ލޯންޗެއް ގެއްލިގެން، ދަތުރުކުރާ މީހުން ސަމާލުވާން އެދިއްޖެ

ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ: 25 ފޫޓުގެ ގެއްލިފައިވާ ލޯންޗަކީ އއ. އަތުރުގާގެ ވޯޓާ ސްޕޯޓްސް ލޯންޗެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އއ. އަތުރުގާގެ ފަޅުގައި އަޅާފައިވާ އޮތް ލޯންޗެއްގެ ނަގިލީގެ ވާގަނޑު ކަނޑައިގެން ގޮސް އެ ސަރަހައްދުގެ ކަނޑަށް ގެއްލިފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ގެއްލިފައިވާ ލޯންޗަކީ 25 ފޫޓުގެ ވޯޓާ ސްޕޯޓްސް ލޯންޗެއް ކަމަށެވެ. އެ ހާދިސާ ރިޕޯޓުކޮށްފައިވަނީ ފަތިހު 04:39ގައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

އެ ލޯންޗުގެ ނަގިލީގެ ވާގަނޑު ކަނޑައިގެން ގޮސްފައިވަނީ 125އެޗްޕީ މާކިއުރީ އިންޖީނެއްގެ ސަބަބުން ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ގެއްލިފައިވާ ލޯންޗަކީ ރެޖިސްޓާ ކޮށްފައިވާ ލޯންޗެއް ނޫން ކަމަށްވެސް އެމްްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާއާ ގުޅިގެން އަތުރުގާ އޮންނަ ހިސާބު ކައިރިން ދަތުރުކުރާއިރު ސަމާލުވާން ވަނީ އެދިފަ އެވެ. އަދި އެއްވެސް ބަޔަކަށް ލޯންޗާ ގުޅޭގޮތުން މައުލޫމާތު ލިބިފައިވާނަމަ އެކަމެއް ހިއްސާކުރުމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑުދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް