މާރާމާރީއަކާ ގުޅިގެން ފުވައްމުލަކުން ދެ މީހުން ހައްޔަރުކޮށްފި

ފުވައްމުލައް ސިޓީ: އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުން ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައި--ސަން ފައިލް ފޮޓޯ

މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު، ފުވައްމުލަކު ސިޓީގައި ހިންގި މާރާމާރީއަކާ ގުޅިގެން، ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލަކު ސިޓީގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު މީހެއްގެ ގައިގައި ޖަހައި، މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން، މިއަދު ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ހައްޔަރުކުރި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކަކީ މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނުގައި ބައިވެރިވި އަހްމަދު ފަރަޝް އެވެ. އަދި ދެން ހައްޔަރުކޮށްފައި ވަނީ ފަރަޝްގެ ކޮއްކޮ ކަމަށް މައުލޫމާތު ލިބެއެވެ.

މާރާމާރީގައި އަނިޔާ ލިބުނު މީހާގެ އާއިލާގެ ފަރާތުން "ސަން" އަށް ބުނީ މައްސަލަ ޖެހުނީ ފަރަޝްގެ އަންހެން ކޮއްކޮއަށް، އެ އާއިލާގެ ފިރިހެން ކުއްޖަކު ގުޅުމުން ކަމަށެވެ. އެ އާއިލާއިން ބުނީ، އަންހެން ކުއްޖާއަށް ގުޅީ ފަރަޝްގެ ފިރިހެން ކޮއްކޮގެ ނަންބަރު ހޯދަން ކަމަށާއި، ގުޅުމުގެ ކުރިން ނަމްބަރު ހޯދަން މެސެޖުވެސް ކުރި ކަމަށެވެ.

"ދެން ގުޅި ގަޑީގަ އަންހެން ކުއްޖާގެ ފިރިމީހާ ފޯނު ނެގީ. ނަގާފަ ވަރަށް ހަޑިކޮށް ވާހަކަދައްކަނީ. އޭރު ބާރަ ގަޑި ކޮންމެސް އެއްޗެއް ވެއްޖެ. ދެން އެހެންވެ ކަންނޭނގެ އޭނަ ރުޅި އައީ. އެހެން ކަމަކު ކަމަށް ހީކޮށް، ވަރަށް ހަޑިކޮށް، މިގަޑީގަ ހެއްޔޯ ކަލޭ ގުޅަނީ އޭނަ ނަންބަރު ހޯދަން. ދެން އެއްޗެހި ކީ. ކީމަ ދެން ކޮއްކޮ ވެސް އެއްޗެހި ކީ،" އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭގެ 10 މިނިޓު ފަހުން ނުދަންނަ ނަންބަރަކުން ފަރޝްގެ ފިރިހެން ކޮއްކޮ ގުޅައި، ވާހަކަދައްކަން ގޭދޮށަށް އަންނަ ވާހަކަ ބުނި ކަމަށް އެ އާއިލާއިން ބުންޏެވެ. އަދި ތިން ސައިކަލުގައި ހަ މީހަކު އައިކަމަށް ބުންޏެވެ. އެމީހުން އައިސް ޒުވާބުކުރީ ވީޑިއޯތަކެއް ލީކުވި މައްސަލައެއްގައި ކަމަށާއި އެއީ ކުރިންވެސް ދެފަރާތުގެ ދެމެދުގައި ޖެހިފައި އޮތް މައްސަލައެއް ކަމަށް އާއިލާއިން ބުންޏެވެ.

އަންހެން މީހާ ބުނީ، ފަރަޝް ވަރަށް ހަޑިކޮށް ޒުވާބުކޮށް އަޑުގަދަކުރާތީ، ގޭ ދޮށުން ދުރަށް ދިއުމަށް ވެސް އެދިފައިވާނެ ކަމަށެވެ.

"ދެން ޒުވާބު ކުރަމުން ގޮސް ފުރަތަމަ ފަރަޝް ޖަހަނީ ކޮއްކޮ ގައިގަ. ކޮއްކޮ ގައިގައި ޖަހައިގެން ދެން އެތަނުން ތަޅައިގަތީ.،" އަންހެން މީހާ ބުންޏެވެ.

އަންހެން މީހާ ބުނީ ފަރަޝް ދުރުކުރެވޭތޯ އެތަނުން އެކަކު މަސައްކަތް ކުރި ކަމަށާއި އަދި އޭނާ ވެސް އަމިއްލައަށް އެ ދޭތެރެއަށް ވަދެ ފަރަޝް ދުރުކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ. އެކަމަކު ފަރަޝް އޭނާގެ މޭ މަތީގައި ވަރަށް ބާރަށް ޖެހި ކަމަށާއި ރަނގަޅަށް ނޭވާނުލެވި ދިހަ މިނެޓެއްހާ އިރު އިންނަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. އަދި އެހިސާބަށް ދިއުމުން ގޭތެރެއިން ނުކުތް އޭނާގެ މަންމަވެސް ފަރަޝް ހުއްޓުވަން އުޅުމުން ކޮއްޕާލިކަމަށް އަންހެން މީހާ ބުންޏެވެ.

އަންހެން މީހާ ބުނީ ފަރަޝް މެން އެތަނުން ދިޔައީ އޭނާގެ ދޮން ބައްޕަ ފުލުހުންނަށް ގުޅުމުން ކަމަށާއި، އެތަނުން ދަމުން "ކަލޭ މާލެ އަރައިގެން ނުވާނޭ" އޭނާ ކޮއްކޮއާ ދިމާލަށް ފަރަޝް ބުނި ކަމަށެވެ.

މާރާމާރީގައި އަންހެން މީހާގެ ކޮއްކޮއަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް އޭނާ ބުންޏެވެ. އެގޮތުން ހަތަރެސް ފަޔާއި، ބުރަކަށީގައި ޒަހަމްތައް ހުރި ކަމަށް އޭނާ ބުންޏެވެ. ފުލުހުން މިހާރު ވަނީ އެ އާއިލާގެ ބަޔާން ނަގައިފައެވެ.

ފަރަޝްގެ ކޮއްކޮ ބައެއް މީޑިއާތަކަށް ބުނެފައި ވަނީ، އެންމެ ފުރަތަމަ ޖެހީ އަނެއް އާއިލާގެ ފިރިހެން ކުއްޖާ ކަމަށާއި އަދި މާރާމާރީގައި އެއްވެސް އަންހެނެއްގެ ގައިގައި ޖަހާފައި ނުވާނެ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް