސް މަސައްކަތެއް ނުކޮށް، ޤައުމުގެ އިޤްތިޞާދަށް މަސައްކަތްތެރިކަމުގެ އެއްވެސް ހިއްސާއެއް ނުވެ، ދެއަތް އުރައިލައިގެން، ކުލި ކައިގެން އުޅޭ މީހުންގެ މައްސަލަޔަކީ ކުޑަ މައްސަލައެއްތޯއެވެ؟ އެފަދަ އެތައް ބަޔަކު ރާއްޖެއިން ބޭރުގެ މުއްސަނދި ގައުމުތަކުގައި ދިރިއުޅެ، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ބޮޑު ބައެއް ޤައުމުން ބޭރަށް އުފުލާ މައްސަލަޔަކީ ކުޑަ މައްސަލައެއްތޯއެވެ؟

ވިޔަފާރި އާއި އިޤްތިޞާދީ މަސައްކަތްތަކަށް ޓަކައި، ކަނޑައެޅޭ އުޞޫލުތަކުގެ ތެރެއިން، ބިން ހޯދުމުގެ ފުރުޞަތު ހަމަ ކޮންމެ ރައްޔިތަކަށް ވެސް އޮންނާން ވާނެއެވެ. އެފަދަ ބިންތަކުގައި ދަނޑުވެރިކަން ކުރުމާއި، ސިނާއީ މަސައްކަތްތައް ކުރުމާއި، ފިހާރަ ހެދުމާއި، ދެންވެސް ވިޔަފާރިއާއި އިޤްތިޞާދީ އެކިއެކި މަސައްކަތްތައް ކުރުމަށް ޓަކައެވެ. ރިއެލް އެސްޓޭޓް ތަރައްޤީ ކުރުމުގެ އުޞޫލުތަކާ އެއްގޮތަށް، ވިޔަފާރި އުޞޫލުން އޮފީސް ޓަވަރުތަކާއި ފިހާރަ މޯލުތައް ހެދުމަށް ޓަކައި ވެސް ބިން ދޫ ކުރާން ވާނެއެވެ. ނަމަވެސް ވިޔަފާރި އާއި އިޤްތިޞާދީ ޙަރަކާތްތަކަށް ޓަކައި ބިން ދޫކުރާން ވާނީ، ވިޔަފާރި އާއި އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރާ ބިމުގެ ގޮތުގައެވެ. އެ ބިންތަކުގެ ރަޖިސްޓްރީގައި އޮންނާން ވާނީ ވެސް، ބިމަކީ ވިޔަފާރި އާއި އިޤްތިޞާދީ މަސައްކަތްތަކަށް ދޫ ކުރެވުނު ބިމެއް ކަމުގައެވެ. ކޮންމެ ރަށެއްގައި ވެސް، ދިރިއުޅުމަށް ޓަކައި ދޫކުރާ ބިންތަކާއި، ވިޔަފާރި އާއި އިޤްތިޞާދީ ޙަރަކާތްތަކަށް ޓަކައި ދޫކުރާ ބިންތައް އޮންނާން ވާނީ ރަށުގެ ޢުމްރާނީ ޕްލޭނެއްގެ ތެރެއިން ކަނޑައެޅިފައެވެ. އެ މީހެއްގެ ބިމަކީ އެމީހެއްގެ އަމިއްލަ މުދަލޭ، ބިމުގައި އިސްލާމް ދީނާއި ޤާނޫނުން ޖަރީމާއެއް ކަމުގައި ކަނޑަނާޅާ ކޮންމެ ކަމެއް ކުރެވޭނެޔޭ ކިޔައިފައި، ޖެހުނު ބިމެއްގައި، ޖެހުނު ކޮންމެ ތަނެއްގައި، ޖެހުނު ކޮންމެ ކަމެއް ކުރެވޭ ގޮތަށް އޮތުމަކީ ރަނގަޅު ގޮތެއް ކަމުގައެއް ނުފެނެއެވެ.

ކޮންމެ ރަށަކުން ވެސް ވިޔަފާރި އާއި އިޤްތިޞާދީ ބޭނުންތަކަށް ޓަކައި ދޫކުރާ ބިންތަކުގެ ބެލެނިވެރިކަން އެ ރަށެއްގެ ކައުންސިލާ ޙަވާލު ކޮށް، އެ ބިންތައް ކުއްޔަށް ދޫ ކުރުމުގެ ކަންކަން ވެސް އެ ރަށެއްގެ ކައުންސިލަށް ދޫ ކުރެވިދާނެއެވެ. އަދި އެތަންތަނުން ލިބޭ އާމުދަނީ އަކީ އެ ރަށެއްގެ ކައުންސިލުގެ ބަޖެޓުގައި ހިމެނޭ ފައިސާ ކަމުގައި ހެދުން ވެސް މުހިއްމެވެ. ހަމަ އެހެންމެ، ކުރެވިދާނެ އެއް ކަމަކީ، ރާއްޖޭގެ ރަށްރަށުގައި މި ގޮތުން ވިޔަފާރި އާއި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ ކުރެވޭ ބައެއް ބިންތައް، އެސްޓީއޯ އާއި، އެމްޓީސީސީ ފަދަ ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް ދިނުމެވެ. އެއިރުން އެ ކުންފުނިތަކަށް އެ ބިންތަކުގައި ވިޔަފާރި މޯލުތަކާއި، މީހުން ދިރިއުޅޭ ކޮންޑޮމީނިޔަމްތަކާއި، އޮފީސް ޓަވަރުތައް ބިނާ ކޮށްގެން، ވިޔަފާރި އުޞޫލުން އެ ތަންތަނުން މީހުންނަށް ފުލެޓުތައް ވިއްކައި، ފުލެޓުތަކާއި އޮފީސް ޖާގަޔާއި ފިހާރަ ޖާގަ ވިއްކައި ނުވަތަ ކުއްޔަށް ދީ ހެދިދާނެއެވެ. މިހެން ކަންތައް ކުރެވިއްޖެ ނަމަ، ވިޔަފާރިވެރީންނަށް ފިހާރަ ހަދާނެ ތަންތަން ވެސް މިހާރަށް ވުރެ ކުޑަ ކުއްޔެއްގައި ލިބޭނެ މަގު ތަނަވަސް ވާނެއެވެ. މިސާލަކަށް، މާލެއިން ނުވަތަ ހުޅުމާލެއިން، އެސްޓީއޯއަށް ދިހަވަރަކަށް ހާސް އަކަފޫޓުގެ ބިމެއް ކުއްޔަށް ދީފައި، ފަސް ހަ ބުރީގެ ޢިމާރާތެއް އަޅައިގެން ވިޔަފާރި މޯލެއްގެ ގޮތުގައި ތަން ހިންގާން ޙަވާލު ކުރުމުން، އެތަނުން ކިތައް ފިހާރަޔަށް ޖާގަ ލިބޭނެތޯއެވެ! ރެސްޓޯރަންޓާއި، ސިނަމާތައް ފަދަ ތަންތަން ހިމެނޭ ގޮތަށް އެތަންތަން ތަރައްޤީ ކުރުމުން، މީހުންނަށް ބާޒަރު ކޮށްލާން ގޮސް އުޅެލެވޭ ކަހަލަ ހިތްގައިމު ތަނަކަށް އެތަން ނުވާނެތޯއެވެ؟ މި ދަންނަވާ ވަރުގެ ބިމެއްގައި، ތިން ފަރާތުންނާއި ގްރައުންޑް ފްލޯރގައި ޕާކު ކުރާނެ ޖާގަ ބާއްވައިފައި، ވަށައިގެން ރީތިކޮށް ގަސް ހައްދައި، ރީތިކޮށް ޢިމާރާތް ކޮށްލުމުން، ރަށުގެ ރީތިކަން ވެސް އިތުރު ވެގެން ދާނެ ނޫންތޯއެވެ؟ މި ވަރުގެ ދެ މޯލު މާލޭގެ ދެ ސަރަޙައްދެއްގައި ހެދިޔަސް، އަޅުގަނޑު ހިތުން މަޖީދީ މަގައި ހުރި ހުރިހައި ފިހާރަތަކެއް އެ ދެ ތަނުގައި ބެހެއްޓޭނެއެވެ. އެއިރުން އެ ހުސް ކުރެވުނީ ކިތައް ބިންތޯއެވެ! މި ތަންތަނުން ސަރުކާރާއި ތަން ޑިވެލޮޕް ކުރާ ފަރާތާ ދެމެދުގައި އެއްބަސް ވާ ވަކި ރޭޓަކަށް ވުރެ ބޮޑު ނުވާ ކުއްޔެއް ނެގުން ލާޒިމު ކޮށްލުމުން، ވިޔަފާރިވެރީންނަށް ކުލި ކުޑަ ކުރެވި، ފައިދާ ބޮޑު ކުރެވި، ތަކެތީގެ އަގު ހެޔޮ ވެސް ކުރެވުނީއެވެ. އަދި ދިގު މުއްދަތަކަށް އެ ފިހާރަތަކަށް ޖާގައިގެ ޔަގީންކަން ވެސް ލިބި، ބިމުގެ ވެރިމީހާ އެންމެ ނުވަގުތުގައި ގުޅައިލައިފައި، ކޮބާ ބިން ހުސް ކޮށްލާން ޖެހިއްޖެޔޭ، މިހެން ބުނުމުން އެ ތަޙައްމަލު ކުރާން ޖެހޭ ހާސްކަމާއި ކަންބޮޑުވުންތަކާއި ތަކުލީފުތަކުން ވެސް އިރާދަފުޅުން ސަލާމަތް ވާނެއެވެ.

މި ކަހަލަ އިތުރު އެތައް ވާހަކައެއް މި މައުޟޫޢުގައި ދެއްކިދާނެއެވެ. ނަމަވެސް މި ހިސާބަށް، މި ފަހަރު ކުރު ކޮށްލަމާ ހިންގަވާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް