ޗެނަލް13 އިން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ވާހަކަ ލައިވްކުރި މައްސަލަ ބަލާނަން: ބްރޯޑްކޮމް

ބްރޮޑްކޮމްގެ މެންބަރުން ---

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ވާހަކަ ޗެނަލް13 އިން ލައިވް ކުރި މައްސަލަ ބަލާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމަކަށް ގުޅި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް އަލިފާން ޖަހަން ފެންނަ ކަމަށް ބުނެފައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމުގައި ދަންނަވަމެވެ." ބްރޯޑްކޮމް އިން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ޗެނަލް13 އަށް ފިޔަވަޅު އެޅުމަށް ގިނަ ފާރަތްތަކަކުން ގޮވާލަމުން ދަނިކޮށް އެ ސްޓޭޝަނުން މިރޭ ވަނީ މައާފަށް އެދިފަ އެވެ.

ޗެނަލް13 އިން ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ލިއުމެއްގައި ބުނެފައިވަނީ، އެ މީހާ ދެއްކި ވާހަކަ އަކީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށާއި އެ މީހާ އެހެން ބުނި ހިސާބުން ފެށިގެން ވަގުތުން ފޯނު ކޯލު މެދުކަނޑާލާފައިވާނެ ކަމަށެވެ.

"އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދެމެވެ،" ޗެނަލް13 އިން ބުނެފައިވެ އެވެ.

އެ ޗެނަލަކީ، އަނިޔާވެރިކަމާއި އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަން ފާހަގަކޮށް ބުނެފައިވަނީ، މުސްތަގްބަލްގައި އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާއި ހިލާފް ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބެލުންތެރިންގެ ސަމާލު ކަމަށްޓަކައި ދަންނަވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް